ކޮވިޑް19ގެ މި ނުރައްކާތެރި ވަގުތުގައި ގޭގައި ތިބެގެން ހަންގަނޑަށް އަޅާލުމަކީވެސް ކުރަން ވަރަށް މުހިންމު ކަމެކެވެ. ސެލޫން ފަދަ ތަންތަނަށް ދިޔުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމުން، ގޭގައި އަމިއްލައަށް ހަންގަނޑަށް އަޅާލުމަކީ ގިނަ ބަޔަކު އިސްކަންދޭން ޖެހޭ ކަމެކެވެ.

ޑރ. ސިމަލް ސޮއިން ހިއްސާކޮށްފައިވާ މި ހަ ކަމުންވެސް ގޭގައި ތިބެގެން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެކަން ޔަގީނެވެ.

ރަނގަޅު ކާނާ ކެއުން:

ގޭގައި ތިބުމުގެ މާނައަކީ މުޅި ދުވަސް އެއްކޮށް ލުއި ކާނާ ނުވަތަ ހަށިގަނޑަށް ފައިދާ ނުކުރާ ކާނާ ކެއުމެއް ނޫނެވެ. ހެނދުނުގެ ނާސްތާ ރަނގަޅަށް ކެއުން، މެންދުރުގެ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން އަދި ރޭގަނޑުގެ ކެއުމުގައި މަދު މިންވަރެއް ކެއުމަށް ޑރ. ސިމަލް ސޮއިން އިރުޝާދު ދެއްވައެވެ. ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ބާވަތްތައް ކެއްކުމުގައި ބޭނުންކުރުން ވެސް ހިމެނެއެވެ. މިގޮތުން ރީނދޫ، އިނގުރު، ލޮނުމެދު، އަސޭމިރުސް ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ. ރަނގަޅު ކާނާ ކެއުމުން ހަންގަނޑުން އެކަން ފެންނާނެއެވެ.

ފެންބުއިން:

ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ދުވާލަކު 8-10 ތަށި ފެން ބުއިމަކީ ގޭގައި ތިބޭއިރު ކޮށްލަން ވަރަށް ފަސޭހަކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ސްކްރީންގެ އަލިން ހަންގަނޑު ރައްކާތެރިކުރުން:

ސްކްރީނުގެ އަލިން ނުރައްކާވަނީ ހަމައެކަނި ލޮލަކަށް ނޫނެވެ. ހަންގަނޑަށް ވެސް އޭގެ ނުރައްކާތެރިކަން ފޯރައެވެ. ލެޕްޓޮޕް، ޓީވީ އަދި ފޯނު ފަދަ އެއްޗެހި ގޭގައި ތިބެގެން ބޭނުންކުރާއިރުވެސް ސަން ސްކްރީން ބޭނުން ކުރުމަކީ ހަންގަނޑަށް ރައްކާތެރި ގޮތެވެ.

ނިދި ހަމަކުރުން:

ބަލާހިތްވާ ފިލްމުތަކާއި ޝޯވތައް ހުރިކަމުގައި ވީ ނަމަވެސް އަވަހަށް ނިދުމާއި އަވަހަށް ހޭލުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ރެއަކުވެސް މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރަން ޖެހެއެވެ.

ހަންގަނޑު މޮއިސްޗަރައިޒް ކުރުން:

މިހާރު ގިނަގިނައިން އަތްދޮވުމާއި ސެނެޓައިޒް ކުރުމުގެ ސަބަބުން ހަނގަނޑު ހިކެއެެވެ. އެހެންކަމުން ގިނަގިނައިން މޫނާއި އަތުގެ ހަންގަނޑު މޮއިސްޗަރައިޒް ކުރުމަކީ ރީތި ހަންގަނޑަކަށް ވަރަށް މުހިންމު ކަމެކެވެ.

ވިޓަމިން ސީ ބޭނުންކުުރުން:

ވިޓަމިން ސީ ބޭނުންކުރުމުން ހަންގަނޑު ހަލާކުވުން ކުޑަކޮށް ހަންގަނޑު އަލިކޮށްދެއެވެ.