ކުރިޔަށްގެންދަން ޖެހޭ އެންމެހާ ތަހުލީލުތައް ނިމި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް ރަޖިސްޓާ ކުރުމަށް ތައްޔާރުވެފައިވާކަން ރަޝިޔާއިން އިއުލާނުކޮށްފި.

ދުނިޔޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވެކްސިނެއް ރަޖިސްޓާކުރާ ޤައުމަކަށްވާން ރަޝިޔާއިން ތައްޔާރުވަމުން އަންނައިރު، އެޤައުމުގެ ހެލްތު މިނިސްޓަރ އޯލެގް ގްރިޑްނެވް ވިދާޅުވެފައި ވަނީ އަންނަ ހަފަތާގެ ތެރޭގައި މި ވެކްސިން ރެޖިސްޓާކުރެވޭނެ ކަމަށެވެ.

މި ވެކްސިނަކީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އާއި، އެޤައުމުގެ ގަމަލޭޔާ ރީސާޗް އިންސްޓިޓިއުޓާއި ގުޅިގެން އުފައްދާ ވެކްސިނެކެވެ. މިހާރު ކުރިޔަށްދަނީ ތަހުލީލިތަކުގެ ތިންވަނަ މަރުޙަލާގެ އެންމެ ފަހު މަސައްކަތް ކަމަށް އެޤައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އިދާރާތަކާއި ހަވާލާދީ ރަޝިޔާގެ ނޫސްތަކުގައި ބުނެފައި ވަނީ، އެންމެ ފުރަތަމަ އެޤައުމުގައި މި ވެކްސިން ދޭނީ ސިއްޙީ ތަޖުރިބާކާރުންނާއި، ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެޤައުމުގެ ބައެއް އިސް ފަރާތްތަކަށެވެ.

ރަޝިޔާގައި އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. މި ތަހުލީލިތައް ކުރިޔަށް ގެންގޮސްފައި ވަނީ 38 ވޮލެންޓިއަރުން ބައިވެރިކޮށްގެންނެވެ. މި ވޮލެންޓިއަރުންނަށް ވެކްސިން ދިނުމާއި ގުޅިގެން މިހާތަނަށް ނުރަނގަޅު އެއްވެސް އަސަރެއް ނުކުރާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ރަޝިޔާގެ ވެކްސިން ތަހުލީލުތައް ކުރިޔަށް ގެންދިއުމަށް ވޮލެންޓިއަރުންނަށް ވެކްސިން ދީފައި ވާއިރު، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެގެތެރެއިން ފުރަތަމަ ގްރޫޕް ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ގްރޫޕް ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ފަސް ދުވަސް ފަހުންނެވެ. މި ތަހުލީލުތަކުން އެދެވޭ ނަތީޖާތައް ލިބިފައިވާކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ރަޝިޔާއިން ދުނިޔޭގެ ފުރަތަމަ ކޮވިޑް-19 ގެ ވެކްސިން ރެޖިސްޓާ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ވަނީ ވެކްސިން އުފައްދާ ހުރިހާ ޤައުމަކުންނާއި ކުންފުނިތަކުން ވެސް ތަހުލީލުތަކުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން މިހެން ބުނެފައި ވަނީ ރަޝިޔާ ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާތައް އާންމުކޮށްފައި ނުވާތީއެވެ.

އެހެންކަމުން ރަޝިޔާއިން އުފައްދާ ވެކްސިން، ސިއްޙަތު ޖަމިއްޔާގެ ވެކްސިން ލިސްޓުގައި ހިމަނާފައި ވަނީ ފޭސް އެކެއްގެ ތަހުލީލުތައް ކުރިޔަށްގެންދާ ވެކްސިނެއްގެ ގޮތުގައެވެ.

