މިދެމަފިރިން ކައިވެނިކޮށްފައި ވަނީ 1991 ވަނަ އަހަރުއެވެ. ހުރިހާ ކަމަކުން އަމިއްލައަށް ގިރާކޮށްގެންނެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ރުޅިވެރިކަމަށް ނުބަލައެވެ. އެ މީހުންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. އެ ގުޅުމަށް 29 އަހަރުވީއެވެ.

މިއީ އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ ދެމަފިރިންނެވެ. އޭގެ ތެރެއިން އަންހެން މީހާ ކެތްރީންއަކީ އިންޑިއާގެ ބެންގަލޫރް އަށް ނިސްބަތްވާ މީހެކެެވެ. ތެއިޑޫރް ޑީން ނަމަކަށް ކިޔާ ފިރިހެން މީހާއަކީ ކަރާޗީއަށް ނިސްބަތްވާ މީހެކެވެ. މި ދެމަފިރިން އެ މީހުންގެ ގައުމިއްޔަތާއި ރޫހަށް ބަދަލު ގެންނަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

މި ދެމަފިރިން ދިރިއުޅެމުން ދަނީ އެ ދުބާއީގައެވެ. ދެމަފިރިންގެ ތިން ފިރިހެން ކުދިން ތިބޭއިރު، އެންމެންނަކީވެސް ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ.

މި ދެ މަފިރިންގެ ލޯބީގެ ގުޅުން ފެށިގެން ދިޔަ ގޮތަށް ބަލާލަމާ ހިނގާށެވެ. މި ދެމީހުން އެންމެ ފުރަތަމަ ދިމަވީ ކަރަމާގެ ބަސް ސްޓޮޕަކުންނެވެ. އެ ތަނުން އެ މީހުން ސްކޫލް ބަހަކަށް އެރިއިރު، އެއީ އެ ގުޅުމުގެ ފެށުމެވެ. ފަސް އަހަރު ވަންދެން އެ މީހުންގެ ލޯބީގެ ގުޅުން ފައްކާކުރަމުން ގޮސް، ދެ އާއިލާއިން ރުހި ގަބޫލު ވެގެން ކައިވެނި ކޮށްފިއެވެ.

އެ މީހުންނަށް ހުރިހާ ކަމަށްކަސްވީވެސް ލޯބިއެވެ. ލޮތްބަކީ ހުރިހާ ރުޅިވެރިކަމާއި، ނަފްރަތާއި ހުރިހާ ކަމެއް ނެތިކޮށްލާ ވަރުގެ އެއްޗެއް ކަމަށް ބުނެފައި ވެއެވެ.

ކެތްރީން ބުނެފައި ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގޮތްތަކަށް ހާއްސަ ދުވަސްތައް އާއިލާ ތެރޭގައި ހިންގާ ކަމަށެވެ. އަދި އާއިލާއިން ދެ ގައުމުގެ ދެމެދުގައި ދަތުރުކޮށް ހަދާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހުރިހާ ދަރިންވެސް ދެ ގައުމު ދެކެ ލޯބިވާ ކަމަށާއި، ދެ ގައުމަށް ގޮސް ވަގުތު ހޭދަކުރި ނަމަވެސް، އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނޯންނަކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާ ހަލާކުކުރަނީ މުސްލިމުންގެ ލޭބޯ މޯދީ