މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ކެރެލާގައި ހިނގި ނުރައްކާތެރި ފްލައިޓް އެކްސިޑެންޓުގައި ފްލައިޓުން ދަތުރުކުރި ބައެއް މީހުން މަރުވެ، ބައެއް މީހުންނަށް ވަނީ ބޮޑެތި ޒަހަމްތައް ވެފައެވެ.

ކޮވިޑް-19ގެ ފުރަބަންދާއި ގުޅިގެން ޔޫއޭއީގައި ތާށިވެފައި ތިބި އިންޑިއާ މީހުން އެނބުރި ގައުމަށް ގެނައުމަށް ބޭއްވި އެ ފްލައިޓުގައި 184 ފަސެންޖަރަކު ތިއްބެވެ. އޭގެ ތެރޭގައި 10 ތުއްތު ކުދިންވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ ތެރެެއިން 127 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

އެ ފްލައިޓުން ދަތުރު ކުރި މީހުން ތެރޭގައި ހިމެނޭ ޝަރަފުއްދީން ޕިއްލަސެރޭ އާއި އޭނާގެ އަނބިމީހާ އަދި ދަރިފުުޅު އެކުގައި ނަގާފައިވާ ނަފްސީއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކޮވިޑް-19 އިން ރައްކާތެެރިވުމަށް މާސްކާއި، ފޭސް ޝީލްޑުވެސް އަޅައިގެން ނެގި އެ ފޮޓޯއަކީ ފްލައިޓު ނައްޓާލުމުގެ ކުރިން ޝަރަފުއްދީން ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯ ފޭސްބުކްގައި ހިއްސާކުރުމަށް ފަހު އޭނާގެ ސްޓޭޓަސްގައި އޭނާ ވަނީ "އަނބުރާ ގެއަށް" މިހެން ލިޔެފައެވެ.

އެ ހާދިސާގައި ޝަރަފުއްދީން ވަނީ މަރުވެފައެވެ.

ޝަރައްފުއްދީންގެ އަނބިމީހާ އަށް މި ހާދިސާގައި ލިބުނު އަނިޔާތަކަށް ކޮޒިކޯޑް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ދަރިފުޅު ވަނީ ޝަރަފުއްދީންގެ މައިންބަފައިންނާއި ހަވާލުކޮށްފައެވެ. ދަރިފުޅަށް މި ހާދިސާގައި ލިބުނީ ކުދި އަނިޔާތަކެކެވެ. އޭނާއަށް ސީރިއަސް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

އެ އެކްސިޑެންޓު ހިނގީ ފްލައިޓު ރަންވޭގައި ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ ގޮސް، ރަންވޭ މަތިން ވާދީއަކަށް ވެއްޓިގެންނެވެ. އެ ހާދިސާގައި 18 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ފްލައިޓުގެ ޕައިލެޓުން ވެސް ހިމެނެއެވެ.

މިފަދަ ބޮޑު ހާދިސާއެއް އިންޑިއާގައި ހިނގާފައި މި ވަނީ އެ ގައުމުގައި ކޮވިޑް-19 އެންމެ ނުރައްކާ މިންވަރަކަށް ފެތުރި އެތައް ބަޔަކު މަރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ގައުމަކީ މިހާރު ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސްއަށް ފައްސިވެފައިވާ ގައުމެވެ.