ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް، ތަހުލީލުތައް ފުރިހަމަނުވާ ވެކްސިނެއް އެޤައުމުގައި ނެރެން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

މި އަޑުތައް ފެތުރެން ފަށާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮވިޑް-19 ގެ ވެކްސިނެއް އެޤައުމުގައި ނެރެން އިދާރާތަކަށް ބާރުއަޅާކަމުގެ ތުހުމަތުތަކެއް ޔުނިވާސިޓީ އޮފް ޕެންސީލްވޭނިއާގެ އިސް ދެ ޑޮކްޓަރަކު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމަށް އިޝާރާތްކޮށް އިއްޔެ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތުގެ ދަށުން މަސައްކަތްކުރާ އެޤައުމުގެ ނޭޝަނަލް އިސްޓިޓިއުޓް އޮފް ހެލްތުގެ ޑިރެކްޓަރ، ޑރ. ފްރޭންސިސް ކޮލިންސް ވިދާޅުވެފައި ވަނީ، އިންތިޚާބުގެ ކުރިޔަށް ރައްޔިތުންނަށްދޭ "ސަޕްރައިޒެއް" ހެން ކޮވިޑް-19 ގެ ވެކްސިން ދޫކުރަން ފެށުމަކީ އެ އިދާރައިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް ކޮމިޝަނަރ، ޑރ. ސްޓެފަންހާން ވެސް އެއްވެސް ޔަޤީންކަމެއް ނެތި ކޮވިޑް-19 އަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ވެކްސިނެއްކަން ސާބިތުނުވަ ވެކްސިނެއްގެ ހުއްދަ ދޫކޮށް އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަމާއި ދެކޮޅަށް ތެދުވާނެ ކަމަށް ވެސް ޑރ. ކޮލިންސް ވަނީ ވިދާޅުވެފައެވެ.

"އޮކްޓޫބަރު ސަޕްރައިޒެއް ގޮތަށް އިންތިޚާބާއި ދިމާކޮށް ވެކްސިނެއް ނެރެއްޖެނަމަ އެކަމާއި ދެކޮޅަށް އަޑު އުފުލާނަން. ރައީސް ޓްރަމްޕް އަކަށްވެސް އެފްޑީއޭ އަށް އެފަދަ ކަންކަމަށް ޕްރެޝަނެއް ނުކުރެވޭނެ،" ޑރ. ކޮލިސް ވިދާޅުވިއެވެ.

ޑރ. ކޮލިންސް ވިދާޅުވެފައިވާގޮތުން ޔަޤީންކަން ސާބިތު ނުވާ، ނުވަތަ ތަހުލީލުތައް ފުރިހަމަނުވާ ވެކްސިނެއް ބޭނުންކުރަން ފެށުމަކީ އެކަމުގެ ސަބަބުން އިދާރާތަކުން އެތައް ބަޔަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެއްވެސް ބޭނުމެއްގައި އެފަދަ ގޮތަކަށް ވެކްސިނެއް ނެރުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ރިޔާސީ އިންތިޚާބާއި ދިމާކޮށް ވޯޓު ހޯދުމަށް، ޔަޤީން ނުވާ ވެކްސިނެއްގެ ހުއްދަ ދޫކުރަން އެމެރިކާގެ އެފްޑީއޭއަށް ޕްރެޝަރ ކޮށްފާނެ ކަމަށް ބުނާ އަޑުތަކެއް ފެތުރިފައި ވާއިރު، މީގެ ކުރިން ޓްރަމްޕް ވަނީ، ކޮވިޑް-19 ގެ އެންމެ އެކަށީގެންވާ ފަރުވާއަކީ އިންޑިއާގެ މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޮކުއިން، ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ފަހުން ހެދި ތަހުލީލުތަކުން ހާމަވެފައި ވަނީ އެ ބޭހަކީ ކޮވިޑް ބަލީގެ މީހުންނަށް އެއްވެސް ފަރުވާއެއް ލިއްބައި ނުދޭ، ގެއްލުން ހުރި ބޭހެއް ކަމެވެ.

އެމެރިކާގެ އިސް ސިއްޙީ ތަޖުރިބާކާރުން ލަފާކުރާ ގޮތުން އެންމެ އަވަހަށް ވެސް ކޮވިޑް-19 ގެ އިތުބާރުހުރި ވެކްސިނެއް ތަހުލީލުތަކަށް ފަހު ލިބޭނީ އަންނަ އަހަރުގެ ކުރީކޮޅެވެ. އެހެންކަމުން އޭގެ ކުރިން ނެރޭ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ދިނުމާއި މެދު އެފަރާތްތަކުން ދެކޮޅު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙެހެ

    ޜަޝިއާއިން ކަމެއް ކުރާއިރަށް އެމެރިކާއިން ފޮޑިޖަހަން އުޅޭނެ. ޢެކަމަކު ގަޔަށްލެވޭނީ ސީ. މިސާލަކަށް ހަނދައް ދިޔަކަހަލަ ދޮގުވާހަކަތައް.