"ފަޤީރުންގެ ޑޮކްޓަރު" ގެ ގޮތުގައި މަޝްހޫރުވި މިސްރުގެ ޑޮކްޓަރ، ޑރ. މުޙައްމަދު މަޝާލީ ނިޔާވެއްޖެ އެވެ.

މިސްރުގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަވާ، ޓަންޓާ އަށް ނިސްބަތްވާ ޑރ. މަޝާލީ ނިޔާވެފައި ވަނީ އޭނާގެ އަވަށުގައި ފަޤީރުންނަށް ޚިދުމަތްދެމުންދާތާ 50 އަށްވުރެ ގިނަ އަހަރުވެފައި ވަނިކޮށެވެ.

"ފަޤީރުންގެ ޑޮކްޓަރު" ގެ ނަން ޑރ. މަޝާލީ އަށް ދެވުނީ، ހާލުގައި ޖެހިފައި ތިބޭ ފަޤީރުންނަށް އޭނާ ހިލޭ ޚިދުމަތްދެމުން ދިޔުމާއި ގުޅިގެންނެވެ. މި ލަޤަބު ޑރ. މަޝާލީއަށް އަރުވާފައި ވަނީ މިސްރުގެ ސިއްޙީ ދާއިރާގެ އޮފިޝަލުންނެވެ. އޭނާއަކީ އާންމު ބަލިތަކަށް ފަރުވާކުރާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ރިޕޯޓްތައް ބުނަގޮތުން ޑރ. މަޝާލީގެ ތިން ކްލިނިކެއް ހިންގަމުން ދެއެވެ. މި ކްލިނިކަތަކުން ފަރުވާ ހޯދާ މީހުންގެ ތެރެއިން، ފުދުންތެރިކަން ނެތް މީހުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގައި ޚިދުމަތްދޭއިރު، ގޭގައަށް ގޮސްގެންވެސް އޭނާ ބަލި މީހުންނަށް ފަރުވާދެމުން ދިޔައެވެ. މިގޮތުން ގޭގެއަށް ކުރާ ޒިޔާރަތްތަކަށް އޭނާ ނަގަނީ މިސްރުގެ ފަސް ޕައުންޑާއި ދިހަ ޕައުންޑް (4.62 ރުފިޔާ އާއި 9.25 ރުފިޔާ) އާއި ދެމެދުގެ އަގެކެވެ.

އާންމު ގޮތެއްގައި ޑރ. މަޝާލީ ކޮންމެ ދުވަހެއްގައި ވެސް 12 ގަޑިއިރު ވަންދެން މަސައްކަތް ކުރެއެވެ. އުމުރުން 70 އަހަރުގައި ވެސް މިގޮތުގެ މަތީން ބަލި މީހުންނަށް ފަރުވާކުރުމުގައި ޑރ. މަޝާލީ ދެމިހުރި އިރު، ކޮންމެ ދުވަހަކުވެސް 30 އާއި 50 އާއި ދެމެދުގެ އަދަދަކަށް ބަލި މީހުން އޭނާގެ ގާތަށް ޒިޔާރަތްކުރާ ކަމަށް ވެއެވެ.

ހިތްހެޔޮކަމާއެކު އިހުސާންތެރިކަމާއެކު އުމުރުގެ ބޮޑު ބައެއް، ފަޤީރުންނަށް އެހީތެރިވުމުގައި ހޭދަކޮށް މިސާލު ދައްކާފައިވާ ޑރ. މަޝާލީ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮތަރު

  ޔާﷲ. އެއަޚާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާފާނދޭވެ. އާމީން.

  78
 2. މުހައްމަދު

  ހާދަހާ ބޮޑު ދީލަތި ބޭފުޅެކޭ ދޯ

  37
 3. މުހައްމަދު މާލެ

  ހާދަހާ ބޮޑު ދީލަތި ބޭފުޅެކޭ ދޯ

  26
 4. އިބުރާހިމް

  އެފަދަ ޑޮކްޓަރުންގެ ކިބައިން މިސާލުނަންގަވައިގެން ރާއްޖޭގައިވެސް ޑޮކްޓަރުން މަސައްކަތް ކުރުން ރަގަޅު

  21
 5. ނޫސްކިޔާމީހާ

  މަރްހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. ރާއްޖޭގެ ޑޮ ކްޓަރުން އުޅޭނީ މީހުން ފެލާލަން. ޑޮ ކްޓަރުން ކަރިއަށްދާ މުސްސަދިންނާ ފަގީރުން ހަމަ އެއްވަރަކަށް އެމީހުން ލާރިނަގާނީ. ޚިދުމަތް އަވަސްވާނެ މުސްސަދިންނަށް. ދުވަހަކުވެސް ރާއްޖޭގެ ޑޮ ކްޓަރަ ކު ފަޤީރަކަށް އެއް ކަމެއްވެސް ހިލޭ ނު ކޮށްދޭނެ

  9
  1