ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދައުރުވާ އެންމެ ބޮޑު އެއް ގިނިހިލަ ކަމަށްވާ "ސީރީސް" ގެ ބިންފަދަ ނުވަތަ މަތީ ފަށަލައިގެ އަޑީގައި، ފޮރުވިފައިވާ ކަނޑެއް ވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހޯދި ހޯދުންތަކަށްފަހު، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވަނީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ސީރީސްގެ އަޑީގައިވާ ކަނޑަކީ ދުނިޔޭގެ ކަނޑާއި އެއްފަދަ ލޮނުފެން އެކުލެވޭ ކަނޑެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މި ކަނޑުގެ ފުންމިނުގައި ގާތްގަނޑަކަށް 25 މޭލު ނުވަތަ 40 ވަރަކަށް ކިލޯމީޓަރު ހުރެދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. ދުނިޔޭގެ ކަނޑުން އެންމެ ފުން ސަރަޙައްދުގެ ފުންމިނުގައި ހުންނަނީ 11 ވަރަކަށް ކިލޯމީޓަރެވެ.

ސީރީސްގެ ކަނޑަކީ އެތައް ސަތޭކަ މޭލުގެ ބޮޑު ކަނޑެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. އެހެންކަމުން އެ ގިނިހިލައިގެ މަތީ ފަށަލައިގެ އަޑިން ބޮޑުބައެއް ހިމެނޭހެން، ގިނިހިލައިގެ ބޮޑު ބައެއް ޙިއްސާ ކުރާނީ ފެން ކަމަށް ބެލެވިފައި ވެއެވެ.

ސައިންސްވެރިން އެންމެ ފުރަތަމަ ސީރީސްގެ މަޢުލޫމާތުތައް ހޯދާފައި ވަނީ މި ގިނިހިލަ އާއި ދެވަނައަށް އެންމެ ބޮޑު ގިނިހިލަ، "ވެސްޓާ" ގެ މަޢުލޫމާތު އެއް ކުރުމަށް ދުނިޔެއިން ފޮނުވާލި ކުޑަ ޖައްވީ އުޅަނދެއް ކަމަށްވާ "ޑޯން" މެދުވެރިކޮށެވެ. 2007 ވަނަ އަހަރު ލޯންޗުކުރި މި އުޅަނދު ވަނީ، ހަކަތަ ހުސްވެ ދުނިޔެއަށް ކޮންޓްރޯލް ގެއްލުމުގެ ކުރީން 2015 އާއި 2018 އާއި ދެމެދު ސީރީސްގެ ވަށައިގެން ދައުރުކޮށްފައެވެ.

ސީރީސްގެ މަޢުލޫމާތު އިތުރަށް ދިރާސާ ކުރުމަށް ސައިންސްވެރިން ޝަޢުގުވެރި ކުރުވީ، މި ގިނިހިލައިގެ މަތީ ފަށަލައިގައިވާ އަލިގަދަ ސަރަޙައްދެއް ނާސާގެ އުޅަނދު މެދުވެރިކޮށް ހޯދުމުންނެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން އެ ސަރަޙައްދުގައި ވަނީ ހިކިފައި ހުރި ލޮލުން އުފެދިފައިވާ ފަށަލައެކެވެ. މި ފަށަލަ އުފެދުނީ އޭގެ އަޑީފައިވާ ކަނޑުން، އިންސާނުން ނޭވާލާން ބޭނުންކުރާ އޮކްސިޖަން ހިމެނޭހެން ދުނިޔޭގެ ޖައްވުގައި ދައުރުވާފަދަ ބައެއް އެނޫންވެސް މާއްދާތައް އެއްވެގެން ކަމަށް ވެއެވެ.

ފަހުގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުން މި ގިނިހިލައިގެ މަތީގައި އުފެދިފައިވާ ލޮނުގެ ފަށަލަ އަންނަނީ، "ދަގަނޑުގައި ދަބަރު އުފެދޭ ފަދައިން" ކަނޑުން ބޭރުވާ މާއްދާތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ދުނިޔޭގެ ކަނޑާއި އެއްގޮތް ކަނޑެއް، ގިނިހިލައެއްގައި ވާތީ މި ގިނިހިލައިގެ ކަނޑުގައި ދިރުމެއް ވެދާނެ ކަމަށް ބުނާ ވާހަކަތަކުގެ އަޑުތައްވެސް މިހާރު އަންނަނީ ގަދަވަމުންނެވެ. ތަޖުރިބާކާރުން ބުނާގޮތުން، މި ކަނޑަކީ، ކަނޑުގެ ދިރުންތަކަށް އެކަށީގެންވާ މާޙައުލެއް އޮތް ތަނަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެން ނަމަވެސް އެތަނުގައި ދިރުމެއްވިތޯ، ނުވަތަ މިހާރުވެސް ދިރުމެއްވޭތޯ ބެލޭނީ އިތުރު ދިރާސާތަކާއި ހޯދުންތަކަށް ފަހު ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސީރީސް ސޫރުދަ ނިޒާމުގެ "އެސްޓްރޮއިޑް ބެލްޓުގައިވާ" 940 ކިލޯމީޓަރުގެ ބޮޑު ގިނިހިލައެކެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ 13 ބައިކުޅަ އެއްބައި ވަރުވާ ގިނިހިލައެކެވެ. މި ގިނިހިލައިގެ މަތީ ފަށަލަ ފަށަލައިގެ ގާތްގަނޑަކަށް 30 އިންސައްތަ އުފެދިފައި ވަނީ ގަނޑުފެނުންނެވެ.

މީގެކުރިން، މި ސޫރުދަ ނިޒާމުގެ އެންމެ ބޮޑު ގުރަހަ (ޕްލެނެޓް) ކަމަށްވާ މުޝްތަރީ (ޖުޕިޓާ)ގެ ވަށައިގެން ދައުރުވާ 79 ހަނދުގެ ތެރެއިން ހަވަނައަށް އެންމެ ބޮޑު "އެންސެލަޑަސް"ގެ އަޑީގައި ވެސް ފޮރުވިފައިވާ ކަނޑެއްވާކަން ޔަޤީންކުރެވިފައި ވެއެވެ. "އެންސެލަޑަސް" އަކީ އާދަޔާއި ޚިލާފަށް ފިނިގަދަ (މައިނަސް 201 ޑިގްރީ ސެލްޝިއަސް)، ގަނޑުފެނުން މަތީ ފަށަލަ އެކީހެން އުފެދިފައިވާ ހަނދެކެވެ.