އިޓަލީވިލާތުގެ ސިސިލީ ސަރަހައްދުގެ މެސީނާގައި ގެވެށި އަނިޔާއިން މަންމަ ސަލާމަތްކުރުމަށްޓަކައި އުމުރުން އެންމެ ހަ އަހަރުގެ ތުއްތު ކުއްޖަކު ފުލުހުންނަށް ގުޅައިފިއެވެ. ފުލުހުންނަށް ގުޅުމަށްފަހު އެ ކުއްޖާ ވަނީ ފުލުހުން ކައިރީގައި އެ ކުއްޖާގެ މަންމައަށް މީހަކު އަނިޔާކުރަމުންދާކަމަށާއި އަދި އަވަހަށް އެހީތެރިވުމަށް އައުމަށް އެދިފައެވެ.

މިދިޔަ ބުދަ ދުވަހު ހިނގައިދިޔަ އެ ހާދިސާގައި ފުލުހުން އެ ކުއްޖާގެ އެޑްރެހަށް ދިޔުމާއިއެކު ވަނީ އަނިޔާތަކެއްގެ ސަބަބުން ލެއިން ފޯވެފައިވާ އަންހެނަކު އެގޭގެ ބޭރުގައި އޮތްތަން ފެނިފައެވެ. އަދި އެވަގުތުގައި އެތާ ކައިރީގައި އެ އަންހެން މީހާގެ އަވަށްޓެރި ބަޔަކުވެސް ބަލަން ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ވަނީ ފަހުން އެ އަންހެން މީހާގެ 44 އަހަރުވީ ފިރިމީހާ ހައްޔަރުކޮށްފައެވެ. އެ ފިރިހެން މީހާ ވަނީ އަނިޔާތައް ކުރުމަށްފަހު އެ ދެ މީހުންގެ ތިން އަހަރުވީ އަންހެން ދަރިފުޅު ގޮވައިގެން އެހެން ގެޔަކަށް ފިލައިފައެވެ. ހަބަރު ލިބޭގޮތުގައި އަނިޔާކުރާކަމަށް ބުނެ ފުލުހުންނަށް ގުޅި އުމުރުން ހަ އަހަރުގެ ކުއްޖާއަކީ އެ ފިރިހެން މީހާގެ ދަރިއެއް ނޫނެވެ. ފުލުހުން އެ ގެޔަށް ދިޔައިރު އެ ކުއްޖާ އިނީ އެ ކުއްޖާގެ މަންމަ ކައިރީގައި ބިންމަތީގައި ރޯށެވެ.

އިޓަލީގެ އާންމު ނޫސްތަކުން ވަނީ އެ އަންހެން ކުއްޖާގެ ހިތްވަރަށް ތައުރީފު އަދާކޮށްފައެވެ. އަދި ފުލުހުންނަށް ހަމަލާ ރިޕޯޓްކުރުމަށް ގުޅުމުން އެ ކުއްޖާ އެތަނުގައި ކައިރީގައި ބަލަހައްޓައިގެން ތިބި މީހުންނަށްވުރެން ޒިންމާދާރުކަމަށް ބުނެ އެ ހަމަލާ ބަލަން ތިބި މީހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު