މަޝްހޫރު ޑްރާމާ ކަސޯޓީ ޒިންދަގީ ކޭގެ ތަރި ޕަރްތް ސަމަތާން ނުވަތަ ސީރީޒްގައި އަނޫރާގް ބަސޫ ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާ ކަަމަށް އޭނާ ބުނެފިއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މި މަހުގެ ކުރީކޮޅުގައެވެ.

ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި އަނޫރާގް ބުނީ، އޭނާ ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށެވެ.

"އާ އެއީ ތެދެއް. ފަހުން ހެދި ޓެސްޓުތަކުން އަހަރެންގެ ނަތީޖާ ވަނީ ނައްސިވެފައި". އަނޫރާގް ބުންޏެވެ.

އަނޫރާގް ކުރިން ބުނެފައިވާގޮތުގައި، އޭނާގެ ގައިން ބަލީގެ މާބޮޑު އަލާމާތްތަކެއް ފެނިފައެއް ނުވެއެވެ. އޭނާ ހުރީ އަމިއްލަ ގޭގައި ކަރަންޓީންވެގެންނެވެ. އަދި އޭނާ ވަނީ އޭނާއާ ގާތުގައި އުޅުނު މީހުން ކޮވިޑް-19 އަށް ޓެސްޓު ހެދުމަށް އެދިފައެވެ.

އަނޫރާގް މިގޮތަށް އެދުމާއި ގުޅިގެން އޭނާއާއެކު ޝޯވގައި މަސައްކަތް ކުރާ ކަރަން ޕަޓެލް އާއި ޕޫޖާ ބަނެރްޖީ ވަނީ ކޮވިޑް-19 އަށް ޓެސްޓު ހަދާފައެވެ. އެ މީހުން ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

މިހާރު ކަސޯޓީގެ ޝޫޓިންގތައްވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ހުރިހާ ކާސްޓުންނާއި ކްރޫން ކައިރީގައި ކަރަންޓީގައި ތިބުމަށް އެދިފައިވާއިރު، ޝޫޓިންގތައް އަލުން ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކަސޯޓީއަކީ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ސީރީސްއެކެވެ.

އިންޑިއާގެ ބައެއް މަޝްހޫރު ތަރިންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ބަތަލާ އަބީތާބް ބަޗަން އާއި ދަރިފުޅު އަބީޝޭކްގެ އިތުރުން، ފިލްމީތަރި އައިޝްވާރިޔާ ރާއީވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.