މާބަނޑުވުމަކީ ބޮޑު ޒިންމާ އެކެވެ. އެހެން ކަމުން ބަލިވެ އިނުމުގެ ކުރިން ބައެއް ކަންކަމަކީ ބެލުން މުހިއްމު ކަންކަމެވެ. މާލީ ގޮތަކުން ނޫނެވެ. ސިއްޙީ ގޮތުންނެވެ. އެހެން ކަމުން ތިރީގައި މިވާ ސިއްހީ ކަންކަމަކީ މިހާރު ތަހައްމަލް ކުރަމުންދާ ކަންކަންތޯ ބެލުން މުހިއްމެވެ.

1. އަަސްތްމާ (ނޭވާ ހިއްލުން): ނޭވާ ހިއްލާ މީހެއް ނަމަ މާބަނޑުވެއިންނަ ދުވަހުން ފެށިގެން އެކަމަށް ޚާއްސަ އަހަމިއްޔަތެއް ދޭން ޖެހެއެވެ. އަސްތްމާއަށް ކުރާ ބޭސް، މާބަނޑުވުމުގެ ސަބަބުން ކުއްލިއަކަށް ހުއްޓާލައިފި ނަމަ ޕްރީކްލެމްޕްސިއާ (ލޭމަތިވެ ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުންވާ ހިސާބަށް ދިއުން - އޭގެ ތެރޭގައި ކިޑްނީ އަދި ފުރަމޭ ހިމެނޭ)، ބަނޑުގައިވާ ދަރިފުޅުގެ ބަރުދަން އިތުރު ނުވުމުގެ އިތުރުން ދުވަސް ނުފުރާ ވިހެއުން އަދި ސިޒޭރިއަން ހައްދަން ޖެހުން ހިމެނެއެވެ. މީގެ އިތުރުންވެސް ކުރިމަތިވެދާނެ އިތުރު ސިއްޙީ ހާލަތްތައް ހިމެނެއެވެ. ނޭވާ ހިއްލާ އަންހެނެއް ނަމަ މާބަނޑުވުމުންވެސް އެކަމަށް ބޭނުން ކުރަމުން އައި ބޭސް ބޭނުން ކުރަން ޖެހެއެވެ. ސަބަބަކީ ކިތަންމެ ކުޑަކޮށް ނޭވާ ހިއްލާފައި ހުންނަ ނަމަވެސް ފަހުން އެކަން ގޯސްވުން އެކަށީގެންވާތީ އެވެ.

2. ޑިޕްރެޝަން: ޑިޕްރެޝަން ހުންނަ އަންހެނުން ބަލިވެ އިނުމުގެ ކުރިން ޑިޕްރެޝަނަށް ރަނގަޅަށް ބޭސް ކުރަން ޖެހެއެވެ. ސަބަބަކީ ބަލިވެއިނުމުގެ ސަބަބުން އަންނަ ހޯމޯނަލް ޗޭންޖެސްގެ ސަބަބުން، ޑިޕްރެޝަން ކުރިން ނުހުންނަ އަންހެނުންވެސް ޑިޕްރެޝަން އަށް ދާތީ އެވެ. އެހެން ކަމުން އަމިއްލަ ނަފްސާއި ބަނޑުގައިވާ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް މާބަނޑު އަންހެނާގެ މެންޓަލް ހެލްތް ވަރަށް މުހިއްމެވެ. ބަލިވެއިނުމުގެ ކުރިން ޑިޕްރެޝަން ހުރެ، ރަނގަޅަށް ބޭސް ނުކުރެވިއްޖެ ނަމަ ބަލިވެއިންނަ ހިސާބުން ފެށިގެން "ޕޯސްޕާޓަމް ޑިޕްރެޝަން" އަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ޕޯސްޓްޕާޓަމް ޑިޕްރެޝަން އަކީ މައިމީހާއާއި ބަނޑުގައިވާ ދަރިފުޅަށް ނުރައްކާ ވެދާނެ ބައްޔެކެވެ.

