ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީގެ ސަރަހައްދެއް އަޅިއަށް ހަދާލި ބާރުގަދަ ގޮވުމުގައި އެ ސަރަހައްދާ ކައިރީގައި ހުރި ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިހާރު ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އިރު، އެހާ ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ދަނޑުވެރިކަމުގައި ގަސްކާނާގެ ގޮތުގައި ބޭނުން ކުރާ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުންނެވެ. އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި ބޭނުން ކުރާ ކެމިކަލެކެވެ.

މި ހާދިސާގައި 130 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ބާރުގަދަ ގޮވުމާ ގުޅިގެން މީސްމީޑިއާގައި އާންމުންގެ ހިތްތައް "ހަލާކުކޮށްލި" އެއް ވީޑިއޯއަކީ އަންހެނަކު ޕިއާނޯ ކުޅެން އިން ވީޑިއޯއެކެވެ. އެ އަންހެން މީހާ ޕިއާނޯ އިން ކުޅެން އިނީ "ސަމްބްރޭ" ނަމަކަށް ކިޔާ ލަވައެއްގެ ރާގެވެ. އެއީ ހިތާމަ އާއި މޮޅިވެރިކަމުގެ ރާގެކެވެ.

އޭރުގައި ބާރުގަދަ ގޮވުމުގެ ސަބަބުން، އަންހެން މީހާ ދިރިއުޅޭ ގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މާސްކް އަޅައިގެން އަންހެން މީހާ އެ ރާގު ކުޅެން އިންނަ އިރު، ގޭގައި އޮތީ ފުޅިތޮށިއެވެ. ކުޑަ ދޮރުތައް ވަނީ ހަލާކުވެފައެވެ. ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި ގޭގައި ހިފާ ގެންގުޅޭ ބައެއް ސާމާނުތައް ހުރީ ކުދިކުދިވެފައެވެ.

މުހައްމަދު ޔަސިން ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ވީޑިއޯ އާންމު ކުރުމަށް ފަހު ބުނީ "މިކަހަލަ ރީތި މީހުން، ބެއިރޫތަށް ދިރުން ގެނެސްދެމުންދާ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހުމަދު

    އޭނަ އެކުޅެނީ ދިވެހި ޤައުމީސަލާމް

    6
    2
  2. އލހ

    މިއީ ‘އޯލްޑ ލާންގ ސެއިނ’ ކިޔާ ރާގެއް. ގައުމީ ސަލާމް އެންމެ ފުރަތަމަ ކިއަމުން އައީ މި ރާގަށް.

    6
    1
  3. ނަބީހް

    ޝައިޠާނާގެ ދުންމާރީގެ އަޑުންތަ ދިރުން ގެނެސްދެނީ؟ ﷲ ގެ ޤުރުއާނުން ދިރުން ގެނެސްދޭނީ ކޮއިފުޅާ.

    3
    1