"އެމެރިކާސް ގޮޓް ޓެލެންޓް" ގެ މަޝްހޫރު ފަނޑިޔާރު، ސައިމަން ކޮވެލް ބައިސްކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ނޫސްތައް ބުނާގޮތުން އޭނާ އަލަށް ގަތް އިލެކްޓްރިކް ބައިސްކަލަކުން ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ފަރުވާދޭން ޖެހުނީ އިމަޖެންސީގައެވެ. މި ހާދިސާގައި އޭނާގެ މައިބަދައިން ކަށިގަނޑުތަކެއް ބިންދައިގެން ގޮސްފައިވާ ކަމަށް ވެއެވެ.

އުމުރުން 60 އަހަރުގެ ސައިމަން އަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނަ ވަނީ އިމަޖެންސީގައި ހަގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި އޭނާގެ ބުރަކައްޓަށް ރޮޑެއް ލައްވާފައިވާ ކަމަށް އާއިލާގެ ބައެއް ފަރާތްތަކުން ނޫސްތަކުގައި ބުނެފައި ވެއެވެ. މި ހާދިސާގައި ސައިމަންގެ ކަރަށްވެސް އަނިޔާ ލިބިފައި ވާކަމަށް ވެއެވެ.

އާދީއްތަ ދުވަހު ހިނގި މި ހާދިސާ އާއި ގުޅިގެން އޭނާއަށް ލިބުނު އަނިޔާތަކަށް ކެލެފޯނިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދާއިރު، އޮޕަރޭޝަނަށްފަހު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ނޫސްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކެލެފޯނިއާގެ މަލިބު ސިޓީގައި ހުންނަ ސައިމަންގެ ގޭގައި އޭނާގެ އަންހެނުންނާއި ދަރިފުޅު ބައިސްކަލް ދުއްވަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ސައިމަން ވެއްޓުނީ އޭނާ އަލަށް ގަތް އިލެކްޓްރިކް ބައިސްކަލް، "ޓެސްޓް ރައިޑް" އަކަށް ދުއްވަން އުޅުމުގެ ތެރޭގައެވެ.

މި އަނިޔާ އާއި ގުޅިގެން ސައިމަންއަށް އަންނަ ހަފްތާގައި އޮންނަ "އެމެރިކާސް ގޮޓް ޓެލެންޓް" ޝޯގައި ބައިވެރި ނުވެވޭނެކަން މިހާރު ވަނީ އަންގާފައެވެ. އޭނާއަކީ މި ޝޯގެ އިތުރުން "ބްރިޓެއިންސް ގޮޓް ޓެލެންޓް" ގެ ފަނޑިޔާރެއްވެސް މެއެވެ.