3. ޑައިބެޓީސް (ހަކުރުބަލި): ހަށިގަނޑުގެ ލޭގައި ހަކުރު މާ ގިނަވެއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ވެއެވެ. އަދި ހަކުރު ބަލި ހުންނަ މައިމީހާގެ އެ ބައްޔަށް ލޯންގް ޓާމްގައި ބަލާނަމަ، ބަލި އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، ބަލިވެއިނުމަށް ޕްލޭން ކުރާ ނަމަ މަދުވެގެން ތިން މަސް ދުވަސް ކުރިން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރަން ޖެހެއެވެ.

4. ގިނައިން ކާހިތްވުން: އަބަދު އަބަދު ކާހިތްވުމަކީ ބައްޔެކެވެ. މާބަނޑުވުމުންވެސް ކާ ހިތްވާ މިންވަރު އިތުރުވެއެވެ. ބަލިވެ އިނުމުގެ ކުރިން މި ބަލި ހުންނަ ނަމަ އެކަން ކޮންޓްރޯލް ކުރުމަކީވެސް މުހިއްމު ކަމެކެވެ. ސަބަބަކީ އަބަދު އަބަދު ކެއުމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ނުކުޅެދުމާއި ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ދިމާވެފައި ހުރުމެވެ. އަންހެނުން މާ ގިނައިން ކާ ނަމަ ޕޯސްޓްޕާޓަމް ޑިޕްރެޝަނަށް ދިއުން ގާތެވެ.

5. ލޭ މަތިވުން: ލޭ މަތިވުމަކީވެސް މާބަނޑުދުވަސްވަރު ވަރަށް ނުރައްކާ ކަމެކެވެ. ލޭ މަތިވުން ހުންނަ އަންހެނުންނަށް މާބަނޑުއިރު ދިމާވާ ކަންކަމުގެ ތެރޭގައި ޕްރީކްލެމްޕްސިއާ އާއި ޕްލެސެންޓަލް އެބްރަޕްޝަން (ޔޫޓެރަސް އިން ޕްލެސެންޓާ ވަކިވުން) ހިމެނެއެވެ. އަދި ދުވަސް ނުފުރާ ވިހެއުމާއި ވިހާ އިރު ދަރިފުޅުގެ ބަރުދަން ލުއި ވުންވެސް ހިމެނެއެވެ.

6. އެޗްއައިވީ (އެއިޑްސް): ބަނޑުގައި އޮންނަ އިރުގައިވެސް، އަދި ވިހެއުމުގެ ތެރޭގައިވެސް މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަރާފާނެއެވެ. ނަމަވެސް މި ރިސްކު ކުރިމަތިވެފައިވަނީ އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން 1 ޕަސެންޓު މީހުންނަށެވެ. އެއީ މާބަނޑު ދުވަސްވަރު އެޗްއައިވީއަށް ރަނގަޅަށް ބޭސް ބޭނުން ކުރެވިއްޖެ ނަމައެވެ. އެޗްއައިވީ ހުންނަ ނަމަ މާބަނޑުވުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރުން މުހިއްމެވެ. އަދި ރަނގަޅު ޕެރެނޭޓަލް ކެއަރ ދެވިއްޖެ ނަމަ ދަރިފުޅަށް އެޗްއައިވީ ނުޖެހި ރަނގަޅު ސިއްޙަތެއްގައި ވިއްސިދާނެ އެވެ.

