ޢީދު ދުވަހު ހެނދުނު ސައިބޯން ހެދިކާ، ފޮނިތަކެތި ހެދުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް ބޯކިބާ އެވެ. އެކި ޒާތް ޒާތުގެ ބޯކިބާ އަޅައި ހެނދުނުގެ ސަޔަށް ޞުފުރާމަތި ފުރާލާ ބަޔަކަށް ދިވެހިން ވެއެވެ. މިއީ އިސްލާމީ ތާރީޚުގައިވެސް މިކަން ހިނގާފައި އޮތް ގޮތެވެ.

ޢީދަށް ވާ ތައްޔާރީތަކުގެ ތެރޭގައި ޢީދު ވިލޭރޭ "އައްޕަން" އެއް އެޅުމަށްފަހު އެ ފޮރުވާފައި ބަހައްޓާ ހަދައެވެ. "އައްޕަން" ފޮރުވަން ޖެހޭ ސަބަބަކީ ރަށުގެ ވަކި ބަޔަކު ތިބެނީ އެ އަޅާ ގޭތައް ބަލައި ފާރަލައިގެން ކަމަށްވާތީ އެވެ. އާންމުކޮށް އައްޕަން ފޮރުވަނީ އެނދު ދަށަށް ލައިގެންނެވެ. އަދި ބައެއް ފަހަރު ހީވެސް ނުކުރާ ތަންތަކުގައި އައްޕަން ފޮރުވާ ހަދައެވެ. އޭގެ ތެރޭގައި ގޯތި ތެރޭގައި ހުންނަ ފަތްކެޔޮ އޮޅު ތެރެއާއި ގިފިލިވެސް ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި، ޚާއްސަކޮށް ހުވަދު އަތޮޅުގެ ރަށްރަށުގައި "އައްޕަން" ކިޔަނީ ބޯކިބާ އަށެވެ. ދިވެހި ބަހުގައި "އައްޕަން" އަކީ، ކައިރިއަށް ތުނިކޮށް ހުންނަ ތުނިވަރެއްގެ ބޯކިބަލަކަށް ކިޔައި އުޅޭ ނަމެކެވެ.

ބޯކިބާ ފޮރުވަން ޖެހެނީ އެއްކަލަ، ބޯކިބާތަކަށް ފާރަލާ މީހުންނަށް ފޮރުވުމުގެ ގޮތުންނެވެ. އެއީ އެ ޒަމާނުގައި އީދަށް އަޅާ ބޯކިބާ ވަގަށް ނެގުމަކީ ދިވެހިންގެ ސަޤާފަތެއް ކަމަށްވާތީ އެވެ. ގިނަ ފަހަރު ބޯކިބާ ވަގަށް ނަގާ މީހާއަކީ ކޮބައިކަމެއް ނުވެސް އެނގެއެވެ. ޢީދަށް އެއްދުވަހަށް ވުމުން އެމީހުން ތިބެނީ އެންމެ ފޯރި ގަދަކޮށް ބޯކިބާ އަޅާ ގެތައް ބަލައި ފާހަގަކޮށްފައެވެ. ބޯކިބާ ވަގަށް ނަގަނީ ރޭގަނޑު، ދަން ވުމުންނެވެ.

ޒަމާން ތަރައްގީވެ، މީހުންނަށް އައި ބަދަލާއެކު މިފަދަ ކަންކަން މިހާރު ވަނީ އެއްކޮށް ފަނޑުވެ ގޮސްފައެވެ. ނަމަވެސް "އައްޕަން" ވަގަށް ނަގައި އުޅުމަކީ ދިވެހިންގެ ޒަމާނީ ސަގާފަތެކެވެ. ބައެއް ރަށްރަށުގައި މިކަން މިހާރުވެސް ކުރިއަށް ދެއެވެ. ނަމަވެސް އޭރު އެކަމަށް އޮންނަ ޖޯޝާއި ފޯރި މިހާރު ނުހުރެއެވެ.

