މީސް މީޑިއާ އެޕްލިކޭޝަން "ޓިކްޓޮކް" އެމެރިކާ ގައި ބޭނުން ކުރުން މަނާކުރާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ.

ޗައިނާގެ އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮކް" އިން ޑޭޓާ ކަލެކްޓްކޮށް، މީހުންގެ ފޯނުގައި ހުންނަ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ތުހުމަތު ކުރެއެވެ.

ޓްރަމްޕް ބުނީ "ޓިކްޓޮކް" އެމެރިކާގައި މަނާ ކުރުމުގެ ރިޔާސީ ޤަރާރެއް ހޮނިހިރު ދުވަހު ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޓިކްޓޮކް އަކީ ވަރަށް ބޮޑު ބިރެއް. އަހަރެމެން މަނާކުރާނަން އެއެޕްލިކޭޝަން އެމެރިކާގައި ބޭނުން ކުރުން. އަހަރެންގެ އަތުގައި އެބައޮތް އެބާރު. ރިޔާސީ ޤަރާރެއް ނެރެގެން އެކަން ކުރެވޭނެ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ އެމެރިކާ ސަރުކާރުން ޝައްކުތަކެއް ކުރާ ޕްލެޓްފޯމްތަކުގެ ހިއްސާ އެމެރިކާގެ ކުންފުނިތަކުން އެއީ ތާއިދުކުރާ ކަމެއް ނޫނެވެ. ޓްރަމްޕް އެހެން ބުނީ ޓިކްޓޮކްގެ ހިއްސާ ގަންނަން މައިކްރޯސޮފްޓުން ވާހަކަތައް ދައްކަމުން އަންނަ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ޓިކްޓޮކް ބޭނުން ކުރާ 800 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ. މީގެ ތެރެއިން 80 މިލިއަން މީހުންނަކީ އެމެރިކާ މީހުންނެވެ. އެއެޕްލިކޭޝަނާއި ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލުން ސުވާލު އުފެއްދި ނަމަވެސް ދުނިޔޭގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެޕްލިކޭޝަނާއި ގުޅޭ ގޮތުން ސުވާލު އުފައްދަނީ ސިޔާސީ މަޤުޞަދެއްގައެވެ.

އެމެރިކާގެ ރައީސް ކަމަށް ވާދަކުރާ ޖޯ ބައިޑަންގެ ކެމްޕޭން ޓީމްގެ މުވައްޒަފުން ވެސް ޓިކްޓޮކް ބޭނުން ކުރުން މަނާކޮށް މިދިޔަ ހޯމަ ދުވަހު ވަނީ އިންޓާނަލް މެމޯއެއް ނެރެފައެވެ.