ބޮލީވުޑްގެ އަރަމުން އައި ތަރި ސުޝާންތު ސިންގ ރާޖްޕުތް މިދިޔަ މަހު މަރުވުން ވެގެންދިޔައީ އެތައް ބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ. އޭނާގެ މަރަށް މަހެއް މި ވަނީ ވެފައެވެ. އާއިލާއިން ދަނީ އެ މަރާއިގުޅޭގޮތުން އެތައް ވާހަކަތަކެއް ތިލަ ކުރަމުންނެވެ.

އާ ވާހަކަތާކާއި، ކުރީގެ ބައެއް ވާހަކަތައް ބާރުދޭ ވާހަކަތަކެވެ. މިހާރު އިވެމުންދާ ކޮންމެ ވާހަަކައަކީވެސް ސުޝާންތްގެ މަރާއި ގުޅޭ އެންމެ ރަނގަޅު ވާހަކަތަކަށް ނުވެދާނެ ކަމަށް ގިނަބަޔަކު ބުނަމުން އަންނައިރު، އެންމެ ފަހުން ބައްޕަ ކެކޭ ސިންގ މި ވަނީ އެމަރާއި ގުޅޭގޮތުން ވާހަކަތަކެއްހިއްސާކޮށްފައެވެ. އަދި ސުޝަންތްގެ ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ރިޔާ ޗަކްރޮބަތީ އާއި ދެކޮޅަށް ފުލުހަށް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި ރިޔާގެ މައްޗަށް ސީރިއަސް އެތައް ތުހުމަތެއް ވަނީ ކޮށްފައެވެ. އެގޮތުން ސުޝާންތުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ރިޔާކަމަށް ބުނާ އެ މައްސަލައިގެ އެފްއައިއާރުގައި ހަތް ސޮފްހާ ހިމެނެއެވެ.

އެ މައްސަލައިގައި ސުޝާންތުގެ ބައްޕަ ބުނީ 2019 ވަނަ އަހަރުގެ މޭއި މަހާއި ހަމައަށް ސުޝާންތު ފިލްމީ ދާއިރާގައި މަސައްކަތް ކުރީ ވަރަށް ކާމިޔަބު ކަމާއި އެކުގައިކަމަށެވެ. އެ ދުވަސްކޮޅު ސުޝާންތު އާއި ރިޔާ އާއި ދިމާވެ، އެ ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ ރިޔާ އާއި އޭނާގެ އާއިލާ އަދި ގާތް މީހުންގެ ޕްރެޝަރގެ ސަބަބުންކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

އަދި ސުޝާންތު އުޅު ނުގޭގައި ރޫހާނީ ކަންތައްތަކެއް އުޅޭކަމަށް ސުޝާންތަށް ޝައްކުކުރެވޭ ފަދަ ކަންކަން ކޮށް، އޭނާގެ ކުރީގެ ގެއިން ނިކުންނަން އޭނާ އަށް މަޖުބޫރުކުރުމުގެ އިތުރުން، އޭނާ ޑޮކްޓަރަށް ދައްކަން މަޖުބޫރުކުރުވިކަމަށް ކޭކޭ ސިންގ ބުނެފައި ވެއެވެ.

"ސުޝާންތު ބޭނުންވީ ކަރްނާޓަކާގައި ފަތުރުވެރި ހިސާބަކަށް ދިރިއުޅުން ބަދަލުކޮށް ދަނޑުވެރިކަން ކުރަން. އެކަމަކު ރިޔާ އޭނާގެ ދުވަސްދުއްވާލާނެ ކަމަށް ބުނެ ބިރުދެއްކި. ސުޝާންތުގެ ސިއްހީ ރެކޯޑު ލީކުކޮށްލާނެ ކަމަށް ބުނެ ބިރުވެސް ދެއްކި. އޭރުން އޭނާ އަށް މަސައްކަތެއް ނުލިބޭނެ" ސުޝާންތުގެ ބައްޕަ ހުށަހެޅި މައްސަލައިގައިވެއެވެ.

އޭނާ ވަނީ ސުޝާންތު އަށް ރިޔާ އާއި އޭނާގެ އާއިލާގެ ފަރާތުން ލިބުނީ ބޮޑު ކެހިވެރި އަނިޔާއެއް ކަމަށް ބުނެފައެވެ. އަދި ސުޝާންތުއަސް އަމިއްލަ އަށް މަރުވާން މަޖުބޫރު ކުރިވީ އެ މީހުންކަމަށް ވެސް ބުނެފައިވެއެވެ.

އަދި ސުޝާންތުގެ ނަފްސާނީ މައްސަލަތަކުގެ އަސްލަކީވެސް ރިޔާ ކަމަށާއި، އޭނާގެ އެފަދަ ކަމެއް ހުރިކަން އާއިލާ އަށް އަންގާފައި ނުވާތީ ސުޝާންތުގެ ބައްޕަ ވަނީ ސުވާލު އުފައްދާފައެވެ.

އަދި ސުޝާންތު އަށް ބޭސްދީ އޭނާ ބޭހަށް ދެވި ހިފުވުމުގެ އިތުރުން ސުޝާންތު އަށް ބޭސްކުރި ޑޮކްޓަރުންނަށް ވެސް އޭނާގެ އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ސުޝަންތް މަރުވެފައި ވަނީ ދަންޖެހިގެންނެވެ. އޭނާގެ މަރާއި ގުޅިގެން އެތައް ބައެއްގެ ބަޔާން ވަނީ ނަގާފައެވެ.