ބޮލީވުޑްގެ ތަރި ސުޝަންތް ސިންގ ރާޖްޕުތް އަމިއްލައަށް މަރުވެފައި ވަނީ ޖޫން 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގައެވެ. މުޅި ގައުމު މިހާރު އެ މަރުގެ ހަގީގަތް ހޯދަން ކުރަމުންދާ އިންތިޒާރުތަކާއެކު، އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއަށް ކުރެވެމުންދާ ތުހުމަތުތަކުގެ ހަގީގަތްތައް ހޯދަން ބޭނުންވެފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ.

ސުޝަންތްގެ މަރަށް މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާގެ މަރުގެ ތަހުގީގުތައް ކުރިން ކުރަމުންދިޔައީ، މުމްބާއީ ފުލުހުންނެވެ. އޭނާގެ އާއިލާއަށް އެ ތަހުގީގުތައް ކުރިއަށް ގެންދާ ގޮތް ހިތްހަމަ ނުޖެހެއެވެ. އެހެންވެ މިހާރު ބިހާރް ފުލުހުންވެސް ވަނީ އެކަމުގެ ތަހުގީގުގައި ބައިވެރިވެފައެވެ.

ދެ ސިޓީގެ ފުލުހުން އެ މަރުގެ ހަގީގަތް ހޯދުމަށް ހުރިހާ ގަަލެއް ފުރޮޅަންވެސް ތިބީ ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ޓައިމްސް ނައުގެ ރިޕޯޓްތަަކަށް ބަލާއިރު، ބިހާރް ފުލުހުން އެދުމުންވެސް ކޫޕާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އެ މީހުންނަށް ވަނީ ބައްދަލު ކުރެވޭ ގޮތް ނުވެފައެވެ. ސަބަބެއް ކަމަށް ބުނަނީ މުމްބާއި ފުލުހުންގެ ހުއްދަ ބޭނުންވާތީ ކަމަށެވެ. އަދި ސުޝަންތްގެ އޮޓޮޕްސީ ރިޕޯޓްވެސް އެ މީހުންނަށް ލިބޭގޮތް ވެފައި ނުވާކަމަށް އެ ނޫހުގައި ވެއެވެ.

އެ ނޫހުގެ ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ބިހާރްގެ ފުލުހުން ދަނީ ޑައިރެކްޓަރ ރޫމީ ޖެރެފީ އާއި އަދި ސުޝަންތްއާއި ގާތްކޮށް އެ ދުވަސް ވަރު އުޅުނު މީހުންގެ ބަޔާން ނަގަމުންނެވެ. ރޫމީގެ ބަޔާން ނެގުމަށް ފުލުހުން ނިންމީ، އޭނާގެ ފިލްމަކަށް ސުޝަންތް އާއި ރިއާ މެއި މަހުގައި ޝޫޓިންގއެއް ފަށަން އުޅުނު ކަަމަށްވެސް ވާހަަކަދެކެވުނު ކަމަށް ވެއެވެ.

ސުޝަންތްގެ މަރުގެ ހަގީގަތް ހޯދުމަށް ދެ ސިޓީގެ ފުލުހުން ބޭނުންވާއިރު، ރިއާ ބޭނުންވަނީ އޭނާއާ ދެކޮޅަށް ބިހާރް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ މުމްބާއީ ފުލުހަށް ބަދަލު ކުރުމަށެވެ. އައި އެކަަމާއި ގުޅިގެން ރިއާ ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ވައްދާފައެވެ. އަދި އެކަމުގެ އަޑު އެހުން އޮގަސްޓް ފަސް ވަނަ ދުވަހު ކުރާނެއެވެ.