ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގ ރާޖްޕޫތް ވަނީ މަރާލާފައި ކަމަށާ ބޭނުންވަނީ ސީބީއައި ތަހުގީގެއް ކަމަށް ސުޝާތުގެ ދެބެއިންގެ ދަރި ބޭބެ ބުނެފިއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވީ އަމިއްލަ އަށް ކަމަށް މިހާތަނަށް ހޯދި ހޯދުން ތަކުން ދެއްކި ނަމަވެސް އެއީ ހަގީގަތް ކަމަށް ޤަބޫލުކުރަން ދަތިކަމަށް އޭނާގެ ދެބެއިންގެ ދަރި ބޭބެ ނީރަޖް ބަބްލޫ ވަނީ ބުނެފައެވެ.

ބިހާރުގެ އެމްއެލްއޭ އެއްގެ މަޤާމުގައި ހުންނަ ނީރަޖް ވަނީ ސުޝާންތުގެ މަރާއި ގުޅިގެން ސީީބީއައި އިން ހިނގާ ތަހުގީގެއް ކުރިއަށްގެން ދިއުމަށް ގޮވާލާ ސްޓޭޓް އެސެމްބްލީގައި ވާހަކަދައްކާފައެވެ.

އޭނާ ބުނީ ބިހާރުގައި ސުޝާންތުގެ ކޭސް މިހާރު ސިޔާސީ ކަމަކަށް ބަދަލުވެފައިވާ ކަމަށާއި އޭނާ އަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.

ދީރަޖްގެ އެ ވާހަކަތަކަށް އާއްމުންނާއި ސިޔާސީ މީހުންގެ ފަރާތުން ވެސް ވަނީ ތަރުޚީބު ލިބިފައެވެ.

ސުޝާންތު މަރުވުމުން މުޅި ބޮލީވުޑަށާއި އޭނާގެ ފޭނުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަމިއްލަ އަށް މަރުވީ ބޮލީވުޑްގައި ހުރި ތަފާތު ކުރުންތަކަށް ކެތް ނުކުރެވިގެން ކަމަށް ބުނެ އެކްތާ ކަޕޫރާއި ކަރަން ޖޯހަރު ފަދަ މަޝްހޫރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ދެކޮޅަށް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ސުޝާންތުގެ މަރާ އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަދީ އާ ގުޅުމެއް ވާކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެއެވެ. އެގޮތުން ސުޝާންތު މަރުވީ ރިޔާ އާއި މަޝްހޫރު ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މަހޭޝް ބަޓް އާއި އޮތް ގާތް ގުޅުމުގެ ސަބަބުން، ހިނގި ކަންތައްތަކެއްގެ ތެރޭގައި ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ.

ސުޝާންތު މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އޭނާ މަރާލުމަށް ފަހު އެއީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއްކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަނީ ކަމަށް ދެކޭ މީހުންވެސް އެބަތިއްބެވެ.