މީގެ ދެ މަހެއްހާދުވަސް ކުރިން އެމެރިކާގައި ފުލުހުން އަނިޔާކޮށް މަރާލި ކަޅު ނަސްލުގެ މީހެއް ކަމަށްވާ، ޖޯޖް ފްލޮއިޑްގެ ފަހު ވަގުތުތައް ފެންނަ ވީޑިއޯ އާއްމުވެ އެތައް ބަޔަކު ފެންކަޅި ކޮށްލައިފިއެވެ.

ޖޯޖް އަށް އަނިޔާ ކުރި ފުލުހުންގެ ގައިގައި ހަރުކޮށްފައި ހުރި ބޮޑީކެމްގެ ފުޓޭޖް ޑެއިލީ މެއިލް އިން ހާމަކޮށްފައިވާ އިރު އެ ވީޑިއޯއިން ފެންނަނީ ޖޯޖް އާއި ދިމާ އަށް ބަޑި ދިއްކޮށް އިންޒާރު ދޭ މަންޒަރެވެ. އަދި ތަކުރާރުކޮށް އޭނާ މަރާނުލުމަށް އެދި ޖޯޖް އާދޭސް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އަދި އެ ވީޑިއޯއިން ތަކުރާރުކޮށް ޖޯޖް ކުރި އާދޭހަށް ބަލާފައި ނުވާކަން އިނގެއެވެ. އަދި އޭނާ އާއި ހަޑި ހުތުރުބަހުން ފުލުހުން އެތައް ފަހަރަކު މުއާމަލާތު ކުރިކަން އެނގެއެވެ.

އަދި އޭނާ އަނބުރާ ކާރަށް ލާން ގަދަކަމުން މަސައްކަތް ކުރުމުން އޭނާގެ ކްލަސްޓްރޮފޯބިއާ ހުންނަ ކަމާއި އޭނާގެ އެންޒައިޓީ ހުންނަކަން ވެސް ފުލުހުންނަށް ކިޔާދީފައިވެއެވެ.

އެ ވީޑިއޯއިން ފެންނަނީ ޖޯޖް ވަރަށް ބިރުން އުޅޭ މަންޒަރެވެ. އަދި ނުވަ ވަރަކަށް މިނިޓު ވަންދެން އެއް ފުލުހަކު އޭނާގެ ކަަރަށް ފައިން އަަރައިގެން ހުރި އިރު ޖޯޖް ހަޅޭއްލަވަމުން ދިޔައީ އޭނާ އަށް ނޭވާ ނުލެވޭކަމަށް ބުނެއެވެ.

އަދި ވަކި ހިސާބަކުން "ތިހެން ހަދަންޏާ އަހަރެން މަރުވެދާނެ"ކަމަށް ވެސް ބުނެއެވެ.

އެހެން ބުނުމުން އޭނާއަށް އެއްވެސްކަމެއް ނުވާކަމަށް ފުުލުހުން ވަނީ ބުނެފައެވެ.

މި ވީޑިއޯތައް އާއްމުވެފައި މިވަނީ އެމެރިކާގެ ފަނޑިޔާރަކު މީގެ ކުރިން އެ ވީޑިއޯ ބެލޭނީ ހަމައެކަނި ކޯޓުގައި ކަމަށް ނިންމާފައި ވަނިކޮށެވެ.

އެމެރިކާގައި އަނިޔާވެރި ގޮތަކަށް މަރާލި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ ފުލުހުންގެ މައްޗައް ދައުވާ އުފުލީ މީގެ ދެ މަސް ދުވަސް ވަރު ކުރިންނެވެ.

މީގެ ކުރިން ޖޯޖްގެ ކަރަށް ކަކުލުން އަރައިގެން އޮވެ މަރާލި ފުލުހުގެ މައްޗައް އުފުލާފައި ވަނީ ގަސްތަކާއި ނުލައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް މިހާރު އެ ދައުވާ ވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އަށް ބަދަލު ކޮށްފައެވެ. އަދި މީގެ ކުރިން މިކަމުގައި ދެން ބައިވެރިވި ތިން ފުލުހުންގެ މައްޗައް ދައުވާ ނުކުރި ނަމަވެސް މިހާރު ވަނީ އެ 3 ފުލުހުންގެ މައްޗައްވެސް މީހަކު މަރާލުމުގައި ބައިވެރިވެ، އެކަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މިގޮތަށް ދައުވާ ކުރުމަށް ގޮވާލައި އެމެރިކާގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތައް ކުރަމުން ގެންދަނިކޮށް މިނެސޮޓާގެ އެޓާނީ ޖެނެރަލް މިގޮތަަށް ދައުވާ އުފުލުމަށް ފަހުގައި ބުނެފައި ވަނީ އެފަރާތުން އިސްކަން ދޭނީ ރައްޔިތުންގެ އަޑަށާއި، އެއަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.-