ބުޅާ ގެންގުޅޭ ހުސްހަށިބައި ފިރިހެނުންނަށް ބައިވެރިއަކު ހޯދަން އުނދަގޫ ކަމަށް ޔޫރަޕްގެ ގައުމުތަކުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާއިން އެނގިފައިވާ ގޮތުގައި ޑޭޓިން އެޕްތަކުގައި ބުޅަލާއެކު ފޮޓޯ ލާފައި ހުންނަ މީހުންނަށް ރަނގަޅު ބައިވެރިން ލިބުމުގެ ފުރުސަތު ކުޑައެވެ.

އާންމުކޮށް ބުޅާ އަދި ކުއްތާ އޮޅުކޮށްގެން ގެންގުޅޭ މީހުން މީސްމީޑިއާ އަށް އެ ތަކެތީގެ ފޮޓޯލާފައި ހުރެއެވެ.

އަދި ގޭގައި އޮޅު ޖަނަވާރެއް ގެންގުޅުމަކީ މީހާ ޒިންމާދާރުވެ، މީހާ ކަންކަމަށް ދޭ ސަމާލުކަން ހާމަވާ ކަމެއް ކަމަށް ވެސް ސައިކޮލޮޖިސްޓުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ބުޅާ ގެންގުޅެ މީހާއަކީ ކެތްތެރި، އަޅާލާ މީހެއްކަން އެނގޭ ކަމަށް ވެސް ބުނެއެވެ.

ނަމަވެސް ބުޅާ ގެނގުޅޭ ފިރިހެނުންނާއި ގުޅެން ގިނަ އަންހެނުން ބޭނުން ނުވާކަމަށް އެ ދިރާސާއިން ދައްކައެވެ. ބައެއް އަންހެނުން ވަނީ ބުޅާ ގެންގުޅޭ މީހުންނަކީ ބައެއް ފަަހަރު އުމުރަށް ވުރެ ޅަކޮށް އުޅޭ ބައެއް ކަމަށް ބުނެފައެވެ. އަދި ގިނަ އަންހެނުން ބުޅާ ދެކެ ބިރުގަންނަ ކަމަށާއި އެއީ ބުޅަލާ ދުރުވާން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.

1380 މީހުންނާ އެކު ހެދި ދިރާސާއިން ދައްކާ ގޮތުން ބުޅާ ގެންގުޅޭ ފިރިހެނުން ގިނަ އަންހެނުންނަކަށް ކަމަކު ނުދެއެވެ.

އެފަދަ އަންހެނުން ވަނީ އެ މީހުން ބުޅާ ގެންގުޅެ މީހުންނާއެކު ކުރިން އުޅުނު އިރު އެ މީހުން މާބޮަޑަށް އަމުރު ކުރާ ކަމަށް ބުނެފައެވެ. އަދި ކޮންޓްރޯލް ކުރުމާ އަވަހަށް ރުޅި އައުން ވެސް ފާހަގަވާކަމަށް ބުނެއެވެ.

މި ދިރާސާގައި ބައިވެރިވި ބައެއް އަންހެނުން މިހެން ބުނި ނަމަވެސް ބުޅާ ގެންގުޅޭ މީހުންގެ މިޒާޖު ވަކިގޮތަކަށް ހުންނަކަން އެނގޭނެ ވަކި ޚާއްސަ ދިރާސާތަކެއް އަދި ކުރެވިފައެއް ނެތެވެ.