7. މައިގްރޭން: މައިގްރޭން ހުންނަ އަންހެނަކު މާބަނޑުވެއްޖެ ނަމަ، މާބަނޑު ދުވަސްވަރު މައިގްރޭންގެ އުނދަގޫ ބޮޑުވެސް ވެދާނެ އެވެ. އަދި ބައެއް ފަހަރު، މަދު ފަހަރެއްގައި މާބަނޑުވުމުން މައިގްރޭންގެ އުނދަގޫ ވިހެއުމާ ހަމައަށް އެއްކޮށް މެދުކެނޑިވެސްދާނެ އެވެ. މައިގްރޭންއިން ފަސޭހަވުމަށް ބޭނުން ކުރާ ގިނަ ބޭސްތަކަކީ މާބަނޑުއިރު ބޭނުން ކުރުން ރައްކާތެރި ބޭސްތަކެއް ނޫނެވެ. އެހެން ކަމުން ޑޮކްޓަރަކާ ވާހަކަދައްކައިގެން މާބަނޑުއިރު މައިގްރޭންގެ އުނދަގުލުން ސަލާމަތްވާން ކުރެވިދާނެ ކަންކަން ހޯދައި އެކަންކަން ކުރުމުގައި ދެމި ހުންނާށެވެ.

8. މާބޮޑަށް ބަރުވެ ފަލަވުން (އޮބީސިޓީ): ވަރަށް ފަހުން ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މާބަނޑުވާއިރު މާ ބޮޑަށް ބަރު ނަމަ އެ އަންހެނަކަށް ޕްރެގްނެންސީ ކޮމްޕްލިކޭޝަންތައް ދިމާވާލެއް ބޮޑެވެ. އޭގެ ތެރޭގައި ޕްރީކްލެމްޕްސިއާ އަދި ދުވަސް ނުފުރާ ވިހެއުން ހިމެނެއެވެ. މާބަނޑުވުމުގެ ކުރިން ހިކެން މަސައްކަތްކޮށް ބަރުދަން ލުއި ކުރާ ފަލަ މީހުންނަށް މިފަދަ ކަންކަން ކުރިމަތިވާ މިންވަރު މަދުކަމަށް ދިރާސާތަކުން ދައްކައެވެ.

9. ޖިންސީ ގުޅުމުގެ ސަބަބުން އަރާ ބަލިތައް (އެސްޓީޑީ): ޖިންސީ ގުޅުން ހިންގުމުން އަރާ ބައެއް ބަލިތަކުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމާއި ވޯޓާ ބްރޭކް ވުން އަވަސް ކުރުވައެވެ. މިހެން މިކަން ދިމާވަނީ އިންފެކްޝަންގެ ސަބަބުންނެވެ. އަދި ވިހެއުމަށްފަހުގައިވެސް ޔުޓެރަސްގައި އިންފެކްޝަންތައް ހުރެއެވެ. މިފަދަ ބައެއް ބަލިތަކަކީ ވިހާއިރު މަންމަގެ ފަރާތުން ދަރިފުޅުގެ ހަށިގަނޑަށްވެސް އަރާ ބަލިތަކެކެވެ. މިފަދަ ބައްޔެއް ހުންނަ ނަމަ ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި، ބަރުދަން ލުއިވުމާއި ނުރައްކާތެރި އިންފެކްޝަންތައް ޖެހުމާއި ސިކުނޑިއަށް ގެއްލުން ވުމާއި ލޯފަން ވުމާއި އަޑު ނީވުމުގެ އިތުރުން ފުރަމެއަށް މައްސަލަ ދިމާވުން އަދި ބަނޑުގައި އޮއްވާ ދަރިފުޅު މަރުވުން ހިމެނެއެވެ.

10. ތައިރޮއިޑް: ތައިރޮއިޑް ފަންކްޝަން މައްސަލަ ހުންނަ މީހުން އެކަމަށް ފަރުވާ ނުކޮށް ބަލިވެއިނދެފި ނަމަ ބަނޑުގައިވާ ދަރިފުޅުގެ ބަރުދަން އިތުރު ނުވުމާއި ހިތް ހުއްޓުން ފަދަ ކަންކަމާ ކުރިމަތިވެއެވެ. މި މައްސަލަ ހުންނަ ނަމަ މާބަނޑު މީހާއަށް ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހޭ އިރު ވިހާ ދަރިފުޅު ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުސަތު ބޮޑުވެއެވެ.