މަޝްހޫރު މީސްމީޑިއާ މަންސަ، ފޭސްބުކުން ހިންގާ އިންސްޓަގްރާމް އާއި މެސެންޖާގެ ޗެޓްތައް އެއްކޮށްލައި، އެއް އެޕްލިކޭޝަނެއްގެ ތެރެއިން ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓެކްނޮލޮޖީގެ މަޢުލޫމާތުތައް ގެނެސްދޭ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، ފޭސްބުކުން މިހާރު ތައްޔާރު ވަމުން އަންނަނީ އެންޑްރޮއިޑާއި އެޕަލްގެ އާލާތްތަކަށް ވެސް މިގޮތަށް އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ޗެޓްތައް އެއްކޮށްލުމަށް އާ އެޕްލިކޭޝަނެއް ނުއުފައްދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފޭސްބުކުން ނިންމާފައި ވަނީ އިންސްޓަގްރާމް އެޕްގައި، މެސެންޖާ ފަންގްޝަން ބޭނުންކުރެވޭ ގޮތަށް ބަދަލެއް ގެނައުމަށެވެ. މީގެ އިތުރުން މި ބަދަލާއެކު ގިނަ އަދަދެއްގެ އާ އިމޯޖީ އާއި އިތުރު ފީޗާތައް މި އަޕްޑޭޓުގައި ފެނިގެންދާނެ ކަމަށް ވެއެވެ. މިގޮތުން "ސްވައިޕް-ޓު-ރިޕްލައި" އާއި ފޭސްބުކް ރައްޓެހިންނާއި އިންސްޓްގްރާމުން ވާހަކަ ދެއްކުން ފަދަ ފީޗާތައް އަންނާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ފޭސްބުކުން އެ ކުންފުނީގެ އެޕްތައް ގުޅުވުމަށް ގިނަ މަސައްކަތްތައް ކުރަމުން ދެއެވެ. މިގޮތުން ފާއިތުވެދިޔަ ދެ އަހަރެއްހައި ދުވަސް ތެރޭގައި އެއް އެޕްލިކޭޝަނަކާއި އަނެއް އެޕްލިކޭޝަން ގުޅޭ ގިނަ ބަދަލުތައް ގެނެސްފައި ވެއެވެ.

މެސެންޖާ އާއި އިންސްޓަގްރާމް ޗެޓްތައް އެއްކޮށްލުމުގެ މަސައްކަތް ފޭސްބުކުން ކުރަމުންދާއިރު، އެ ކުންފުނީގެ ސީއީއޯ، މާކް ޒަކަބާގް ވަނީ ކުންފުނިން ހިންގާ ހުރިހާ މަންސައެއްގެ މެސެޖިން ސާވިސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ފަދަ ބަދަލެއް ގެނައުމަށް ތައްޔާރުވަމުން އަންނަކަން މީގެ ކުރިން ހާމަކޮށްފައެވެ.