ރަޝިޔާއިން މީގެ ކުރިން ބުނެފައި ވަނީ، އެޤައުމުގައި އުފައްދާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް، ޚާއްސަ އިސްކަމެއް ދީގެން ތަހުލީލުތައް ކުރިޔަށްގެންގޮސްފައި ވާނެ ކަމަށެވެ. އެހެންކަމުން މި ވެކްސިން ބޭނުންކުރަން ފަށާނީ އެކަން ޔަޤީން ކުރެވުމުން ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިންވެސް ބައެއް ޤައުމުތަކުން ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ކުލަ ޖެހެމުންދާ ކަމުގެ އިޝާރާތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން މިވަގުތު އެންމެ އުންމީދު ބޮޑު ވެކްސިނެއްގެ މަސައްކަތް ކުރަމުންދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ކާމިޔާބު ވެކްސިނެއް ދުނިޔޭގެ ހުރިހާ ޤައުމެއްގައި ބޭނުންކުރެވެން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށް ސިއްޙީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މިވަގުތު ދުނިޔޭގެ އެކި ޤައުމުތަކުގައި އުފައްދާ ވެކްސިންތަކުގެ ތެރެއިން ވަރަށް ގިނަ ވެކްސިންތަކުގެ ތަހުލީލު، އިންސާނުންނަށް ދީގެން ކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ިބޯކިބާ

    "އެންމެ އުންމީދު ބޮޑު ވެކްސިނެއްގެ މަސައްކަތް ކުރަމުންދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީންނެވެ" މިއީ ކިހިނެއްހޯދި މައުލޫމާތެއްތޯ. ފޭސް 3 ގަ 4 ވެކްސިން އެބައުޅޭ ތިބުނާވެކްސިނާއި އެމެރިކާގެ މޮޑާނާ ވެކްސިނާއި ޗައިނާގެ 2 ވެކްސިން އެއްފަހަރާ ޓްރަޔަލް އެދަނީ، އަދި ނަތީޖާލިބެން 2 މަސް އެބައޮތް، ހަމަ ކޮންމެ ހަބަރެއްގަ އިނގިރޭސިން މިދެން މާމޮޅުބަޔަކަށް ދައްކާފަ މިއޮންނަނީ ވަރަށް ނޭނގޭކަހަލަ ގޮތަކަށް، ހުޅަނގުން މީޑިއާބޭނުންކޮށްގެން މީހުންގެ ފިކުރު ކޮންޓްރޯލުކުރާގޮތް މިއީ.

    24
    3
    • ފޮނިބޯކިބާ

      ކަލެއަކަށް ނޭނގޭނެ ހުޅަނގެއް އިރެއް. ޕާކިސްތާނު އަފްގާނިސްތާނުން ކިޔާ އެއްޗެއް އެނގިދާނެ ތޯއްޗެއް.

      1
      10
      • ިބޯކިބާ

        އާނ ދެން އިނގިރޭސިން ނޫނިއްޔާ އުޅޭނީ އަފުގާނިސްތާނު ޕާކިސްތާނުމީހުންތާ ހެހެހެ، ކަލޯ އިނގިރޭސިން ދުނިޔޭގެ 7 ބިތުގަ ދިދަޖަހައިގެން އުޅުނު ޒަމާނެއްނޫންމިއީ، އިނގިރޭސިވިލާތެކޭ ލަންކާއެކޭ މިޒަމާނުގަ ތަފާތެއްނެތް. އެހެނެއްނޫން ކަލޭމެންގެ ރާނީގެދަރި ވަދެއޮތީ ޖެފްރީ އެޕްސްޓެއިންމެން ގޭގަ، އެގޭގަ ހިނގިކަމެއް މަށަށްވުރެ ބޮޑަށް އެނގޭނީ ކަލެއަށް.

  2. huss.......

    Alhamdhu lillah

    16
  3. ބޗގ

    ޢެެއްވެސް ވެކްސިންއެއް %100 އިފެކްޓިވް އެއް ނޫން... ކޮންމެ ގޮތެއް ވިޔަސް ތި ވެކްސިން %99.9 ކާމިޔާބު ވިޔަސް ތި ނުޖަހާ ބޮޑާ ހާކާނެ އިންސާނުން ތަކެއް ވާނުކަން ކަށަވަރެވެ. ބައެއްވެކްސިން ތަށް (ރޮޓާ ވެކްސިން)%69 ކާމިޔާބު އިރުވެސް ހަމަ އިންސާނުން އެ ޖެހިލުމެއް ނެތިމެ ތުއްތު ކުއްޖާއަށްވެސް ދެނީއެވެ. ވީމާ މި ވެކްސިން ނުޖަހަން ޖެހޭ ހަމަ އެންމެ ސަބަބެއްވެސް ނުވިސްނޭއެވެ. އެމިރިކާ ބޭނުމެއްނުވާނެ އެހެން ބަޔަކު އެއްވެސް ކަމެއްގަ މޮޅު ލިބޭކަން...

    11