މަހާތުމާ ގާނދީއަކީ ތާރީޚީ ޝަހުސިއްޔަތުތަކުގެ ތެރެއިން ދުނިޔޭގައި ވެސް އެންމެ މަގްބޫލު އެންމެ ބަލައިގަންނަ އެއް ޝަހުސިއްޔަތެވެ. ގާނދީގެ ތެދުވެރިކަމާއި ކަންކަން ނިންމުމުގައި ގެންގުޅުނު ހިކުމަތްތެރި އުސޫލްތަކަކީ ކެތްތެރިކަމުގެ ނަމޫނާ އެއް ކަމަށް ތާރީޚީ ލިޔުންތެރިން ދެކެއެވެ.

އިންޑިއާ އަށް އުފަން ގާނދީއަކީ އިންސާނީ ކަރާމާތް ހިމާޔަތް ކުރުމަށް މުހިންމު ދައުރެއް އަދާކުރި މީހެކެވެ. އެހެންކަމުން އޭނާ ގެންގުޅުނު ތަކެއްޗަކީ އަގު ބޮޑުކޮށް ވިއްކާލެވޭ ތަކެއްޗަށް ވަނީ ވެފައެވެ.

އިނގިރޭސި ވިލާތުގައި ހޯމަ ދުވަހު ބާއްވާ ނީލަމުގައި ގާނދީ އަށް ނިސްބަތްވާ ރަން އައިނުގެ ދުނިގަނޑު ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ބުނެވޭ ގޮތުން މި އައިނަކީ 1900 ގެ އަހަރުތަކުގައި ގާނދީއަށް ލިބުނު ހަދިޔާއެކެވެ.

އެ އައިނުގެ ދުނިގަނޑު ޖަރީކޮށްފައި ވަނީ އަސްލު ރަނުން ކަމަށްވާ އިރު އެ އައިނަށް 10،000-15،000 ޕައުންޑްގެ އަގެއް ޖެހޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެ އައިނަށް 6000 ޕައުންޑްގެ އޮންލައިން ބިޑެއް ވަނީ ލިބިފައެވެ. އެއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހުން ހިމެނޭ އާއިލާއެއްގެ ފަރާތުންނެވެ. އެ އާއިލާއިން އެ އައިނަށް ޝައުގުވެރިވާ ސަބަބަކީ އެފަދަ ހަދިޔާއެއް އެ މީހުންގެ ދުރުތާ ބޮޑު ބޭބެއަކަށް ވެސް ލިބިފައިވުމެވެ.

އެ ބޮޑުބޭބެއަކީ އިނގިރޭސި ސިފައިންނަށް މަސައްކަތްކޮށްދިން މީހެއް ކަމަށާއި ސައުތު އެފްރިކާ ފަދަ ތަންތަނުގައި ވެސް އޭނާ މަސައްކަތް ކުރިކަމަށްވެއެވެ.

1910 އާ ހަމައަށް ގާނދީ އައިނު އެޅިކަން އެނގޭކަށް ނެތެވެ. ނަމަވެސް ތާރީޚީ ލިޔުންތަކާއި ފޮޓޯތަކާއި ކުރެހުންތަކުގައި އޭނާ ފެންނާން ހުރީ އައިނު އަޅާ މީހެއްގެ ގޮތުގައެވެ. އަދި އޭނާ އަޅާ އައިނަކީ ތަފާތު ޑިޒައިނެއްގެ ވަށް އައިނެއްކަން ވެސް އެ ލިޔެކިޔުންތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާހާ

    ހާހާ

    2
    1
  2. ޏަވިޔަނި

    މީނަ ވެސް މީ ވަގެ ދޯ ؟ ރަން އައިނު ދުނި އެޅީ ކިހިނެ ހޯދި ފައިސާއެއް

    7
    10
  3. ގައިދުރު

    މަހާތުމާގާންދީ އަކީ އެއްގައުމު ތިން ގައުމަކަށް ހެދި ވެރިއެއް!

  4. ކޮތަރު

    ޏަވިޔަނި މެން ކޮމެންޓް ކޮރަނީ ވަރަށް ރަނގަޅަށް އެއްކޮޅުން އަނެއްކޮޅަށް ލިޔުން ކިޔާފަކަން އެނގޭ. މި އައިނަކީ މަހާތުމާ ގާނދީ އަށް ހަދިޔާއަކަށް ލިބުނު އެއްޗެކޭވެސް އެބައޮތިއްޔަ.