އެމެރިކާގައި ދަތުރުކުރަމުން ދިޔަ، އެޤައުމުގެ އަސްކަރީ ހެލިކަޕްޓަރެއްގައި ހުރި ޕައިލެޓެއްގެ ގަޔަށް ވަޒަނެއް އަރައި ޒަޚަމްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެލިކަޕްޓަރު އެ ސަރަޙައްދުގެ ގާތްގަނޑަކަށް އެއްހާސް ފޫޓު މަތިން ހެލިކަޕްޓަރު ދަތުރުކޮށްފައި ދަނިކޮށެވެ. މި ހާދިސާ ހިނގި ވަގުތު ހެލިކަޕްޓަރުގައި ތިބީ ދެ ޕައިލެޓުންނެވެ. ހާދިސާ ހިނގުމާއެކު ހެލިކަޕްޓަރުގެ ކޯ ޕައިލެޓް ވަނީ ވަގުތުން އިމަޖެންސީގައި އެ ސަރަޙައްދުގައި ހުރި އެއާޕޯޓެއްގައި ޖައްސާފައެވެ.

މި ހާދިސާ އާއި ގުޅިގެން އެމެރިކާގެ އެފްބީއައި އާއި އެއާފޯސް އިން ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ. މި ތަހުޤީޤުގައި، މިއީ ބަޔަކު ގަސްތުގައި ހެލިކަޕްޓަރަށް އަމާޒުކޮށްދިން ހަމަލާއެއްތޯ ނުވަތަ މީހަކު ވައިގެ ތެރެއަށް ބަޑިޖެހި ވަގުތެއްގައި ނޭނގި ހިނގި ކަމެއްތޯ ބަލާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިދާރާތަކުން މި ތަހުޤީޤާއި ގުޅިގެން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވި ޕައިލެޓަށް ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ ހޮސްޕިޓަލުގައި ފަރުވާދީފައި ވެއެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވާއިރު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނާގޮތުން ޕައިލެޓުގެ ހަށިގަނޑަށް ވަޒަން އަރާފައި ހުރިނަމަވެސް ހެލިކަޕްޓަރަށް ވަޒަނެއް އަރާފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ގަސްތުގައި ބަޔަކު ދިން ހަމަލާއެއް ކަމަށް ބެލުމުގެ ފުރުސަތު ކުޑަކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ޚާއްސަ ލައިސެންސެއް ލިބިގެން އާންމުންނަށް ބަޑި ފަދަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ލިބެއެވެ. އާންމު ގޮތެއްގައި މިގޮތަށް ބަޑި ގެންގުޅުމުގެ ހުއްދަ ލިބެނީ ޝިކާރަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ޚާއްސަ ލައިސެންސެއް ލިބިގެން އާންމުންނަށް ބަޑި ފަދަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ލިބެއެވެ. އާންމު ގޮތެއްގައި މިގޮތަށް ބަޑި ގެންގުޅުމުގެ ހުއްދަ ލިބެނީ ޝިކާރަކުރުމަށެވެ ، ތިޔަ ހެލިކޮޕްޓަރުގަ އިންމީހާ ޝިކާރަ ކުރިއްޔެއްނު އެހެންވީމަ.

    6
    6