1993 ވަނަ އަހަރު ތެރޭގައި ކުޑަ ދެ ކުދިން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޗައިނާއަށް ނިސްބަތްވާ މީހާއަކީ ކުށްވެރި އެއް ނޫން ކަމަށް ކަނޑައަޅައި، ޖަލުން މިނިވަން ކޮށްފިއެވެ.

ޒަންގ ޔުހުއަން ނަމަަކަށް ކިޔާ އެ މިހާ ޖަލުން މިނިވަންކޮށްފައި ވަނީ ނުކުރާ ކުށަކަށް 27އަހަރު ވަންދެން ޖަލުގައި އޮތުމަށް ފަހުއެވެ. އެ މައްސަލައަކީ އެ ގައުމުގައި ޖަސްޓިސް ސިސްޓަމްގެ ތެރެއަށް ފުލުހުން އަތް ބާނައި، އިންސާފު ނެތް ކަން ދައްކުވައިދޭ ކޭސްއެއްގެ ގޮތުގައި މިީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

1993 ވަނަ އަހަރުގެ އެ މައްސަލާގައި ގުޅިގެން އަބަދުވެސް ޒަންގ ދިޔައީ އޭނާއަށް ފުލުހުން އަނިޔާ ކުރަމުންދާ ކަމަށާއި، އެކަމާއި އޭނާ އެއްބަސްކުރުވީ ގަދަކަމުން ކަމަށް ބުނަމުންނެވެ.

ގާތްގަނޑަކަށް 30 އަހަރު ވަންދެން ޖަލުގައި ހޭދަ ކުރުމަސްފަހު، ޗައިނާގެ ކޯޓަކުން މިދިޔަ އަންގާރަ ދުވަހު ވަނީ، އޭނާ އެ ކުށް ކުރިކަމުގެ އެއްވެސް ކަހަލަ ބާރުދޭ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންް ޒަންގ ކޭސްގެ ހުރިހާ އެއްޗެއް ބަލައި ނިންމިއިރު، އެއްވެސް ކަހަލަ ސީދާ ހެއްކެއް ނެތް ޒަންގ އެ ކުދިން މަރާލި ކަމުގެ" ޖިއަންގޒީ ހައި ޕީޕަލް ކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން އޭނާއަކީ ކުށްވެރިއެއް ނޫންކަަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައި ވެއެވެ.

ޒަންގއަކީ ޗައިނާގައި އޮޅުވާލުމެއްގެ ތެރެއިން ޖަލުގައި އެހާ ގިނަ ދުވަހު ހޭދަ ކުރި މީހާ ކަމަށް ޒިންހުއާ ނިއުސް އިން ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ ކުދިން މަރާލި ކަމާށް ބުނެ 1995 ވަނަ އަހަރު އޭނާ މަރަންވެސް ހުކުމްކޮށްފައި ވެއެވެ. އެހެންނަމަވެސް ފަހުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް އެކަން ބަދަލުކޮށްފައެވެ.

އެތައް ފަހަރަކު އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް ބަލައި ނުގަންނަން ނިންމާފައިވަނިކޮށް، އެ ކޯޓުން އެ މައްސަލަ އަލުން ބަލަން ނިންމާފައި ވަނީ، މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

އެންމެ ފަހުން އެ މައްސަލަ ނިންމާފައި ވަނީ، އެ ކުދިން މަރަން ބޭނުން ކުރި ތަކެތި ކަމަށް ބުނެ ކުށުގެ ވެށިން ފެނުނު ކަމަށް ބުނާ ގޯނި ތަކާއި، ވަލަކީ ޒަންގގެ ތަކެތި ކަމަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ.

އެތައް އަހަރެއް ވަންދެން ޖަލުގައި ހޭދަ ކުރުމަށްފަހު ޒަންގއަށް މިހާރު ވަނީ އާއިލާއާ ބައްދަލުވެފައެވެ. އަދި ކޯޓުން ވަނީ ޒަންގ ކައިރިން މައާފަށް އެދިފައެވެ.

ޒަންގގެ ލޯޔަރު ވަނީ އެކަމުގެ ބަދަލު ހޯދާނެ ކަމަށް ބުނެފައެވެ.