ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯތުގެ ގޭގެ ކައިރިން ބަޑި ޖަހައި ބަޔަކު އޭނާ އަށް ބިރު ދައްކަން އުޅޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަށައިފިއެވެ.

"ޓައިމްސް އޮޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަންގަނާ އަށް ބަޔަކު ބިރުދައްކަން މަސައްކަތް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި މަނާލީގައި ހުންނަ އޭނާގެ ގޭގައި ހުއްޓައެވެ.

އެ ނޫހަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ ރޭ 11:30 ހާއިރު އޭނާ އަށް އެ ގޭގެ ގޯތިތެރޭގައި މީހަކު ހިނގާ އަޑު ކަހަލަ އަޑެއް އިވުނު ކަމަށާއި، އޭގެ ފަހުން ދެ ފަހަރަކަށް ބަޑި ޖަހާ އަޑު އޭނާ އަށް އިވުން ކަމަށެވެ. އަދި އެވަގުތު ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ އަށް ގުޅައި އެއީ ކޮން އަޑެއްތޯ އަހާފައި ވާނެ ކަމަށާއި، އަދި އޭނާ އަށްވެސް އެފަދަ އަޑެއް އިވުނު ކަމަށް ބުނި ކަމަށް ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ ހިމެނޭ ގޮތަށް ގޭގައި ދިރިއުޅޭ ފަސް މީހުންނަށް ވެސް އެ އަޑު އިވިފައިވާ ކަމަށާއި އެމީހުންވެސް އެއީ ބަޑިޖަހާ އަޑުކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އެއަށްފަހު އޭނާ ވާނީ ފުލުހުންނަށް ގުޅައި އެމައްސަލަ ރިޕޯޓުކޮށްފައި ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވަނީ އެއީ ސީދާ ކަންގަނާ އަށް ބިރު ދައްކަން ބަޔަކު ޖެހި ބަޑި ކަމަށް ގަބޫލު ނުކުރެވޭ ކަަމަށް ބުނެފައެވެ. އަދި ކުޅިވަރަކަށް އާފަލު އަދި ވާލަށް މީހުން ބަޑި ޖަހާ ކަމަށާއި، އެއީ އާންމު ކަމެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެއެވެ.

ނަމަވެސް ކަންގަނާ އެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ.

ކަންގަނާ ބުނެފައި ވަނީ އެވަގުތު އެހެން ބަޑި ޖަހާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފުލުހުން މި މައްސަލަ ބެލުމަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

"މިކަން ތަކުރާރު ވެއްޖިއްޔާ ދެން ކީއް ކުރާނީ؟ އަހެރެންނަށް އަޑު އިވުނީ ބަޑި ޖަހާ އަޑުކަން އަހަންނަށް އަދި މީގޭގަ ތިބި އެހެން މީހުންނަށް ގަބޫލު ކުރެވޭ. އެއީ އެއްފަހަރު އިވުނު އަޑެއް ނަމަ ގަބޫލުކޮށްފާނަން ފުލުހުން ދައްކާ ވާހަކަ. އެކަމަކު އަހަރެން އެއަޑު ދެފަހަރަށް އަޑު އެހިން." ކަންގަނާ ބުންޏެވެ.

ދާދި ފަހުން އަމިއްލައަށް މަރުވި ސުޝާންތު ސިންގް ރާޖްޕޫތު މައްސަލާގައި ކަންގަނާ ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ކަންގަނާ ހައްޤު ބަސްބުނާތީ ފިލުމު އިންޑަސްޓްރީ މީހުން އޭނަދެކެ ރުޅި އަންނަނީ.

    32
    4
    • ހިރިތިކް

      ރާއްޖޭގަވެސް ހައްޤު ބަސް ބުނާ މީހުން މަރާލަނީ ނޫނީ ގެއްލުވާލަނީ.

  2. މޫޝީން

    މީ ބޮޑު ބޮލުގެރިހުމެއް ކަހަލަ އަންހެނެއް.

    4
    6