ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރުގެ މައްސަލަ އަކީ މިއަދު މުޅި އިންޑިއާގައި ވެސް އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ. އެ މައްސަލަ ކުރިއަށް ދާ ވަރަކަށް ސުޝާންތުގެ ގާތް މީހުންނަށް އެތައް ތުހުމަތުތަކެއް ކުރެވެމުންދާއިރު އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ އެއް ފަރާތަކީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަދީއެވެ.

ސުޝާންތުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ރިއާ ކަމަށް ބުނެ ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ވަނީ މިހާރު ޕަޓްނާގެ ފުލުހުންނަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގައި ރިއާގެ މައްޗަށް 16 ތުހުމަތެއް ވަނީކޮށްފައެވެ. އޭގެ ތެރޭގައި ބްލެކްމެއިލްކުރުމާއި، ސުޝާންތުގެ މުދާ ފޭރިގަންނަން މަސައްކަތް ކުރުމާއި، ރަނގަޅު ނޫންގޮތުގައި ސުޝާންތު ޑޮކްޓަރަށް ދެއްކުން ފަދަ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

އިއްޔެ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ ވަނީ ބިހާރުގެ ފުލުހުންނަށް އޭނާގެ ބަޔާން ދީފައެވެ. އޭނާ ވަނީ މިދިޔަ އެއް އަހަރު ތެރޭގައި ސުޝާންތު އޭނާ އާއި ދައްކާފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ފުލުހުންނާ ހިއްސާކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންކިތާގެ ފުރަތަމަ ބޮލީވުޑް ފިލްމް މަނިކަރްނިކާގެ ޕްރޮމޯޝަން ތެރޭގައި އެ ދެ ތަރިންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ގާތްގަނޑަކަށް ހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އަންކިތާ އާއި ސުޝާންތު ވަކިވީ އެ ދެ މީހުންގެ ކައިވެނީގެ ތައްޔާރީތައް ވަމުންދަނިކޮށެވެ.

އެ ދެ މީހުން ވަކިވި ސަބަބު ހާމަނުކުރި ނަމަވެސް އެ ދެ މީހުންވެސް އައީ އެކަކު އަނެކަކާ ވަކިވުމަށް ފަހުވެސް ރަނގަޅު ރަހުމަތްތެރިކަމެއް ބާއްވަމުންނެވެ.

އަންކިތާ ފުލުހުންނަށް ދިން މައުލޫމާތުން ރިއާ ސުޝާންތު ބްލެކްމެއިލް ކުރާ ކަމާއި، އޭނާ އަށް ފުރައްސާރަކޮށް ހަނގާކުރާކަން ހާމަވެއެވެ. ވަޓްސްއެޕް މެދުވެރިކޮށް އެ ދެ ފަންނާނުން ދައްކާފައިވާ ވާހަކަތަކުން ސުޝާންތުގެ އާއިލާއިން ރިއާ އަށް ކުރާ ތުހުމަތުތަކަށް ބާރުލިބެއެވެ.

ސުޝާންތުގެ ޖަނާޒާއަށް އަންކިތާ ހާޒިރުވެފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އަންކިތާ ވަނީ ސުޝާންތުގެ އާއިލާ ކައިރިއަށް ޒިޔާރަތްކޮށްފައެވެ.