ދުނިޔެ ސިއްސުވާލި ބެއިރޫތުގެ ހާދިސާ އާއި ކުރިމަތިލާން ޖެހުނު ކޮންމެ މީހެއްގެ އަދި ކޮންމެ އާއިލާއެއްގެ ތަޖުރިބާވެސް ހިއްޗެވެ. ހަމަލޮލަށް އެ މަންޒަރު ދުށް އެއްވެސް މީހަކަށް އެ ނާމާން މަދު ސިކުންތުކޮޅުން ހިތުން ފިލުވާނުލެވެއެވެ. ބާރުގަދަ އެ ގޮވުމުގައި އާއިލާތައް ވަކިވެ، ލޯބިވާ މީހުން ގެއްލި ފުން ހިތާމައިގައި ތިބި މީހުން ހާހުން ގުނާލެވެއެވެ. މިއީވެސް އެފަދަ ހިތާމައެއް ބަރުދާސްތުކުރަމުންދާ ޒުވާން އަންހެންކުއްޖެގެ ކެކުޅުމުގެ ވާހަކައެވެ.

"ބައްޕަގެ ޚަބަރެއް އަދިވެސް ނުވޭ. ބައްޕަ ހުރީ ކޮން ހާލެއްގައި ކަމެއްވެސް ނޭނގޭ. އެގޮވުމުގެ ތެރޭގައި ބައްޕައަށް އަނިޔާއެއް ލިބިފައިވާ ނަމަ އެދޭނީ އަވަހަށް އަހަރެމެން ކައިރިޔަށް އަންނަން. އެކަމަކު ބައްޕަ އެނބުރި ގެޔަކަށް ނާދޭ. އަދި އެއްފަހަރު ބައްޕައާއެކު އުޅެން ބޭނުން،" ގިސްލުމާއެކު ކަރުނައިން ފޯވެފައި ހުރެގެން ޓަޓިއާނާ ޓަޓިއާނާ ބުންޏެވެ.

ޓަޓިއާނާ ބުނާގޮތުން ބެއިރޫތުގައި ގޮވި ގޮވުމުގެ ހާދިސާ ހިނގާފައި ވަނީ، އޭނާގެ ބައްޕަ ގޭގައި ހުރެފައި މަސައްކަތަށް ދިޔުމަށް ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ. އެ އާއިލާ ދިރިއުޅޭ ގެ ހުންނަނީ ގޮވުމުގެ އަސަރުކުރި ގެތައް ހުރި ސަރަޙައްދުގައި ކަމުން، ހާދިސާގައި "ބައްޕައަށް ވެސް ކަމެއް ވެއްޖެކަން" ޓަޓިއާނާއަށް އެނގެއެވެ. އެހެން ނަމަވެސް ވީ ކިހިނެއްކަމެއް، އަދި ބައްޕަ ދުނިޔޭގައި ހުރިކަން ޔަޤީންކަމާއެކު ނޭނގޭތީ، އެވަގުތުން ފެށިގެންވެސް ހިތަށް ހަމަޖެހުމަށް ނުލިބެއެވެ.

ޓަޓިއާނާ ބުނާގޮތުން އޭނާގެ ބައްޕައަކީ ހިއްވަރުގަދަ މީހެކެވެ. އެހެންކަމުން ގޮވުމުގައި އަނިޔާއެއް ލިބިފައި ވީނަމަވެސް ހިއްވަރު އެލުވާނުލާނެކަން ޔަޤީންކަމާއެކު އޭނާއަށް ބުނަން އެނގެއެވެ. އޭނާއަށް ޤަބޫލުކުރެވޭގޮތުން އޭނާގެ ބައްޕަ ވަނީ ވެއްޓުނު އިމާރާތްތަކުން އިމާރާތެއްގެ ދަށުގައި ތާށިވެފައެވެ. މިއަދާއި ހަމައަށްވެސް ބައްޕަ އެނބުރި ގެޔަށް އައިސްފައި ނުވަނީ އެހެން ވެގެން ކަމަށް އޭނާ ޤަބޫލުކުރެއެވެ.