ދިވެހިންގެ އަތުން ގެއްލި ނެތެމުންދާ މި ސަގާފަތުގެ ހަނދާން އާކޮށްލުމުގެ ގޮތުން މިއަހަރުގެ އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ގދ. ތިނަދޫ އަށް ނިސްބަތްވާ ސްޓޫޑިއޯ 33 އިން ވަނީ ވީޑިއޯ އެއް ނެރެފައެވެ. އެ ވީޑިއޯ ނެރެފައިވަނީ ބްލެކްއެމްވީ އާ ގުޅިގެންނެވެ. އެ ވީޑިއޯގައި ދިވެހިންގެ މި ސަޤާފަތް ހިނގާ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައިވެއެވެ. ވިޑީއޯ ބައްލަވާލައްވާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައުއްޑޭ އަލިބެއްޔާ

    އައްޕަނަކީ ހުވަދު އަތޮޅު މީހުނަށް ޚާއްސަ އެއްޗެކެވެ.

  2. އައްޕަން ބޯކިބާ

    ކާކުގެ އައްޕަނެއް ވަގަށް ނަގައިގެންތަ ޗަ އުޅެނީ... ދެފަޔަށް ހިނިއަރޭގެން އުޅޭހެން.. އައްޕަނޭ އައްޕަނޭ ޗަ ގޮވޭނަގަނީ އަޅެ ފަހެ އައްޕަން އެދީމަތަ؟

  3. ދެކޮނު ކޮޑު އައްޕަނެ ވަރަށް މީރެ.

    ރިޕޯޓްގައި އާއްޕަން އާއި ބެހޭގޮތުން ހުރި މައުލޫމާތު އެހާ މުއްސަންޖެއްނޫން. އެ އާއްޕަން ހާއްސަވަނީ ވެލާބިހާއި ދިވެހި ހަކުރުން އެ އަޅާފައި ހުންނައިރު ތަފާތު މީރު ރަހަޔެއް އޭގައިހުންނާތީ، އަދި ފިހަމުންދާއިރު ދުވާ މީރު ވަހަކުން އަވަށްޓެރިންނަށް ސިއްރަކުން ވެސް އެކަން ނުކުރެވޭތީ އާއި އީދަށް ހާއްސަ ކެއުމަކަށް ވާތީ..ހުވަދޫ ބަހުން ކިޔަނީ (އައްޕަން) ދިވެހިބަހުން ކިޔަނީ އާއްޕަން..

    3
    1
  4. ވ

    އެފްބީގެ އައްޕަން ޓީވީ ކަމަށް މަހީކުރީ

  5. ވެކްސިން

    މާބޮޑުތަނުގައި ޖައްސަނީއެއް ނޫން. ތި ސަގާފަތް އެހާ މަޖަލެއް ނޫން. ވިހަ މަޖަލެއް ދިރުވާކަށް ނުފެނޭ. ތިޔަށްވުރެ ރީތި އިޖުތިމާއީ މަޖާ އީޖާދު ކޮށްގެންވެސް ދިރުވާ އާލާުކުރަންވީ. އީދުގައި ގައިގަ ދެލިލާގެން ފަންބަނދެގެން ވަލުމީހުން ހެދިގެން ހުތުރުވައްތަރު ޖާއްސާ ސަގާފަތޭ ކިޔައިގެން ހަޑިހާވާ މިހުންވެސް ފެނޭ. ބޮޑުބެރޭ ކިޔައިގެންވެސް ހަމައެޒާތު ހަޑި... ތަނެއްގެ ފޯކްލޯރއަކީ ވަރަށްގިނަ މާނަ އެކުލެވޭ އެއްޗެއް. އެހެންމީހުން ބަލާފަ ހީހަދާ ކޮންމެ ކަމެއް ފަޚްރަކަށް ނުހަދަންވީ. އެހުނުން އެއީ ރީތިވެގެން ތަޢުރީފުކުރުން ކަމަށްވެސް ނުބަލަންވީ. ބޭނުމީ ފަޚުރުވެރި ތަހުޒީބު ސަގާފަތާ ފޯކްލޯރ މުއްސަނދި ބަޔަކަށް ވާން.