ދުނިޔޭގެ އެންމެ ބޮޑު އާގު ބޯޓު އުފެއްދުމުގެ މަސައްކަތް ނިމި، ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މި ބޯޓުގެ މަސައްކަތްކުރާ ދެކުނު ކޮރެއާގެ ހިޔުންޑައި މާޝަންޓް މެރިން (އެޗްއެމްއެމް) ކުންފުނިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އެންމެ ބޮޑު ކޮންޓެއިނާ ލައިން އަދި ދުނިޔެއިން ނުވަ ވަނައަށް އެންމެ ބޮޑު ކޮންޓެއިނާލައިން ހިންގާ އެޗްއެމްއެމް އިން ބުނެފައި ވަނީ މިހާރު އެ ކުންފުނިން ބަންނަ ބޯޓަކީ ފުޅާމިނުގައި 62 މީޓަރު އަދި ދިގުމިނުގައި 400 މީޓަރު ހުންނަ ބޯޓެއް ކަމަށެވެ. މިއީ ޕެރިސްގައި ހުންނަ އެފިލް ޓަވަރަށްވުރެ 100 މީޓަރު ދިގުމިނެކެވެ.

"އެޗްއެމްއެމް ޕީޓާސްބާގް" ގެ ނަން ދީފައިވާ މި ބޯޓަށް 23820 ކޮންޓެއިނާ ބަރުކުރެވޭ ވަރުގެ ޖާގައެއް އޮންނާނެ ކަމަށް އެޗްއެމްއެމްގެ ވެރިޔާ ނޫސްތަކުގައި ބުނެފައި ވެއެވެ. މިއީ "ގާތްގަނޑަކަށް ދުނިޔޭގެ އެންމެންނަށް ވާވަރަށް ކޮކޯ ޕައިސް ލެވޭ ވަރުގެ ޖާގައެއް" ކަމަށް އޭނާ ބުންޏެވެ. ކޮކޯ ޕައި އަކީ ދެކުނު ކޮރެއާގެ މަޤުބޫލު ލުއިކާނާ އެކެވެ.

143 އާއި 151 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ބަންނަ މި ބޯޓަކީ އެޗްއެމްއެމްގެ 12 ވަނަ ކޮންޓެއިނާ ބޯޓެކެވެ. އެ ކުންފުނިން މީގެ ކުރިން އުފައްދާފައިވާ ބޯޓެއްގައި އެންމެ ގިނަ އަދަދަކަށް ކޮންޓެއިނާ ބަރުކޮށްގެން ދަތުރުކޮށް، ދުނިޔޭގެ ރެކޯޑެއްވެސް ހަދާފައި ވެއެވެ.

"އެޗްއެމްއެމް ޕީޓާސްބާގް" ގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކުންފުނިން ބުނެއެވެ. އެއަށްފަހު އެ ބޯޓުގެ ދަތުރުތައް ޗައިނާ އާއި ލަންޑަނަށްވެސް ކުރުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން ކުރާ ކޮންމެ ދަތުރެއް 12 ހަފްތާއަށް ދެމިގެންދާނެ އެވެ. މި ބޯޓަކީ ގަޑިއަކު 40 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރު ކުރެވޭ ބޯޓެއް ކަމަށް ވެއެވެ.

"އެޗްއެމްއެމް ޕީޓާސްބާގް" އަކީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ބޯޓު ކަމުގައި ވީނަމަވެސް މި ބޯޓުގައި މަސައްކަތް ކުރާނީ 23 ފަޅުވެރިން ކަމަށް އެޗްއެމްއެމް އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނާ

    ދެވަނަ ޓައިޓޭނިކަށް ނުވިއްޔާ ރަނގަޅު

    15
    6
  2. ވިސްނޭ

    އާގު ގެ ދިވެހި މާނަ އަކީ ކޮބާ.؟ ބޮޑު ތަ..ނޫނީ ކާރގޯ ތަ..

    • އަލަކަ

      ކާގޯ ބޯޓް. އެބަސް އޭރުގެ ދިވެހިންނަށް ކިޔުނީ އާގުބޯޓް. މިކަަހަލަ ކިތަންމެ އިނގިރޭސިބަހެއް ދިވެހިންނަށް އެގޮތަށްކުދި ބަދަލު ގެނެސްގެން ކިޔާފާވޭ. މިސާލަކަށް ، ކޮރޮނޮމީޓަރ، ދިވެހިން ކަރްނާމަންޓަރު. ޑޭ އެންޑް ޑޭޓް، ދިވެހިން ޑޭންޑޭޓް. ވޯޓަރޕްރޫފް، ވާޓަރު ޕްރޫފް. މީންޓައިމް، މިންޓޭމް. އެމްބޮރިކޭޝަން ، އެމެރިކޭޝަން. ޕަރަސެޓަމޯލް، ކުރެސެންޓްމޯ. އެންޖިން ، އިންޖީނު.

      4
      1
  3. ދަރަނި ދަންތުރަ

    އެއީ ބޮޑު