އަހަރެންނަކީ ކުރިން ނަމާާދާއި ވަރަށް ދުރު މީހެކެވެ. އެއީ އަހަރެން އެހާ ބޮޑު ކަމެއްގެ ގޮތުގައި ދެކުނު ކަމެއް ނޫނެވެ. ނަމާދުކޮށް އުޅުނީ މަންމަ އާދާސް ކުރުމުން އެކަންޏެވެ. "މުސްލިމެއް"ގެ ގޮތުގައި ހުރެ އަހަރެން އަދާ ކުރަން ޖެހުނު ފަރުޟުތަކަކީ އޭރު މަންމަ ހިތްހަމަ ޖެއްސުމަށް ޖެއްސި ސްޓަންޓެކެވެ. އަހަރެން ކުޑަ އިރު ބައްޕަ ނިޔާވެފައި ވުމުން އަހަރެންގެ ހުރިހާވެސް އެއްޗަކީ އޭރު މަންމައެވެ. އެހެން ކަމުން މަންމަ އުފާ ކުރަން އަބަދުވެސް ބޭނުންވިއެވެ.

ދިރިއުޅުމުގައި އެއްވެސް ކަހަލަ ދައްޗަކާއި ކުރިމަތިލާން ޖެހިފައި ނުވުމުން އަހަރެން އުޅުނީ މަޖަލާއި ސަކަރާާތުގެ ތެރޭގައެވެ. ގިނަ ވަގުތު ހޭދަ ކުރީ ރައްޓެހިންނާއި އެކު މަގުމަތީގައެވެ. އެއްވެސް ޒިންމާއެއް އަދާ ކުރަން ނުޖެހުމުން ފައިސާ ހޭދަކޮށް އުޅުނީ ކޮފީތަކަށެވެ. އަދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއަށް ހަރަދު ކުރުމުގައެވެ.

އެއްވެސް ހާސް ކަމެއް ނެތި، އެއްވެސް މުސީބާތަކާއި ކުރިމަތި ނުވާނެ ކަމަށް ހިތައި އަހަރެން ދިރިއުޅުމުމާއިގެން ކުރިއަށް ދަނިކޮށް ދުނިޔޭގެ ހަގީގަތާއި، ހިތާމައިގެ ހިތި ރަހަ ކަރުގައި އެންމެ ފުރަތަމަ ލީ 2010 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. އާ އަހަރުގެ ޕާޓީއެއްގައި ވަގުތު ހޭދަކުރުމަށް ފަހު ރަހުމަތްތެރިއެއްގެ ފަރާތުން އެނގުނީ އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ އެހެން ފިރިހެނަކާއެކު އުޅޭ ކަމެވެ. އެހިސާބުން އޭނާ އަހަރެން ދޫކޮށް ދިޔައީއެވެ.

އަހަރެންނަށް ފުރަތަމަ ފަހަރަށް މާޔޫސްކަން އިހުސާސު ކުރެވުނެވެ. އެހެން ނަމަވެސް އެކަމުގެ މުހިންމުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަވެގެން ދިޔައީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމުންނެވެ. އަހަރެންގެ ލޯބިވާ މަންމަގެ ލިވާގައި ކެންސަރު ހުރިކަން އެނގުމުންނެވެ. މަންމަގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެ ދުވަސްވަރު އަހަރެންގެ ހިތައް ކުރި އަސަރު ބުނެދޭންވެސް ނޭނގެއެވެ. މަންމަގެ ފުރާނަ ސަލާމަތް ކުރަން އަހަރެން ކުރެވެން ހުރި މަސައްކަތެއް ކުރަން ފެށީމެވެ. މީހުންގެ ގާތުން ފައިސާގެ އެހީތެރިކަމަށް އެދުނީމެވެ. އެދުވަހު އަހަރެންނާއެކު އުޅުނު ރަހުމަތްތެރިން އަހަރެންނަށް އަޅާނުލައި ދޫކޮށްލީއެވެ. އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވި ދުވަހު އަހަރެން އެކަނި ވީއެވެ.

އެކަށީގެންވާ ވަރަށް ފަރުވާާ ނުދެވި އަހަރެންގެ ލޯބިވާ މަންމަ މި ފަނާ ކުރަނިވިފި ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. އެއާއެކު އަހަރެން ގެނބިގެން ދިޔައީ ބުނެދޭން ނޭނގޭ ވަރުގެ ހިތާމައާއި މާޔޫސްކަމެއްގެ ތެރެއަށެވެ. ގެއިން ބޭރަށް ވެސް ނުދަމެވެ. ބޭނުންވީ ނިދާފައި އޮންނާށެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އަނބުރާ ހަޔާތަށް އުފާވެރިކަން ގެންނަން މަސައްކަތް ކުރާނެ ހިތްވަރެއްވެސް ނެތެވެ.

