ބޮލީވުޑްގެ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތްގެ ކުރީގެ މެނޭޖަރު ޑިޝާ ސަލިއަންގެ މަރަށް ދެ މަސް ވެފައިވާއިރު، މިހާރު އޭނާގެ މަރާއި ގުޅޭގޮތުންވެސް އާއިލާއިން މި ވަނީ ސުވާލުތަކެއް އުފައްދަން ފަށާފައެވެ. އުމުރުން 28 އަހަރުގެ ޑިޝާގެ އާއިލާއިން ސުވާލު އުފައްދަނީ އޭނާ އަމިއްލައަށް މަރުވީތޯ، ނޫނީ އެއީ އެކްސިޑެންޓަކުން ދިމާވި ކަމެއް ކަމަށް ވެދާނެތޯއެެވެ.

ޑިޝާ މަރުވެފައި ވަނީ އޭނާ ދިރިއުލެމުންދާ މަލަންދް ހައިރައިޒް އެޕާޓްމެންޓުން ވެއްޓިގެންނެވެ.

ޓައިމްސް ނައު އަށް ޑިޝާގެ މަންމަ ދިން ބަޔާނެއްގައި ބުނެފައި ވަނީ، އެކަމާއި އެއްވެސް މީހަކަށް ތުހުމަތުތަކެއް ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ އޭނާ މަރުވީ އަމިއްލައަށް ކަމެއް. އެއީ ހަމަ އެކްސިޑެންޓަކަށްވެސް ވެެދާނެ. އޭނާ އެތަނުގައި އިށީންދެ އިންދާ ހަމަވެއްޓިވެސް ދާނެ". އޭނާގެ މަންމަ ބުނެފައި ވެއެވެ.

ޑިޝާގެ މަރާއި ގުޅިގެން މައުލޫމާތުތައް އިނގޭ ފަރާތްތަކުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ފުލުހުން އެދިފައިވާ ކަަމަށް މުމްބާއީ މިރާގެ ރިޕޯޓްތައް ބުނެފައި ވެއެވެ.

ޑިޝާ މަރުވިތާ މާގިނަ ދުވަސްތަކެއް ނުވާ ސުޝަންތް އަމިއްލައަށް މަރުވިއިރު، މިހާރު ސުޝަންތްގެ މަރާއި ޑިޝާއި މަރާއި ގުޅުމެެއް ވޭތޯ ދަނީ ބަލަމުންނެވެ. ނަމަވެސް މުމްބާއި ޕޮލިސް ކޮމިޝަނަރ މިދިޔަ ހޯމަ ދުވަހު ބުނެފައިވާގޮތުން އެ ދެ މަރާއި ގުޅުމެއް ނުވެއެވެ.

"އަޅުގަނޑުމެން ޑީޝާގެ ގެއަށް ޒިޔާރަތް ކުރިން. އެގޭގައި ޕާޓީއެއް ކުރިއަށްދިޔަ އޭނާގެ ހަތަރު ރަހުމަތްތެރިންނާއެކު. އަހަރުމެން އެ މީހުންގެ ބަޔާން ވާނީ ނަގާފައި" ފުލުހުން ބުނެފައި ވެއެވެ.

ބީޖޭޕީގެ ލީޑަރު، ނަރްޔަން ރޭން ބުނާގޮތުގައި، ޑިޝާ މަރާލާފައި ވަނީ ރޭޕް ކުރުމަށްފަހުއެވެ. އަދި ޑީޝާ އާއި ސުޝަންތްގެ މަރުގެ ހަގީގަތް ހާމަ ކުރުމަށް އޭނާ ވަނީ އެދިފައެވެ.