ތިމާ ލޯބިވާ މީހާ އަށް ލޯބި ހުށަހެޅުމާއި ލޯބިވެރިޔާއާ ކައިވެނިކުރަން އެދުމަކީ ވެސް ތަފާތު ތަޖުރިބާއެކެވެ. ބައެއް ފަހަރު އެއީ މެސެޖަކުން ވެސް ނިންމާލެވޭހާ ސީދާ އާދައިގެ ކަމެކެވެ. އެކަމަކު އެފަދަ ދުވަހެއް ހަނދާނުން ނުފިލާނެ ފަދަ ދުވަހަކަށް ވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

ޒަމާން ކުރިއަރާ ވަރަކަށް ތަފާތު މޮޅު ގޮތަކަށް ލޯބި ހުށަހެޅުމަކީ މިހާރުގެ ސްޓައިލަށް ވަނީ ވެފައެވެ. މިހެން ލޯބި ހުށަހަޅަން ކުރާ ކަންކަމުން ބޮޑެތި ލަދުގައި ބެދޭ ފަހަރުވެސް މަދެއް ނޫނެވެ. އަނެއްބައި ފަހަރު ލޯބި ނުލިބުނު ތަނުގައި އަނިޔާއާ ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ.

މިފަހަރު ލޯބި ހުށަހަޅަން، މޮޅު ރޭވުމެއް ރޭވި މީހަކަށް ލިބުނީ ހިތުން ނުފިލާވަރުގެ ބޮނޑިއެކެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު ވަނީ ލޯބި ހުށަހެޅުމުގެ ގޮތުން އޭނާގެ މުޅި ގެ އުއްބަތި އާއި، ފުއްޕާހަމުން ޖަރީކޮށްފައެވެ. އެ އުއްބަތިތަކުން ފުއްޕާހަމުގައި ރޯވެ، ހުޅުގަނޑު ފެތުރި މުޅި ގެ ވަނީ އަނދާ ހުލިވެފައެވެ.

ސައުތް ޔޯކްޝަޔާ ފަޔަ އެންޑް ރެެސްކިއުއިން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ގެ ޒީނަތްތެރިކުރުމަށް ފަހު އެ ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ ހޯދަން ދިޔަ ފަހުން ކަމަށެވެ. އެ މީހުން އަނބުރާ އައި އިރު ފެންނަން ހުރީ އަނދާ ހުލިވެފައިވާ ގޭގެ އޮނިގަނޑު ކަމަށާއި އޭރު އެ ސަރަހައްދުގައި އަލިފާން ނިއްވަން ތިން އުޅަނދު ހަރަކާތްތެރިވިކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ ގޭގައި 100 އުއްބަތިއެއް ވަނީ ރޯކޮށްފައެވެ. އެ ހާދިސާއަށް ފަހު ގޭގެ ހާލަތު ހުރި ގޮތުގެ ފޮޓޯތައް މީސްމީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވިނަމަވެސް އެ ގެއަށް ލިބުު ގެއްލުން އެތައް ލައްކަ ޑޮލަރަކަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ގެކުރިންހުރިގޮތް ދައްކާލިނަމަދޯ

    38