ކޮވިޑް-19 ގެ ނުރައްކަލާއެކު މާސްކު އުފައްދާ ކުންފުނިތަކަށް ވަނީ ބާރުބޮޑުވެފައެވެ. އަދި ތަފާތު އެކި ގޮތްގޮތަށް އުފައްދާފައިވާ މާސްކުތައްވެސް ފަހަކަށް އައިސް ފެންނަމުން ދެއެވެ. އެގޮތުން މިހާތަނަށް ދުނިޔޭގައި އުފެއްދާ އެންމެ އަގުބޮޑު މާސްކު މިވަނީ ދައްކާލާފައެވެ.

ރަނާއި ޖަވާހިރުން ގިރިޓީކޮށްފައިވާ މި މާސްކަކީ އިސްރާއިލްގެ ރަނުގެ ވިޔަފާރިކުރާ ކުންފުންޏަކުން އުފައްދާފައިވާ މާސްކެކެވެ. ގިނަ އަދަދަކަށް އަގުބޮޑު މައުދަން ބޭނުންކޮށްގެން އުފައްދާ މި މާސްކުގެ އަގު 1.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ބެލެވެއެވެ.

މި މާސްކު ފަރުމާކުރި ޑިޒައިނަރު، އިސާކް ލެވީ ނޫސްތަކުގައި ބުނެފައިވާ ގޮތުން މާސްކު އުފެއްދުމަށްޓަކައި 18 ކެރެޓުގެ ރަން ބޭނުންކުރާނެ އެވެ. އަދި ކަޅާއި ހުދު ޖަވާހިރު ހިމެނޭހެން މި މާސްކުގައި 3600 ޖަވާހިރު ބޭނުންކޮށްފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މާސްކު އުފެއްދި ކުންފުނިން ބުނެފައިވާ ގޮތުން މި މާސްކުގެ މަސައްކަތް އެކީ ފުރިހަމަކޮށް ނިންމާލެވޭނީ މިއަހަރުގެ ފަހުކޮޅުއެވެ. އަދި އެ މަސައްކަތް ނިމޭއިރު ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު މާސްކަކަށް މި މާސްކު ވެގެންދާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެ ކުންފުނިން ނިންމާފައިވަނީ މާސްކު އުފައްދައި ނިމުމާއެކު އެންމެ ފުރަތަމަ ގަންނަން ބޭނުންވާ ފަރާތަކަށް މާސްކު ވިއްކާލުމަށެވެ. އެހެންކަމުން މިހާރުން ފެށިގެން، ޝަޢުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އަގުބޮޑު ޖަވާހިރާއި ރަނުން ހަދާ މި މާސްކަކީ އާދައިގެ އެހެން މާސްކުތަކަށްވުރެ ސަތޭކަގުނަ ބަރު މާސްކެކެވެ. މި މާސްކަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެކަށީގެންވާ މާސްކަކަށް ނުވާއިރު، މިއީ ރަމްޒީ އެއްޗެއް ކަމަށް ކުންފުނިން ބުނެއެވެ.

މީގެ ކުރިން އިންޑިއާ މީހަކުވެސް ރަނުން މާސްކެއް ހަދާފައި ވެއެވެ.