ބޮލީވުޑްގެ ސުޝާންތު ސިންގް މިދިޔަ ޖޫން މަހުގެ މެދު ތެރޭގައި އަމިއްލަ އަށް މަރުވުމާއެކު އެތައް ބަޔަކަށް ލިބުނީ ކުއްލި ސިހުމެކެވެ. ސުޝާންތުއަކީ ކުރިއަރަމުން އައި އުންމީދީ ތަރިއަކަށް ވުމާއެކު އޭނާ ކުއްލިއަކަށް އަމިއްލަ އަށް މަރުވާންވީ ސަބަބަކާއި މެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސުޝާންތުގެ މަރާ ގުޅިގެން، އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރިޔާ ޗަކްރޮބެދީ ފުލުހުންނާ ކުރިމަތި ނުލާން އުޅެނީ ކީއްވެގެންތޯ ޕަޓްނާ ފުލުހުން މިވަނީ ސުވާލު އުފައްދައިފައެވެ.

ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ވަނީ ރިޔާ އާ ދެކޮޅަށް ޕަޓްނާ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސުޝާންތުއަށް ނޭނގި ބޮޑެތި އަދަދުތަކުން އޭނާގެ އެކައުންޓުން ރިޔާ ފައިސާ ނަގާފައިވާ ކަމަށާއި ރިޔާ ސުޝާންތުއަކީ ސިކުނޑި ހަމަ ނުޖެހޭ، ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ދައްކަން ގަސްތުގައި ކަންތައްތަކެއް ކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި މުމްބާއި އަދި ދިއްލީގެ ފުލުހުން އެކަންކަމުގައި ބައިވެރިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ.

ޕަޓްނާ ފުލުހުންގެ އިސްވެރިޔަކު މީޑިއާއަށް ބުނީ ރިޔާ ފުލުހުންނަށް ފިލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

" ފިލުމޭ މި ބުނަނީ އަހަރުމެންނާ ކުރިމަތިނުލާތީ. ތަހުގީގަށް ކުރިމަތި ނުލާތީ. ކީއްވެތަ ނާންނަންވީ ޖަވާބުދޭން. ކީއްވެ ޕަޓްނާ ފުލުހުން މައްސަލަ ބަލަން ނުރުހެނީ. ކީއްވެ ހަމަ ދިއްލީ ފުލުހުން ލައްވާ މައްސަލަ ބަލަން ޕެޓިޝަން ހުށަހަޅައިގެން ތެޅެނީ؟ އަހަރުމެން މި ބުނަނީ އަންނާށޭ. ޖަވާބުދޭށޭ. ކަމެއް ނިންމީކީ ނޫންތާ އަދި." އޭނާ ބުންޏެވެ.

ސުޝާންތުގެ މަރާ ގުޅިގެން ރިޔާ އަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ހާމަވާނެ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ ވަނީ ރިޔާ ސުޝާންތަށް ފުރައްސާރަކޮށް ބްލެކްމެއިލް ކުރާ ކަމަށް ބުނެ ސުޝާންތު ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯ ފުލުހުންނާ ހިއްސާކޮށްފައެވެ.