ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އާއި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އާއި ދެމެދު ހިނގާފައިވާ މޭގަން ނުތަނަވަސްވި ކަންކަމާއި، ކަންބޮޑުވުންތައް އަދި ހާސްކަން ކުރިމަތި ކުުރުވި ކަންކަން ހާމަކުރަން ތައްޔާރުވެއްޖެއެވެ.

"ފައިންޑިން ފްރީޑަމް" ނަމުގައި ހެރީ އާއި މޭގަންގެ ދިރިއުޅުމަށް ހާއްސަ ކޮށްގެން ނެރޭ ފޮތުގައި ހެރީ އާއި މޭގަންގެ ދިރިއުޅުމާއި ގުޅޭ ގޮތުން މިހާތަނަށް އާއްމުނުވާ ވަރަށް ގިނަ މައުލޫމާތު ހިމަނާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ. މިފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ހެރީ އާއި މޭގަން ވަކިވެ، ވަކި ދިރިއުޅުމެއް ފަށަން ޖެހުނު ސަބަބާއި، މޭގަން އަށް ޝާހީ އާއިލާގެ ތެރެއިން ކުރިމަތިވި ކަންކަން މިފޮތުގައި ހިމަނާފައި ވެއެވެ. ނަމަވެސް ހެރީ އާއި މޭގަންގެ ތަރުޖަމާން ވަނީ މިފޮތް ލިޔުނު ފަރާތްތަކަށް ހެރީ އާއި މޭގަން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

"ސަންޑޭ ޓައިމްސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ހެރީގެ އަނބިކަނބަލުން މޭގަން އާއި ވިލިއަމްގެ އަނބިކަނބަލުން ކޭޓް އާއި ދެމެދު ބައެއް ފަހަރު ވަރަށް ބޮޑެތި ނުތަނަވަސް ކަންކަން އުފެދުނެވެ. ނަމަވެސް މޭގަން އާއި ކޭޓާއި ދެމެދު އޮތީ "ހަނގުރާމައެއް" ނޫން ކަމަށާއި އެފަދަ ގޮތަކަށް ގުޅުން ގޯސް ނުވާކަމަށް ވެސް ފޮތާއި ހަވާލާދީ "ސަންޑާ ޓައިމްސް" ބުނެއެވެ.

މޭގަން އާއި އެކު މާގާތް ގުޅުމެއް ބާއްވަން ކޭޓް ބޭނުން ނުވި ކަމަށް ވެސް ފޮތުގައި ބުނެފައި ވެއެވެ.

މިފޮތް ލިޔެފައި ވަނީ އޮމިދު ސްކޯބީ އާއި ކެރޮލިން ޑްރަންޑް އެވެ. އެމީހުން ބުނާ ގޮތުގައި ފޮތުގައި ލިޔެފައިވާ މައުލޫމާތަކީ މޭގަން އާއި ހެރީގެ ގާތް މީހުންގެ ފަރާތުން ލިބުނު މައުލޫމާތެވެ.