ޝައްކެއްވެސް ނެތް ގޮތުގައި ސްމާޓް ފޯނުތަކާއި ސްމާޓް ގަޑިތަކުން އަދި އެނޫންވެސް ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުން އިންސާނުންނަށް ގެއްލުންތަކެއް ލިބެއެވެ. އެހެންނަމަވެސް، އެނގެން ޖެހޭ އެއް ކަމަކީ، އެތަކެތިން ގެއްލުން ނޫނަސް، އެތައް ފައިދާތަކެއްވެސް ލިބޭ ކަމެވެ. އެތަކެތީގެ ސަބަބުން، އަޅުގަނޑުމެންގެ ދިރިއުޅުން އެތައް ތަނެއް ފަސޭހަވެފައިވާކަމެވެ.

މިއީވެސް އެފަދަ މިސާލެކެވެ. ސްމާޓް ގަޑިއެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވުމަށް މަގުފަހިވި ގޮތުގެ ވާހަކައެކެވެ.

މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު، ގެސްޓަން ޑި އެކުއިނޯ ނަމަކަށް ކިޔާ ހޮންގ ކޮންގ ގެ ރައްޔިތަކު، ހަވީރު ގަޑީގައި މަސްއޫލުވެގެން އުޅެމުންދިޔައީ، އެމީހުން ފާހަގަ ކުރާ މުނާޞަބަތެއްގެ ކަންތަކާއެވެ. އެދުވަހު، އެކަންތައްތަކުގައި މަސްއޫލުވެގެން އުޅެމުން ދަނިކޮށް، އޭނާގެ އަތުގައި އަޅާފައި އޮތް ސްމާޓް ގަޑި، މީގެކުރިން ނުތެޅޭ ނުވަތަ ވައިބްރޭޓް ނުވާގޮތަކަށް ވައިބްރޭޓް ވަމުން ދިޔައެވެ.

އުމުރުން 76 އަހަރުގެ އެކުއިނޯ، އޭނާގެ ގަޑިއަށް ބަލާލުމުން، ހިތުގެ ވިންދު ޖަހާ ރޭޓު އަވަސްވެފައިވާކަމަށް ބުނެ ނޮޓިފިކޭޝަން އައިސްފައިވެއެވެ. އެކަމަށް ވިސްނާލުމަށްފަހު، އޭނާއާއި އޭނާގެ އާއިލާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

ހޮސްޕިޓަލަށް ގޮސް އީސީޖީ ހެދުމަށްފަހު، ކާޑިއޯލޮޖިސްޓް އަކަށް ނުވަތަ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދިނެވެ. ހިތުގެ ޑޮކްޓަރަށް ދެއްކުމުން، އެފަރާތްތަކުގެ އިތުރު ޓެސްޓުތައް ހެދުމަށްފަހު ބުނެފައިވަނީ އެކުއިނޯގެ ހިތުގެ މައި ލޭ ހޮޅިތައް ނުވަތަ ކޮރޯނަރީ އާޓަރީތައް ބްލޮކޮވެފައިވާކަމަށެވެ. އަދި، ލޭ ޕަމްޕު ކުރަމުންދިޔައީ އެންމެ ލޭހޮޅިއަކުންކަމަށެވެ. އެހެންނަމަވެސް، އެލޭހޮޅިވެސް ވަރަށް ބޮޑަށް ބްލޮކުވެފައިވާކަމަށް ބުނެފައިވެއެވެ.

އެކުއިނޯ

އޭގެފަހުން، އެކުއިނޯގެ ބެލޫން އެންޖިއޯޕްލާސްޓީ އޮޕަރޭޝަނެއްވެސް ކޮށް، އެކަމުން މިހާރުވަނީ މުޅިންހެން ރަނގަޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ޑޮކްޓަރުން ބުނެފައިވަނީ، އެޕަލްގެ ސްމާޓް ވޮޗުން، ޞައްހަކަމާއެކު ހިތުގެ މައުލޫމާތު އެއްކޮށް، ނޮޮޓިފިކޭޝަން ފޮނުވުމުން ހައިރާންވާކަމަށެވެ. އަދި، އެޕަލް ސްމާޓް ގަޑީގެ ސަބަބުން މިކަން ނޭނގުނުނަމަ، އެކުއިނޯ އަށް ނުރައްކާތެރި ހާޓް އެޓޭކް އެއް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން، އެކުއިނޯ ވަނީ އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް އަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި އޭނާގެ އާއިލާގެ އިތުރު މެންބަރުންތަކެއް، އެޕަލް ސްމާޓް ގަޑިވެސް ގަނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު