ބަރުދަން ހުންނާން ޖެހޭ ވަރަށްވުރެ އިތުރުވެފައިވާ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް އެކެޑަމީ އޮފް ސައިންސްގައި މިހާރު ޝާޢިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، ބަރުދަން އިތުރުވެފައިވާ މީހުންނަށް ކޮވިޑް ޖެހުމުން، ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތު މެދުވެރިވާ ގޮތް އިތުރު ކަމަށެވެ.

އުމުރުން 40 އަހަރާއި 69 އަހަރާއި ދެމެދުގެ ތިންލައްކައަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމެވެފައިވާ ގޮތުން، ދިރާސާގެ ބައިވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވީ ޒުވާން އުމުރުގެ 640 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.

ދިރާސާވެރިން ބުނެފައިވާ ގޮތުން މި ދިރާސާއިން ހޯދުނު ހޯދުންތަކަށް ބަލާއިރު، ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ކޮންމެ ދިހަ ހާސް މީހުންގެ ތެރެއިން 19 އިންސައްތަ މީހުންނަކީ ބަރުދަން އިތުރު މީހުން ކަމަށެވެ. އެހެންކަމުން ބަރުދަން އިތުރުވުމަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެންދާ ކަމެއްކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ބަރުދަން އިތުރުވުމަކީ ސިއްޙީ އެނޫންވެސް ހާލަތްތަކާއި ކުރިމަތިކުރުވާ ކަމެއްކަން ކުރީގެ ގިނަ ދިރާސާތަކުން ހާމަވެފައި ވެއެވެ. އަދި ޚާއްސަ ގޮތެއްގައި ބައެއް ބަލި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ނުރައްކާ ބޮޑީ ބަރުދަން އިތުރު މީހުންނަށް ކަމަށް ކުރިން ވެސް ދިރާސާގެ އަލީގައި ތަޖުރިބާކާރުން ބުނަމުން ދެއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން އިނގިރޭސި ދިރާސާވެރިން ބުނާގޮތުން ހުޅަނގުގެ ޤައުމުތަކުގައި ބަރުދަން އިތުރު މީހުން އާދަޔާއި ޚިލާފަށް ގިނައެވެ. އެހެންކަމުން މިކަމަކީ ބަލީގެ ނުރައްކާ އެ ސަރަޙައްދުގެ ޤައުމުތަކަށް އިތުރުވާ ސަބަބެއް ކަމަށް ބެލެވިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.