އެމެރިކާގައި ޓިކްޓޮކް މަނާކުރަން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވީނަމަވެސް އަދިވެސް ޓިކްޓޮކް ގަންނަން އެކުންފުނީގެ ވެރިންނާއި އެކު މަޝްވަރާ ކުރަމުން ގެންދާކަން އެމެރިކާގެ މައިކްރޯސޮފްޓުން ކަށަވަރު ކޮށްދީފިއެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަޓްޔާ ނަޑެއްލާ އާދީއްތަ ދުވަހު ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ ޓިކްޓޮކް އެޕްލިކޭޝަންގެ ސެކިއުރިޓީ ރިވިއުއެއް މައިކްރޯސޮފްޓުން ހަދާފައިވާ ކަމަށާއި އެއެޕްލިކޭޝަން މައިކްސްޓޯސޮފްޓުން ގަނެފި ނަމަ އެމެރިކާގެ އިޤުތިޞާދަށާއި އަދި އެމެރިކާ ސަރުކާރަށް ވެސް ފައިދާ ވާނެ ކަމަށެވެ.

ޓިކްޓޮކް އާއި އެކު މަޝްވަރާތައް ކުރިއަށް ދާއިރު އެމެރިކާ ސަރުކާރާއި އެކު ވެސް މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ނަޑެއްލާ ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މައިކްރޯސޮފްޓުން ޓިކްޓޮކް ގަންނަނަމަ އެއީ އެޕްލިކޭޝަނެއް ގަންނަން މިހާތަނަށް ހިންގާ އެންމެ ބޮޑު ވިޔަފާރިއަށް ވުން ވެސް އެކަށީގެންވެއެވެ. މައިކްރޯސޮފްޓުން ގަންނަން މަސައްކަތް ކުރަމުން ގެންދަނީ ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާކަމެއް ނުވަތަ ހިއްސާގެ ވަކި އިންސައްތައެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޗައިނާގެ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް އިން އެއެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ސިއްރުން އެޕްލިކޭޝަންގައި ރައްކާކޮށް އެމައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ތުހުމަތު ކުރެއެވެ. ނަމަވެސް އެހުރިހާ ތުހުމަތެއް ޓިކްޓޮކް އިން ގެންދަނީ ދޮގު ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ ޓިކްޓޮކް އެމެރިކާގައި މަނާ ކުރުމަށް ހޮނިހިރު ދުވަހު ރިޔާސީ ޤަރާރެއް ނެރޭނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެފަދަ ޤަރާރެއް ޓްރަމްޕް ނެރެފައެއް ނުވެއެވެ.