އިންޑިއާގެ ނުރައްކާތެރި ޑޮކްޓަރެެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޔުވެޑިކް ޑޮކްޓަރު ޑެވެންޑްރާ ކުމާރް ޝަރްމާ ގިނަބަޔަކު މަރާލުމަށްފަހު ކިނބޫތަކަށް ކާންދިން ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޝަރްމާ ޕޭރޯލްގެ ދަށުން މިދިޔަ ޖެނުއަރީ މަސް ތެރޭގައި ދޫކޮށްލީ އޭނާގެ އުޅުން ރަނގަޅު ކަމުންނެވެ.

އުުމުރުން 62 އަހަރުގެ ޝަރްމާ ޖެނުއަރީ މަހު ޕޭރޯލްގެ ދަށުން ދޫކޮށްލި ނަމަވެސް، އޭނާ އެނބުރި ޖަލަށް ނައިސް ވަނީ ފިލާފައެވެ. އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ހަތްފާއަކަށް ދޫކޮށްލާފައި ވަނީ 16 އަހަރު ވަންދެން ޖަލުގައި ހޭސަ ކުރުމަށްފަހުއެވެ.

2002 އަހަރާއި 2004 ވަނަ އަަހަރު ތެރޭގައި ގިނަބަޔަކު މަރާލި މައްސަލައެއްގައި 2004 ވަނަ އަހަރު އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ޝަރްމާއަށް މިޑިއާތަކުން ދީފައިވާ ނަމަކީ ޑރ ޑެތް އެވެ.

އޭނާއަކީ އެތައް ހާސް ކިޑްނެޕިންގ ކޭސް އާއި ބައެއް ޑްރައިވަރުންގެ މަރުގެ މައްސަލަތަކެވެ.

ފުލުހުންގެ ސަމާލުކަމަށް ފުރަތަމަ ޝަރްމާ އައިސްފައި ވަނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ ހުއްދަ ނެތި ކިޑްނީ ޓްރާންސްޕްލާންޓް ކުރަމުންދާ ކަމުގެ މައްސަލަތަކެއްގައެވެ.

އެހެން ޑޮކްޓަރުންނާއި، އަދި ބައެއް އެހެން މީހުންގެ އެހީތެރިކަމާއި އޭނާ ވަނީ 125 ޓްރާންސްޕްލާންޓް ހަދާފައެވެ. އަދި ފުލުހުން ވަނީ އޭނާ އަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައެެވެ. އަދި އޭނާ ޓެކްސީ އާއި ޓްރަކް އެއްޗެހި ކުއްޔަށް ނެގުމަށްފަހު އޭގެ ޑްރައިވަރުންގެ އަތުން ވައްކަން ކޮށް، އެ ޑްރައިވަރުން މަރާލާއި، އެ މީހުންގެ ވެހިކަލްތައްވެސް ވިއްކާލާ ހަދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މިގޮތަށް މަރާލާ މީހުންގެ ހަށިގަނޑުތައް އުއްތަރްޕްރަދޭޝްގެ ހަޒަރް ކަނަލް އަށް އަޅާލާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެތަނަކީ ކިނބޫ އުޅޭ ތަނެއް ކަމުން އެތަނުން އެ މީހުންގެ ހަށިގަނޑުތައް ހޯދަން އުނދަގޫވާނެ އެވެ.

ޝަރްމާ ފަހުން ވަނީ ބައެއް މަރުތަކުގެ ޒިންމާ ނަގާފައެވެ. އަދި ބައެއް އިތުރު މަރުތަކާއިއޭނާއާ ގުޅޭކަމަށްވެސް އެއްބަސްވެފައެވެ.