އިންޑިޔާގެ މީޑިޔާތަކުން ބުނާގޮތުގައި، ސިޔާސީ ކަންކަމަށް އެޤައުމުގެ ޒުވާނުން ސަމާލުކަން ދޭ މިންވަރު ވަނީ އެތައް ތަނެއް ކުޑަވެފައެވެ. ސިޔާސީ ކަންކަމާ، އެޤައުމުގެ އެއްވެސް ހިސާބެއްގެ ގިނަ ޒުވާނުން އެއްވެސް ފަރުވާލެއްވެސް ނުބަހައްޓާކަމަށްވެސް މީޑިޔާތަކުން ބުނެއެވެ. މިކަމުގެ ސަބަބުން އެކި އިންތިޙާބުތަކުގައު ވޯޓުލާންވެސް ނިކުންނަނީ ނިސްބަތުން މަދު އަދަދެއްގެ ޒުވާނުންނެވެ.

މިކަމަށް ނިމުން ގެނެސް، ވޯޓުލާން ގިނަ ޒުވާނުން ނެރުމަށް އެޤައުމުގެ ކަރްނާޓަކާ ސްޓޭޓުގެ ބެންގަލޫރުގެ ރެސްޓޯރަންޓް ތަކުންވަނީ މަސައްކަތްތަކެއް ފަށާފައެވެ.

އެގޮތުން، މިއަދު ކުރިއަށްދާ ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޙާބުގެ ވޯޓުލުމަށްފަހު، ވޯޓުލީކަން ސާބިތުކޮށްދިނުމުން، ބައެއް ރެސްޓޯރަންޓްތަކުންދަނީ ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އެގޮތުން، ބެންގަލޫރުގެ ނިސަރުގާ ގްރޭންޑް ރެސްޓޯރެންޓުން ދަނީ، ވޯޓު ލީ ފަރާތްތަކަށް ހިލޭ ދޯސާ އާއި ކޮފީ ދެމުންނެވެ. ވޯޓުލީ މީހެއްކަން ބަލަނީ، ވޯޓުލުމަށްފަހު އަތުގައި ޖަހާ ފާހަގައިންނެވެ.

މީގެއިތުރުން، ބެންގަލޫރުގެ ވޮޓްސަން އެންޑް ސްލަގް ރެސްޓޯރަންޓުން ދަނީ ވޯޓުލީ ފަރާތްތަކަށް، ރެސްޓޯރަންޓުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެމުންނެވެ. މިއަދު ރެސްޓޯރަންޓު ބަންދުކޮށްފައި ހުންނާތީ، އެފަރާތްތަކަށް ޑިސްކައުންޓު ދިނުމަށް ނިންމާފައިވަނީ މާދަމާއެވެ.

މީގެއިތުރުން، އެހެން ރެސްޓޯރަންޓުތަކުންވެސް ވޯޓުލީ ފަރާތްތަކަށް މިފަދަ ޚިދުމަތްތައް ދެމުން ދާއިރު، ބައެއް ސައިބަރ ކެފޭތަކުންވެސް ވޯޓުލީ ފަރާތްތަކަށް ހިލޭ އިންޓަނެޓުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ކޮންމެއަކަސް، މިކަމުގެ ސަބަބުން ވޯޓުލާންދާ މީހުން އަދި ވަކީން ޚާއްޞަކޮށް ޒުވާނުންގެ އަދަދު އިތުރުވާނެކަމަށް ރެސްޓޯރަންޓްތަކުގެ ވެރިން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ތިޔަކަމުގައިވެސް ރާއްޖެ އުޅޭނީ އިންޑިޔާއަށްވުރެ ކުރީގައި ، ވޯޓް ލުމުގެ ކުރީގައި ތިޔަ ހުރިހާކަމެއް ކޮށްދީ ނިންމާލާނެ...