މިއަހަރު އީދާއި ގުޅުވައިގެން ތަފާތު ލަވަތަކެއް ނެރެފިއެވެ. މަޝްހޫރު ތަރިންނާއި އެކި ރަށްތަކުން އެ އަޑުތަކަށް މަގުބޫލުކަން ލިބޭ މީހުންވެސް ހިމެނެއެވެ. މީގެ ތެރެއިންވެސް މިފަހަރު އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެއް ލަވަޔަކަށް ގދ. ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޓޭޑް ޖަމްއިއްޔާގެ ފަރާތުން މިއަހަރުގެ އީދު ދުވަހާއި ދިމާކޮށް ނެރުނު"އީދޭ ފޯރި" ލަވަ ހިމެނޭނެއެވެ.

ތަފާތު ރީތި ލަވައެކެވެ. ހުވަދޫ ބަހުން ކިޔާފައި ވާ އެ ލަވާގައި އީދާއި ގުޅޭ ފޯރީގެ ވާހަކަތައް ކިޔާދީފައި ވެއެވެ. އަދި ލަވައިގައި އީދުގައި ކުޅޭ ކުޅިވަރުތަކާއި އެ ކުޅިވަރުތައް ކުޅޭ ގޮތް ދައްކައި ދީފައި ވެއެވެ. ބޮޑުބެރުގެ ހަރަކާތްތަކާއި ކުލަ ޖެހުން ފަދަ ކަންކަން މި ލަވައިގެ ތެރެއިން ފެނިގެން ދިއުން ވެގެން ދިޔައީ ލަވައަށް ލިބުނު އިތުރު ފުރިހަމަ ކަމެއް ކަން ޔަގީނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ޓޭޑް ޖަމްއިއްޔާގެ ނައިބް ރައީސް އަހުމަދު ޝިޔާޒް ނައީމް ވިދާޅުވީ، "އީދޭ ފޯރި" މި ލަވައަކީ ޓޭޑް ޖަމްއިއްޔާގެ އިސްނެންގެވުމުގެ މަތިން ބުންނަރު ސްޓޫޑިއޯގެ އެހޭތެރި ކަމާއި އެކު ހަދާފައިވާ ލަވައެއް ކަމަށެވެ. އަދި މި ލަވަ އަކީ ތިނަދޫ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ލަވައެއް ކަމުން އެ ލަވަ ކިޔާފައިވެސް ހުންނާނީ ހުވަދޫ ބަހުން ކަމަށެވެ. އަދި އެއީ 100 އިންސައްތަ އެރަށުގެ އުފެއްދުމެއް ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

https://www.facebook.com/110049193752359/posts/287886345968642/

"މިއީ ރަށުގެ އެކި ފަންނީ މީހުންނާއި މަޝްވަރާ ކުރުމަށްފަހު ނެރެފައިވާ ވަރަށްވެސް ތަފާތު ވާނެ ލަވައެއް." ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ، މި ލަވައިން ފެނިގެންދާނީ ޒަމާނުއްސުރެ ރާއްޖޭގައި އީދު ފާހަގަ ކުރަމުން އަންނަ ގޮތާއި ފަހަކަށް އައިސް ކުލަ ޖެހުންވެސް އާންމު ވެފައިވާތީ އެކަންވެސް ފެނިގެން ދާނެ ކަމަށެވެ.

"މި ލަވައިން އީދު ދުވަހު ހެނދުނު އީދު ނަމާދުން އައިސް ސައި ބޮއެގެން ފަށާގޮތަށް ކުޅިވަރުގެ އެކި ކަންކަން ފެނިގެންދާނީ ހަވީރާއި ޖެހެންދެކަށް" ޝިޔާޒް ބުންޏެވެ.

މިލަވަ ނެރެނުތާ އިއްޔެ އަށް 4 ދުވަސްވެފައިވާއިރު، މިހަތަނަށް 18,000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. އަދި ލަވަ ފުރަތަމަ ނެރެގެން 24 ގަޑިއިރުނުވަނީސް 10,000 އަށްވުރެ ގިނަ މީހުން މި ލަވަ އަޑުއަހާފައިވާ ކަން ޝިޔާޒް ވަނީ ފާހަގަ ކޮށްފައެވެ.

ޝިޔާޒް ވިދާޅުވީ، މި ލަވައަކީ 10 ދުވަހުގެ މަސައްކަތެއް ކަމަށާއި ކޮންމެވެސް ވަރަކަށް ކޮވިޑް-19 އާއި ގުޅިގެން ލަވައިގެ ކަންކަމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

"އީދޭ ފޯރި" މިލަވަ ކިޔާފައިވަނީ ގިނަބަޔަކު ދަންނަ ގދ. ތިނަދޫއަށް އުފަން މަރިޔަމް ދީދީވެސް ހިމެނޭހެން އެރަށު ޒުވާނުންތަކެކެވެ. އޭގެ ތެރޭގައި ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބާއި، މޯލްޑިވިއަން އައިޑޮލްއިން އާއްމުންގެ ބޮޑު ސަމާލު ކަމެއް ހޯދި މުހައްމަދު ޒަލީފް، ވިފާއު އަބްދުލް އަޒީޒް، އަނިސް އިސްމާއިލް، އުއްތު އާދިލް ހިމެނެއެވެ.

މިލަވައިގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަޖީބެވެ. އަދި ލަވައިގެ މިއުޒިކާއި ރާގު އުފައްދާފައިވަނީ އަބްދުލް ބާތިންއެވެ.

މިލަވައިގެ މިކްސިން އަދި މާސްޓެރިންގައި ހިމެނެނީ ބުންނަރު ސްޓޫޑިއޯއެވެ. ކެމެރާމަނުންނަށް ހަރަކާތްތެރި ވަނީ ހަސަން ފައިސަލް މުހައްމަދު، އަމަން ޒުހައިރު، މައިޝަމް އަދި މާނިޝް ސަލާހް އެވެ. މި ލަވައިގެ ޕޯސްޓް ޕްރޮޑަކްޝަންގައި ހިމެނެނީ ހަސަން ފައިސަލް މުހައްމަދެވެ. އަދި ޑިރެކްޓަރަކީ އަހުމަދު ހަސަންއެވެ.

މީގެ އިތުރުންވެސް މިލަވަ ތިނަދޫ ރައްޔިތުންނާއި ހަމައަށް ގެނެވުމުގައި ބުރަކޮށް މަސައްކަތް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޝިޔާޒް ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްސާ

    ކޮބާ ލިންކު

  2. ކާފަރު

    ތިނަދޫ ކުޅިވަރާ ދައްކަން އޮވެބަލަ ކައްވަޅުގަ.. މިހިރަގެން ﷲ ގެ ކޯފާ އާއި އަޒާބު އޮއްސެނީ އެވަރުން ވެސް އިންޑިއާ މީހުންގެ ހޮލީ ޑޭ ތި ފާހަގަ ކުރަނީ.. ދެ ޖިންސުގެ މީހުން އެއްވެގެން.. ކޮން ތިނަދޫ ކޮޅިވަރެއް ދައްކާކަށް ތަ..