ލުބުނާނުގެ ވެރިރަށް، ބެއިރޫތުގައި އިއްޔެ ހިނގައިދިޔަ ނުރައްކާތެރި ހާދިސާ ގިނަ ބަޔަކަށް ސިފަކޮށްދޭންވެސް ނޭނގޭހައި ބިރުވެރިއެވެ. ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ހިނގާފައި ނުވާފަދަ މި ހާދިސާ ބޮޑަށް ވައްތަރީ ހޮލީވުޑްގެ ފިލްމުތަކުން ފެންނަ ފަދަ މަންޒަރަކާއި ކަމަށް ގިނަ ބަޔަކު ބުނަނީވެސް އެހެންވެގެންނެވެ.

އިއްޔެގެ ހާދިސާ ހިނގި ވަގުތުގެ ތަޖުރިބާ ނޫސްތަކުގައި ޙިއްސާކުރި މީހުންގެ ތެރޭގައި އަލަށް ޒަވާޖީ ހަޔާތެއް ފަށައި، ހަޔާތުގެ އެންމެ އުފާވެރި ދުވަހުގެ ހަނދާންތައް ރައްކާކުރުމުގެ މަސައްކަތުގައި އުޅުނު މުޙައްމަދު ނާކިބް އާއި އޭނާގެ އަނބިމީހާ، އިސްރާ ސެބްލާނީ ހިމެނެއެވެ.

ބެއިރޫތުގެ ވަރުގަދަ ގޮވުން ގޮވާފައި ވަނީ މި ދެމަފިރިން ކައިވެނީގެ ފޮޓޯޝޫޓުގައި އުޅެމުން ދަނިކޮށެވެ. މިގޮތުން ހާދިސާ ހިނގާފައި ވަނީ ފޮޓޯޝޫޓުގެ ތެރެއިން ވީޑިއޯއެއް ނަގަމުން ދަނިކޮށްކަމުން އެ އުފާވެރި ވަގުތުކޮޅު ބިރުވެރި އަދި ނުރައްކާތެރި ހާލަތަކަށް ކުއްލިގޮތަކަށް ބަދަލުވެގެންދިޔަ މަންޒަރު ކެމެރާއަށް ވަނީ ރެކޯޑް ކުރެވިފައެވެ.

މި ދެމަފިރިން ވީޑިއޯ ނޫސްތަކާއި ޙިއްސާކޮށްފައި ވާއިރު، ވީޑީއޯއިން އެންމެ ފުރަތަމަ ފެންނަނީ އިސްރާ އުފަލުން ހިނިތުންވެގެން ހުރި މަންޒަރެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން އޭރު ފެންނަމުން ދިޔައިރު، ކެމެރާއިން ދިޔައީ އޭނާ ލައިގެންހުރި ކައިވެނީގެ ހެދުމުގެ ފުރިހަމަކަން ދައްކަމުންނެވެ. ނަމަވެސް ވަކި ހިސާބަކުން ބާރުގަދަ އަޑުފަތްގަނޑަކާއެކު މުޅި ތަން ގުގުމާލި މަންޒަރު ފެނިގެން ދެއެވެ. އެއަށްފަހު ފެންނަނީ ވީޑިއޯ ކުރަމުންދިޔަ މީހާވެސް ސަލާމަތަށް އެދި ދުއްވައިގަންނަ މަންޒަރެވެ.

ހާދިސާ ހިނގުމާއެކު އިސްރާގެ ފިރިމީހާ އާއި ފޮޓޯޝޫޓް ނެގުމުގައި ހަރަކާތްތެރިވަމުންދިޔަ ޓީމް އެ ސަރަޙައްދުން އަވަހަށް ދާ މަންޒަރު ފެނެއެވެ. އަދި ސިކުންތުކޮޅެއްގެ ތެރޭގައި، ގޮވުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބުނު ބޮޑެތި ގެއްލުންތައް ވީޑިއޯއިން ފެނެއެވެ. ހަމަ އެހެންމެ ގޮވުމާއި ގުޅިގެން ބުރައިގެންދިޔަ ގާތަކާއި ހިރަފުހުން އެމީހުން ތިބި ސަރަޙައްދު ފުސްވަމުންދިޔަ މަންޒަރުވެސް ރެކޯޑް ކުރެވިފައި ވެއެވެ. ނާމާން އެ ވަގުތުކޮޅުގައި އެ ސަރަޙައްދުގައި ތިބި އެތައް ބައެއްގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އޭރު ދިޔައީ ފެންނަމުންނެވެ.

"އަހަރެން ހުރީ އަލަށް ކައިވެނިކުރާ އެހެން އެންމެންވެސް ފަދައިން ވަރަށް އުފަލުން. ވީޑިއޯއިން އަހަރެން ހިތްހަމަޖެހި، ހިތް ފުރިފައި ހުރިވަރު ހާމަވާނެ. އެކަމަކު އެ އުފާވެރިކަން ބިރުވެރިކަމަށް ބަދަލުވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައި، ހިތަށްވެސް ނުގެނެވޭފަދަ ގޮތަކަށް. އެފަދަ ބިރުވެރި މަންޒަރެއް ދުވަހަކުވެސް އަހަރެން ނުދެކެން" އިއްޔެގެ ބިރުވެރި ހަނދާންތައް ސިފަކުރަމުން އިސްރާ ބުނެފައި ވެއެވެ.

އިސްރާ ބުނެފައިވަނީ، މި ހާދިސާ ހިނގި ވަގުތު އޭނާއަށް އިހުސާސް ކުރެވުނީ އެއީ އޭނާގެ "އެންމެ ފަހު ވަގުތުކޮޅު"ގެ ގޮތުގައި ކަމަށެވެ. އަދި އެ ސަރަޙައްދުން ސަލާމަތުން އެނބުރި ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް އޭރު ނެތްކަމަށް އޭނާ ބުނެފައި ވެއެވެ.

މި ހަދިސާގައި ގޮވުން ގޮވި ވަގުތު އިސްރާ ބިންމައްޗަށް ވެއްޓުނު މަންޒަރު ވީޑިއޯއިން ފެނިފައި ވީނަމަވެސް، އޭނާ އަދި އޭނާގެ ފިރިމީހާގެ އިތުރުން ފޮޓޯޝޫޓުގައި ހަރަކާތްތެރިވި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. އަދި އެ ސަރަޙައްދުގައި އުޅުނު އެހެން އިތުރު މީހަކަށްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ނޫސްތައް ބުނެއެވެ. ނަމަވެސް އެ ސަރަޙައްދާއި ދުރު ހިސާބެއްގައި ގޮވި އެ ގޮވުމުގެ ބާރު ގަދަކަމުން، ތަންތަނާއި ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެ ސުންނާފަތިވެފައިވެއެވެ.

އިސްރާ ބުނިގޮތުގައި އެ ހާދިސާގެ ބިރުވެރިކަން ހިތަށް ގެނެވުނީ ގޮވުމުގައި ލިބިފައިހުރި ގެއްލުންތައް ފެނުމުން ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންނާއި، ނިޔާވި މީހުންގެ އާއިލާތަކާއި މެދު ހަމްދަރުދީވެ ހިތާމަކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިއްޔެ ބެއިރޫތުގައި ހިނގި ހާދިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، މި ހާދިސާގެ ސަބަބުން ބެއިރޫތަށް ވަނީ އަރައި ނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. އެ ސިޓީގެ ބޮޑު ބައެއް ވަނީ މި ހާދިސާގައި ސުންނާފަތިވެ ބިމާއި ހަމަވެފައެވެ. އަދި ހާދިސާގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެ، ފަސް ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.