އެހެން އުޅުމުގެ ތެރޭގައި އަހަނެންގެ ބޮޑު ބޭބެއަކު އެއްދުވަހު އަހަރެން ގާތަށް އައެވެ. އޭނާ އަހަރެންގެ އުޅުން ބަދަލު ކުރަން ނަސޭހަތްތެރިވިއެވެ. އަދި އަހަރެން ވެއްޓިފައި އޮތް ވަޅުގަނޑުން ނަގަން އޭނާ މަސައްކަތް ފެށިއެވެ. އަހަރެން އެންމެ ފުރަތަމަ ނަމާދަށް ދާން ފެށީ ބޮޑު ބޭބެއާއެކުއެވެ. ނަމާދު ވަގުތު ޖެހުމުގެ ކުރިން ބޮޑުބޭބެ އަހަރެންގެ ގާތަށް އައިސް އަހަރެން މިސްކިތަށް ގެންދެއެވެ.

ބޮޑުބޭބެއާއެކު ފަސް ނަމާދު ކުރަން ފެށުނެވެ. ނަމާދުން އަހަރެންގެ ހިތައް ހަމަޖެހުމެއް ގެނުވިއެވެ. އަހަރެން ފަދަ އެހެން އިންސާނުންނާއެކު ސަފެއްގައި ކިޔަމަންތެރިކަމާއެކު އެތުރިގެން އެއްކައުވަންތަ އިލާހަށް އަޅުކަން ކުރަން އަހަރެން މަޑު މަޑުން ދެވި ހިފަން ފެށިއެވެ. ހިތައް އުނދަގޫ ވާ ގަޑިތަކުގައި އެކަނި ގޭގައި ހުރެ ދެ ރަކުއަތުގެ ނަމާާދުވެސް ކުރަން ފެށީމެވެ. ނަމާދުގެ ސަބަބުން އަހަރެންގެ ދުވަސް ވަކި ގޮތަކަށް ބެހިގެން ދެއެވެ. އަހަރެންގެ ހަޔާތް ތަރުތީބު ވާން ފެށިއެވެ. ވަކި ކަންތައް ކުރަން ވަކި ގަޑިތަކެއް ކަނޑައަޅަން ފެށުނެވެ. އެއާއެކު އަހަރެންގެ ހިތައް ވެރިވި މާޔޫސްކަން މަޑު މަޑުން ކުޑަވަމުންދާން ފެށިއެވެ.

ބަރާބަރަށް ފަސް ނަމާދު ކުރަން ފެށިތާ މަސް ދުވަސް ވީއިރު ނަމާދަށް ދިޔައީ އަމިއްލައަށް ފެނިގެންނެވެ. އަހަރެންގެ ހިތައް އަމާންކަން ލިބެނީ މިސްކިތުންނެވެ. ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރީމެވެ. ނަތީޖާާއެއްގެ ގޮތުން އަހަރެން ނަފްސާނީ ގޮތުން ހަމައަކަށް އެޅިގެން ދިޔައެވެ.

މިއަދު އަހަރެންނަކީ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރަމުންދާ މީހަކީމެވެ. އެ ދުވަހު ނަމާދު ކުރަން ފެށި ގޮތައް އަދި އަދަށް ދާންދެންވެސް އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. އެންމެ އިސްކަން ދެނީ ނަމާދަށެވެ. މިހާރު އަހަރެންނަށް ކައިވެނި ކޮށްގެން ދަރިއަކުވެސް ލިބިފައިވާއިރު މަންމަގެ މަތިން ހަނދާން ކުރަނީ އުފާވެރިކަމާއެކުއެވެ. މަންމަގެ މިއަދު އަހަރެންނަށްޓަކައި ފަހުރުވެރިވާނެކަން އަހަރެންނަށް ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ماشاالله.جزاكالله

  2. އިސްތިޤާމާ މަތީ ތިޔަ އަޚާ ސާބިތުކަމާއެކު ލައްވާށި

  3. ޔެސް ތެދެއް. ނަމާދުކުރަން ފެށުމުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާނެ.

  4. އަލްހަމްދުލިއްލާހި މާޝާﷲ

  5. ފުރާނައިގެ ކާނާ

    އެންމެހާ ލާ ދީނީ، އެތިސްޓުންނަށް ފިލާވަޅެއް.

  6. ދޮންމީހުން އުޅޭގޮތަށް އުޅުނީމަކާނޫންދޯ ސަލާމަތްވީ.....؟؟