އިންޑިއާގައި އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކު ފައިސާ ފޮއްޗެއް ދިރުވާލައިގެން އުޅެނިކޮށް މަރުވެއްޖެއެވެ.

ކެެރެލާއަށް ނިސްބަތްވާ އެ ކުއްޖާ ފައިސާ ފޮތި އަނގަޔަށް ލައިގެން އުޅެނިކޮށް އަރުތެރެއިން ދިއުމުން، އެ ކުއްޖާގެ މައިންބައިން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެން ނަމަވެސް އެކުއްޖާ ގެންދިޔަ ސަރުކާރުގެ ތިން ހޮސްޕިޓަލަކުން ވެސް، އެ ކުއްޖާ އެޑްމިޓްކޮށްގެން ފަރުވާ ދޭން ބޭނުން ނުވިއެވެ. ސަބަބެއް ކަމަށް އެ މީހުން ބުނެފައި ވަނީ ކޮވިޑް-19 އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ އެޑްމިޓް ކުރަން ހޮސްޕިޓަލްތަކުން ދެކޮޅު ހެދީ ކޮވިޑް-19އާ ގުޅިގެންނެވެ.

މިކަން ހިނގާފައި ވަނީ އިއްޔެ އެވެ. އެ ކުއްޖާ ފައިސާ ފޮތި ދިރުވާލުމުން ވަގުތުން އެ ކުއްޖާ ގޮވައިގެން މައިންބަފައިން އަލުވާގެ ސަރުކާރު ހޮސްޕިޓަލަކަށް ދިޔައެވެ. އަދި އެ ހޮސްޕިޓަލުން އެ ކުއްޖާގެ ހަށިގަނޑުގެ އެކްސްރޭއެއް ނަގައި، ފައިސާ ފޮތި އޮތް ތަން ބެލިއެވެ.

އެހެން ނަމަވެސް، އެ ހޮސްޕިޓަލުން އެ ކުއްޖާ އެޑްމިޓް ކުރަން ދެކޮޅު ހެދިއެވެ. އެ ހޮސްޕިޓަލުން އެ ކުއްޖާ އެޑްމިޓް ކުރަން ދެކޮޅު ހެދީ އޮޕަރޭޝަންކުރާނެ ޑޮކްޓަރެއް ނެތް ކަމަށް ބުނެއެވެ. އެތަނުން އެ ކުއްޖާ ގެންދަން ބުނީ އެމަކުލަމް ޖެނެރަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުންވެސް އެ ކުއްޖާ ބަލާ ފޮނުވާލީ އެހެން ހޮސްޕިޓަލަކަށެވެ.

އެމަކުލަމް ޖެނެރަލް ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޑެންޓް ޑޮކްޓަރ އޭ އަނިތާ ބުނީ، އެ ކުއްޖާގެ އެކްސްރޭ ނެގި ކަމަށާއި، އެކުއްޖާގެ ބަނޑުން ވަކި ލާރި ފޮތި ފެނުނު ކަމަށެވެ. އެހެންވެ އެކަމުގައި ބިރުވެރިކަމެއް ނެތް ކަން އޭނާ ފާހަގަކުރިއެވެ.

"އޭނާ ނޭވާލާން އުނދަގޫވެގެންވެސް ނޫޅޭ. އަދި އެގަޑީގައި އުޅުނީވެސް ވަރަށް އެކްޓިވްކޮށް، އަދި ހޮސްޕިޓަލްގައި ޕެޑިއަޓެރިކް ސާރޖަންއެއް ނެތުމުން، އަހަރުމެން އެ މީހުން އެހެން ހޮސްޕިޓަލަކަށް ފޮނުވީ. އެއީ އަލައްޕުޒްހާ މެޑިކަލް ކޮލެޖަށް، އަހަރުމެން އެ މީހުންނަށް އެމްބިއުލާންސްވެސް ހަމަޖެއްސިން". އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އަލައްޕުޒްހާ އިންވެސް އެ ކުއްޖާ އެޑްމިޓްކޮށްފައެއް ނުވެއެވެ. އެ ތަނުގެ ޑޮކްޓަރުން ބުނީ، އެ ކުއްޖާއަށް މޭވާ ދިނުމަށެވެ. އެއިރުން އެ ކުއްޖާ ބޮޑުކަމުދާއިރު،އެ ފައިސާ ފޮތި ދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އެ ކުއްޖާގެ މައިންބަފައިން ބުނެފައި ވެއެވެ.

އެ ކުއްޖާގެ މައިންބަފައިންނަކީ މާ ތަނަވަސް ބައެއް ނޫނެވެ. އެހެންވެ އެ މީހުންނަށް އެހެން ހޮސްޕިޓަލަކަށް ދެވޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ ދުވަހުގެ ރޭގަނޑު އެ ކުއްޖާގެ ހާލު ގޯސް ރޯން ފެށި ފަހުން އަނެއްކާވެސް އަލުވާގެ ސަރުކާރު ހޮސްޕިޓަލަށް ދާން ނިންމިއެވެ.

އެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު