މަޝްހޫރު މީސްމީޑިއާ މަންސަ، ޓްވިޓާގެ ބައެއް މަޝްހޫރު އެކައުންޓުތަކަށް މިދިޔަ މަހު ދިން ހަމަލާ އާއި ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ނޫސްތައް ބުނާގޮތުން އެ ކުއްޖާއަކީ އުމުރުން 17 އަހަރުގެ އެމެރިކާއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ އާއި އެކު އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް އެކައުންޓުތަކަށް ދިން ހަމަލާގެ ފަހަތުގައި އެންމެ އިސްކޮށް ހުރީ އެކުއްޖާ ކަމަށް ވަނީ ބެލެވިފައެވެ.

ޓްވިޓާގެ ބައެއް ބޮޑެތި އެކައުންޓުތައް ހެކް ކުރި މައްސަލަ ތަހުޤީޤު ކުރަމުން ދަނީ އެމެރިކާގެ އެފްބީއައި އާއި އެޤައުމުގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ގުޅިގެންނެވެ. މި ތަހުޤީޤުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް، އެކައުންޓުތަކަށް ހަމަލާ ދިނުމުގައި ޓްވިޓާގެ ބައެއް މުވައްޒަފުންގެ ޝާމިލުވުން އޮތް ކަމަށް ވެސް ބެލެވިފައި ވެއެވެ.

ޓްވިޓާ އެކައުންޓުތަކަށް ދިން ހަމަލާ އާއި ގުޅިގެން ކުޑަކުއްޖާގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ދެ މީހެއް ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. އެމީހުންނަށް ދަޢުވާ ކުރުމަށް އިދާރާތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެމީހުންނާއި ދެކޮޅަށް ހެކި ލިބުމުންނެވެ.

ޓްވިޓާގެ މަޝްހޫރު ގިނަ އެކައުންޓުތަކެއް އެއްވަގުތެއްގައި ހެކްކޮށް ހަމަލާ ދީފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހަމަލާ އަމާޒުކޮށްފައިވަނީ "ހައި-ޕްރޮފައިލް" އެކައުންޓުތަކަށް ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ތެރޭގައި އެޕަލް ކުންފުނީގެ ރަސްމީ އެކައުންޓާއި، މައިކްރޮސޮފްޓްގެ ބާނީ، ބިލްގޭޓްސް އާއި ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ އެލަން މަސްކް އާއި އެމެރިކާގެ މަޝްހޫރު މޮޑެލް، ކިމް ކާޑޭޝަން އާއި އެޤައުމުގެ ވެރިކަމަށް ކުރިމަތިލާ ޖޯއި ބައިޑެންގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޓްވީޓާ އެކައުޓުވެސް ހިމެނެއެވެ.

ޓްކްނޮލޮޖީ ޚަބަރު ގެނެސްދޭ ވެބްސައިޓަކުން ހެކަރުންގެ ބަޔަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އެކައުންޓުތައް ހެކްކޮށްފައި ވަނީ އެތެރޭގެ މަޢުލޫމާތުތަކެއް ލިބިގެންނެވެ. މިގޮތުން މި މަޢުލޫމާތުތައް ފޯރުކޮށްދީފައި ވަނީ ޓްވިޓާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި، މި މަޢުލޫމާތުގެ ޒަރިއްޔާއިން "ވެރިފައި" ކޮށްފައިވާ ޓްވިޓާގެ ހުރިހާ އެކައުންޓަކަށް ހެކަރުންނަށް "އެކްސެސް" ލިބުނު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެކައުންޓުތައް ހެކްކޮށް ހަމަލާ ދިނުމަށްޓަކައި ހެކަރުން ވަނީ ޓްވިޓާ އިން އެހީތެރިކަން ފޯރުކޮށްދިން މުވައްޒަފުންނަށް ފައިސާވެސް ދީފައެވެ. މިކަން ހާމަވާ ބައެއް ސްކްރީންޝޮޓްތައް ވެސް ވެބްސައިޓުން އާންމުކޮށްފައި ވެއެވެ.

ހެކަރުންގެ ހަމަލާ ބޮޑެތި ބައެއް ޓްވީޓާ އެކައުންޓުތަކަށް އަމާޒުވެފައި ވާއިރު، އެ އެކައުންޓުތައް މެދުވެރިކޮށް ސްކޭމް ޓްވީޓުތަކެއް ވަނީ ކޮށްފައެވެ. މިގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމަށް، "ގިވްއަވޭ" އެއް ކަމަށް ބުނެ ބިޓްކޮއިން އެޑްރެސް އަކަށް ފައިސާ ޖަމާކުރުމަށް އެދި މި އެކައުންޓުތަކުން ހެކަރުން ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، ޓްވީޓު ކުރާތާ 30 މިނެޓު ތެރޭގައި އެ އެޑްރެސް އަށް ފޮނުވާ ފައިސާ ދެގުނަ ކުރުމަށްފަހު އަނބުރާ ލިބޭނެ ކަމަށެވެ.

މި ސްކޭމްގެ ސަބަބުން ގިނަ ބަޔަކު ހެކަރުންގެ ބިޓްކޮއިން އެޑްރެސް އަށް ފައިސާ ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 30 މިނެޓެއްހާއިރު ތެރޭ އެ އެޑްރެސް އަށް އެއްލައްކަށް އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ފޮނުވާފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާޖަރު

    އިސްލާމީ ޤައުމެއް އަވަ ހަށް ފުނޑާލާ އެނިމުނީ އެހ ހިސާބުން

    • ލާއީ

      ހަޔާޔް ކުދަ އެހްނު

  2. ހާޖަރާ

    17 އަހަރު ވީމަ އެއީ "ކުޑަކުއްޖެއް" ނޫން. އޭރުން ކިޔާނީ ޓީނޭޖް ކުއްޖެއޭ. މީ ހަމަ 30 އަހަރުގެ މީހަކައް މުސްކުޅިއެކޭ ބުނުން ކަހަލަ ކަމެއް