އަވައްޓެރި އިންޑިއާގައި ސެނެޓައިޒާ ބޮއެގެން ޕާޓީކުރި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ފުލުހުންނާއި ހަވާލާދީ އިއްޔެ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އަންދްރަޕްރަދޭޝްގައި ހިނގި މި ހާދިސާގައި ޖުމްލަ ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ. މި މީހުން ސެނެޓައިޒާ ބުއީ ބަނގުރާ ވިއްކާ ތަންތަން އެ ސްޓޭޓުގައި ބަންދުކޮށްފައި ހުރުމުން، ބަނގުރަލުގެ ބަދަލުގައި އެތަކެތި ބޮއެގެން މަސްތުވުމުގެ ބޭނުމުގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ސެނެޓައިޒާ ބުއިމުގެ ސަބަބުން ވިހަވެގެން މި ނުވަ މީހުން މަރުވީ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ނުވަ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އިންޑިއާގެ ސިއްޙީ އޮފިޝަލުން ނޫސްތަކުގައި ބުނެފައި ވެއެވެ.

އަންދްރަޕްރަދޭޝްގައި ބަނގުރާ ވިއްކާ ތަންތަން ބަންދުކޮށްފައި ވަނީ ކޮވިޑް-19 ފެތުރޭތީ އެ ސްޓޭޓް ފުރަބަންދުކޮށް އާންމު ވިޔަފާރިތައް ހިންގުން ހުއްޓުވުމާއި ގުޅިގެންނެވެ.

އިންޑިއާގައި ކޮންމެ އަހަރަކުވެސް "އަލްކަހޯލް" ވިހަވެގެން އެތައް ސަތޭކަ ބަޔަކު މަރުވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އާއި ގުޅިގެން އެޤައުމުން ގިނަ ބަޔަކު ސެނެޓައިޒާ، ބުއިމަށް ބޭނުންކުރާ މައްސަލަތަކެއް ވެސް އަންނަނީ އިތުރުވަމުންނެވެ.

އެޤައުމުގައި ބައެއް މީހުން މަސްތުވުމުގެ ބޭނުމުގައި ސެނެޓައިޒާ ބުއިމަށް ބޭނުންކުރަމުންދާއިރު، އަނެއް ބަޔަކު މިތަކެތި ބޮނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކަމަށް ބުނެއެވެ. ނަމަވެސް ސެނެޓައިޒާއަކީ މިގޮތަށް ބޭނުންކުރުން ނުރައްކާ ބައިތަކެއް އެކުލެވޭ އެއްޗެއްކަމަށް ސިއްޙީ ތަޖުރިބާކާރުން ކުރިންވެސް ބުނަމުން ދިޔައެވެ.

އިންޑިއާގައި ސެނެޓައިޒާ ބޮއެގެން އެއްފަހަރާ ގިނަ ބަޔަކު މަރުވެފައި ވާއިރު، އެޤައުމަކީ ކޮވިޑް-19 ގެ ނުރައްކާ ވެސް އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިގޮތުން އެޤައުމުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 36000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އެޤައުމުގައި ދުވަހެއް ދުވަހަކަށް ބަލީގެ ވޭދަނަ (ކޭސް) ތައް އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ ޕީކް އަންނާނެ ކަމަށް ބެލެވިފައި ވަނީ ވެސް އަންނަ ނޮވެމްބަރުގައެވެ.