ކޮވިޑް-19 އަށް ފައްސިވެގެންނާއި ފައްސިވި މީހުންނާއި ގާތުން އެއްތާވެގެން އެތައް ސަތޭކަ ބަޔަކު ރާއްޖޭގައި ވެސް ކަރަންޓީންކޮށް އެކަހެރިކޮށްފައިވެއެވެ. މިގޮތަށް ކަރަންޓީނު ކުރާ މީހުންނަށް އެ ކަރަންޓީނު ކުރާ ތަނެއްގައި ތިބޭ އިތުރު މީހުންނާއި ބައްދަލުވެ، ވާހަކަދައްކާ އެކުގައި އުޅުމުގެ ފުރުސަތެއް ނުލިބެއެވެ. ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެހެންމީހުންނާއި އެކުވެ، އެއްތާއުޅުން ވަނީ މަނާކޮށްފައެވެ.

ކަރަންޓީނުގައި ތިބޭ އިރު ގިނަ މީހުން ފޫހިފިލުވަން ކުރާ ކަމަކީ މީސްމީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމާއި، ގޭމްކުޅުން އަދި ޓީވީ ބެލުމެވެ. އެހެންނަމަވެސް މި މަހުގެ ކުރީކޮޅު ކޮވިޑް-19 ޖެހިގެން ކުޑަބަނޑޮސްގައި ހުރި، ފިލްމީ ތަރި އިބްރާހިމް ރިޔާޒް އޭނާގެ ކަރަންޓީނުގެ ވަގުތުތައް ހޭދަކުރީ މުޅިން ތަފާތު ގޮތަކަށެވެ.

އުމުރުުން 37 އަހަރުގެ ރިޔާޒް އޭނާގެ ކަރަންޓީނުގެ ގިނަ ވަގުތުތައް ހޭދަކުރީ ގަސްހެއްދުމުގައެވެ. މި މަސައްކަތް ފެށުނު ގޮތް "ވަގުތު" އާއި ހިއްސާކުރަމުން ރިޔާޒް ބުނީ ކުޑަބަނޑޮހުގެ ބިންމަތިގައި ހެދިފައި ހުރި ގަސްތައް ފެނިފައި، ފުޅިގައި އެގަސްތައް ރީތިގޮތަކަށް ހައްދާލުމުން ހިތްފަސޭހަވާނެ ކަމަށް ފެންނާތީ އެކަން ކުރީކަމަށެވެ.

އެ މައްސަކަތަށް އޭނާ އާއި އެކު ކަރަންޓީނުގައި ތިބި އެންމެންގެ ތަރުޚީބު ލިބުނު ކަމަށާ، އެކަމުގައި އެހީތެރިކަން ވެސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"މިތަނަށް އައިސް ވަރަށް ފޫހިވެފައި ހުއްޓާ ބިންމަތިގައި ހެދިފައި ހުރި ބަގީޗާ ގަސްތައް ފެނުނީ. ދެން ހިތަށް އެރީ ބޭނުންކޮށްފައި ހުންނަ ފުޅި ޔޫޒްކޮށްލަން ރަނގަޅު ގޮތެކޭ މިއީ. ގަސް އިންދުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. ކަރަންޓީންކޮށްފައި ހުރި ތަނުގެ ދޮރުމަތި މިހާރު ވަރަށް ތަފާތުވެފައި ރީތި ވާނެ. ގަސް އިންދީ ފެން ހުސްކުރި 5 ލީޓަރ ފުޅީގައި އާއި 1.5 ލީޓަރު ފުޅީގައި" އޭނާ ބުންޏެވެ.

މަޖިލީސް އިދާރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ ރިޔާޒްގެ އާއިލާގެ 12 ވަރަކަށް މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ ތުއްތު ކުދިންނެވެ. އެހެންކަމުން މި ވަގުތަކީ އޭނާ އާއި އާއިލާ އަށް އެހާ ފަސޭހަ ވަގުތެއް ނޫނެވެ.

މަޖިލިސް އިދާރާގައި މަސައްކަތް ކުރާ ރިޔާޒް އަކީ ބައުކަލޯ، ޔޫސުފް، ހަނޑި ކުއްޖާ، ހިތް އެކަނިވީމަ، ހާށަވިޔަނި ރަސްގެފާނާއި، ނޭދެން ވަކިވާކަށް ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ފަންނާނެކެވެ. އަދި ބައެއް ދިވެހި ލަވަތަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަދޫ

    ހަންޑި ކުއްޖާ. ހަހަަހަހަ

    13
    1
  2. Anonymous

    ތިހެން މަވެސް ވާހަކަ ލިޔުނިން މި ލޮކްޑައުން ދުވަސްވަރު... މަ ފަރާތުން އެހެންމީހުންގެ ވަގުތުތަށް ހެޔޮގޮތުގައި ބޭނުން ކުރުމަށް....