އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރާ ކޮވިޑް-19 ގެ ވެކްސިން ތަހުލީލު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާގެ ކުންފުންޏަކަށް ހުއްދަދީފިއެވެ.

އިންޑިއާގައި މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ ތަހުލީލުތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ އެޤައުމުގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލްގެ އޮފީހުން ދީފައި ވަނީ "ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ" އަށެވެ.

"އަސްޓްރާ ޒެނެސާ" ގެ ނަމުން ނަންދީފައިވާ މި ވެކްސިން ތަހުލީލު ކުރުމުގެ ހުއްދަ އިންޑިއާގެ ކުންފުންޏަކަށް ދީފައި ވާއިރު، މިއީ މިހާތަނަށް ތައްޔާރުކުރާ އެންމެ އުންމީދު ބޮޑު އެއް ވެކްސިނެވެ.

މި ހުއްދަ ލިބުމާއެކު ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ މިމަހުގެ ތެރޭގައި ތަހުލީލުތައް ފެށުމަށް ނިންމާފައެވެ. އެ ކުންފުނީގެ ސީއީއޯ، އަދަރު ޕޫނާވާލާ ނޫސްތަކުގައި ބުނެފައިވާ ގޮތުން ވެކްސިން ތަހުލީލު ކުރުމުގެ ހުއްދަ ލިބުމުން ކުރިޔަށް އޮތް ދުވަސްތަކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި މި ވެކްސިން ކާމިޔާބުވެއްޖެ ނަމަ ކުންފުނި މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އޮކްސްފޯޑުގެ ވެކްސިން ތަހުލީލު ކުރަން ތައްޔާރުވަމުން އަންނައިރު، އެ ކުންފުނިންވެސް އަމިއްލަ ދެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދެއެވެ. މިހާރު ކުރިޔަށް ދަނީ މި ވެކްސިންތައް ޖަނަވާރުންނަށް ދީގެން ޓެސްޓު ކުރުމުގެ މަރުޙަލާތަކެވެ. އެ ކުންފުނިން ބުނާގޮތުން މި ދެވެކްސިން ކާމިޔާބުވެއްޖެ ނަމަ، އަންނަ އަހަރުގެ ފަހުކޮޅު ވެކްސިން އާންމުކޮށް ޤައުމުތަކަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

"އެއް ކުންފުންޏަކަށް މިފަދަ ހާލަތެއްގައި ދުނިޔެއަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ޑިމާންޑާއި އެއްވަރަށް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން. ސެރަމް އިންސްޓިޓިއުޓުން އޮކްސްފޯޑާއި މި ބައިވެރިވަނީ ކޮވިޑް-19 ގެ ވެކްސިނެއް ދުނިޔެއަށް ހޯދައި ދިނުމުގެ އުންމީދުގައި އަދި އެ މަސައްކަތް އަވަސްކޮށް ދިނުމުގެ ބޭނުމުގައި،" ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ ބުނެފައި ވެއެވެ.