މި ހިތްދަތި ދަނޑިވަޅުގައި ޓަޓިއާނާގެ އެންމެ ބޮޑު ޝަކުވާއަކީ، ކަމާއި ބެހޭ ފަރާތްތަކުން މި ހާދިސާގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާކަމުގެ ޝަކުވާއެވެ. އޭނާގެ ބައްޕަ އާއި އަލުން ބައްދަލުވުމަށް އޮތްހަމަ އެކަނި އުންމީދަކީ އެއީ ކަމަށްވާތީ ޓަޓިއާނާ އަންނަނީ އެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިޔަށް ގެންދިއުމަށް އިދާރާތަކުގައި އެދި އާދޭސް ކުރަމުންނެވެ.

"ގެއްލުނު މީހުން ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭތަނެއް ނުފެނޭ. ވެއްޓުނު އިމާރާތްތައް ހުރި ސަރަޙައްދުތައް ބަލައި ހޯދަން ހަރަކާތްތެރިވަނީ މަދު ބައެއް. އަހަރެމެންގެ އާއިލާއިން މިތިބީ ގޮތްހުސްވެފައި،" ޓަޓިއާނާ ބުނެފައި ވެއެވެ.

ޓަޓިއާނާގެ ބައްޕަ

ޓަޓިއާނާ ބުނާގޮތުން އިދާރާތަކަށް އޭނާގެ ބައްޕަ ގެއްލިފައިވާކަން ރިޕޯޓް ކުރުމާއި ހަމައަށްވެސް އެއްވެސް ބަޔަކު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައި ނުވެއެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ، އިމާރާތްތައް ހޯދުމަށް އޮފިޝަލުން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާ ކަމަށް އޭނާ ބުންޏެވެ.

ނޫސްތަކުގައި މި ކަންބޮޑުވުން ހާމަކޮށް ޓަޓިއާނާ ބުނެފައި ވަނީ، މިފަދަ ދަނޑިވަޅެއްގައި މަރުވާ މީހުންގެ އަދަދު މަދުވުމަށް ލިބޭ ހަމައެކަނި ފުރުސަތަކީ އެކަށީގެންވާ ގޮތެއްގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި ސަލާމަތްކުރުން ކަމަށެވެ. އަދި އޭނާފަދަ އެތައް ބަޔަކަށް އެ ހާލަތު މެދުވެރިވެފައިވާކަން ޓަޓިއާނާ ވަނީ ފާހަގަކޮށްފައެވެ.

ޓަޓިއާނާގެ ބައްޕަ ގެއްލުނު ހާދިސާ ބައިނަލްއަޤުވާމީ ބޮޑެތ މީޑީއާތަކުގެ ސަމާލުކަމަށް މިހާރު އައިސްފައި ވާއިރު، ބެއިރޫތުގެ ގޮވުމަށްފަހު އޭނާގެ ބައްޕަ ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުން ތާށިވި މީހުން ހޯދައި އަނިޔާވި މީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިޔަށްގެންދާ މަސައްކަތެވެ.

އިއްޔެ ބެއިރޫތުގައި ހިނގި ހާދިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، މި ހާދިސާގެ ސަބަބުން ބެއިރޫތަށް ވަނީ އަރައި ނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ގޮވުން ހިނގި ސަރަޙައްދުގައި ހުރި ގިނަ އިމާރާތްތައް ވަނީ ކުދިކުދިވެފައެވެ. އަދި ގޮވުމުގެ ބާރު ގަދަކަމުން އެ ސަރަޙައްދުގެ މަގުތަކުގައި ހުރި ބައެއް ވެހިކަލްތައް، ކައިރީގެ ބައެއް އިމާރާތްތަކުގެ ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާގައި ވެސް ހުރި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެ ސިޓީގެ ބޮޑު ބައެއް ވަނީ މި ހާދިސާގައި ސުންނާފަތިވެފައެވެ. އަދި ހާދިސާގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެ، ފަސް ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނުވެއެވެ. ނަމަވެސް ގޮވުމުގެ ބާރު އިތުރުވީ އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ބާރުގަދަ ގޮވާތަކެތި ރައްކާކޮށްފައި ހުރި ބޮޑު ގުދަނެއް ގޮވުމާއި ގުޅިގެން ކަމަށް އޮފިޝަލުން ބުނެއެވެ.