ފްލޮރިޑާގެ ފްލައިޓް އެޓެންޑެންޓެއް އޭނާގެ ފިރިމީހާ ބޭވަފާތެރިވިކަން އެނގުމުން، އެމީހާގެ ގިޓާ ހަލާކުކޮށްލާ އޭނާ އަށް ހަމަލާ ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 29 އަހަރުގެ ނިކޯލް ޑެންސަން މިދިޔަ ބުދަ ދުވަހު ގެއަށް އައި އިރު އޭނާގެ ފިރިމީހާ އެހެން އަންހެނަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު އޭނާ އަށް ވަނީ ފެނިފައެވެ. އޭގެފަހުން ހިނގި ހަމަނުޖެހުންތަކުގައި ނިކޯލް ވަނީ އޭނާގެ ފިރިމީހާގެ މުދަލަށް ގެއްލުން ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިކޯލް ވަނީ އޭނާގެ ފިރިމީހާގެ މޫނުގައި ގޮށްމުށް ކަވާފައި ޖަހައިފައެވެ. އޭގެ ސަބަބުން އޭނާގެ އެއްލޯ ވަނީ ވަރަށް ބޮޑަށް ނޫފައިގަނެފައެވެ. އަދި ނިކޯލް ދިން ހަމަލާތަކުގެ ސަބަބުން އޭނާގެ ފިރިމީހާގެ މޫނާއި ކަނދުރާ އަދި އަތުގެ އެކި ތަންތަން ވަނީ ޒަހަމްވެފައެވެ.

ނިކޯލް ވަނީ އޭނާގެ ފިރިމީހާގެ ގިޓާ އެއްކޮށް ފުނޑުފުނޑުކޮށްލާ، އެ ގޭގައި ހުރި ހަރު ފަދަ ތަކެތި އެއްކޮށް ހަލާކުކޮށްލައިފައެވެ.

އެ މައްސަލަ ބެލި ފުލުހުން ވަނީ އެ ގެ އޮތީ އެ ފުށް މިފުށަށް ޖެހިފައި ކަމަށް ބުނެފައެވެ. އަދި އެގެއަށް ދިން ގެއްލުމުގެ އަގު ބޮޑުވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި މައްސަލަ އާއި ގުޅިގެން، ގެވެށި އަނިޔާގެ މައްސަލައެއްގައި ނިކޯލް ވަނީ ފުލުހުންގެ ބެލުުމުގެ ދަށަށް ގެންގޮސްފައެވެ.

ނިކޯލް އާއި އޭނާގެ ފިރިމީހާގެ ދެ ކުދިން އެބަތިއްބެވެ. އެލެޖިއެންޓް އެއާގައި މަސައްކަތް ކުރާ ނިކޯލް ކައިވެންޏެއް ކޮށްގެން އުޅޭތާ ތިން އަހަރު ވަނީ ވެފައެވެ.

އޭނާގެ ފިރިމީހާއަކީ ބާއެއްގައި މަސައްކަތްކުރުމުގެ އިތުރުން ފިޓްނަސް ދާއިރާގައި ވެސް މަސައްކަތް ކުރާ މީހެކެވެ.