އިޓަލީގައި ހުންނަ، ޔޫރަޕުގެ ދެވަނައަށް އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ބްލެންކް އިން ބޮޑު ބައެއް ވެއްޓިދާނެ ކަމުގެ ނުރައްކާ ބޮޑުވެ، އެ ފަރުބަދަ ހުންނަ ސަރަޙައްދުގެ އަވަށަކުން މީހުން ހުސްކޮށްފިއެވެ.

ނޫސްތައް ބުނާގޮތުން މި ފަރުބަދައިގެ އެންމެ އުހުގައިވާ، ބައިމިލިއަން ކިއުބިކް މީޓަރުގެ ގަނޑުފެންގަނޑެއް ވެއްޓެން އުޅޭކަމުގެ ނިޝާންތައް މިހާރު އަންނަނީ ފެންނަމުންނެވެ. މިއީ ގާތްގަނޑަކަށް ފުޓުބޯޅަ ދަނޑެއްގެ ބޮޑު ސަރަޙައްދެއްގައި، 80 މީޓަރު އުސްކޮށް ހުރި ބޮޑު ގަނޑުފެންގަނޑެއް ކަމަށް ވެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި މައުންޓް ބްލެންކްގެ މަތީގައިވާ މި ބިޔަ ގަނޑުފެންގަނޑު، އެ ފަރުބަދަ ހުންނަ ސަރަޙައްދުން ތިރީގައިވާ އަވަށްތަކުގެ މައްޗަށް ވެއްޓޭނެއެވެ. މިކަން ހިނގާއިރު ގެތައް ފުނޑުފުނޑުވެ، ބޮޑު ސަރަޙައްދެއް "ވަޅުލެވޭނެ" ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި އިންޒާރުތަކާއެކު ވީހާވެސް އަވަހަށް މީހުން އެ ސަރަޙައްދުން އެހެން ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އިދާރާތަކުން ކުރަމުން އަންނައިރު، މި މަސައްކަތުގައި ހެލިކަޕްޓަރުތައް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ފަރުބަދައިގެ ބޮޑު ބައެއް ކަނޑައިގެން ގޮސްދާނެ ކަމަށް ބުނެ ބުރާސްފަތި ދުވަހު އިދާރާތަކުން އިންޒާރު ދިނުމާއި ގުޅިގެން ފަރުބަދަ މަތިން 75 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އޭގެތެރޭގައި އެ ސަރަޙައްދުގައި ދިރިއުޅޭ 15 މީހަކުވެސް ހިމެނެއެވެ.

މި ނުރައްކަލާއެކު ފަރުބަދަ ހިމެނޭ ސަރަޙައްދަށް ދަތުރުކުރުމަށް ބޭނުންކުރާ މަގުތައްވެސް މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ތަޖުރިބާކާރުން އަންނަނީ މައުންޓް ބްލެންކްގެ މަތީގައިވާ ބިޔަ ގަނޑުފެންގަނޑު، 2013 ވަނަ އަހަރުން ފެށިގެން މޮނިޓާ ކުރަމުންނެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މި ގަނޑުފެންގަނޑު ވިރެމުން އަންނަ މިންވަރު އެފަރާތްތަކުން ދިޔައީ ރެކޯޑް ކުރަމުންނެވެ. މި މަޢުލޫމާތުތަކަށް ބަލާއިރު، ކުރިޔަށް އޮތީ ގަނޑުފެންގަނޑު ވެއްޓުމުގެ ނުރައްކާ އެންމެ ބޮޑު ދުވަސްތަކެވެ.

ތަޖުރިބާކާރުން ބުނާގޮތުން މައުންޓް ބްލެންކް މަތީގައިވާ ބޮޑު ސަރަޙައްދު ވެއްޓިއްޖެ ނަމަ، ދެމިނެޓަށްވުރެ އަވަހަށް ބިމާއި ހަމައަށް ގަނޑުފެންތައް ފޯރާނެއެވެ. މި ފަރުބަދައިގެ އުސްމިނުގައި ގާތްގަނޑަކަށް 4810 މީޓަރު ހުރެއެވެ.

މައުންޓް ބްލެންކް އަކީ ގަނޑުފެނާއި ސްނޯއިން ބޮޑު ބައެއް ޙިއްސާކުރާ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެވަލާންޗު

    އެހެންވިއްޔާ އެންމެންގަނޑު ގެއަޅައިގެން އުޅޭނީ ތިހިސާބުގަ
    ބިރެއްްވެސްގަންނަބައެއްނޫން ހިތާމަވެރި ހާދިސާތައް ހިންގާއިރު......

    5
    3