މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު 200 ބިލިއަން އެމެރިކާ ޑޮލަރަށް އެރި ފުރަތަމަ މީހަކަށް އެމެރިކާގެ އެމެޒަން ކުންފުނީގެ ވެރިޔާ ޖެފް ބެޒޮސް ވުމުން އޭނާ އާއި ދެކޮޅަށް އާއްމުން މުޒާހަރާ ފަށައިފިއެވެ.

އެމެޒަންގެ ވެރިޔާ ޖެފްގެ މިލްކިއްޔާތު 200 ބިލިއަން އެމެރިކާ ޑޮލަރަށް އެރުމާއި ދިމާކޮށް ވޮޝިންޓަންގައި ހުންނަ އޭނާގެ ގެ ކައިރީގައި 100 އަށް ވުރެ ގިނަ މީހުން އިއްޔެ ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި މީހުން ގޮވާލާފައި ވަނީ އެމެޒަންގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށެވެ. އެމެޒަންގެ އާދައިގެ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް ދެނީ ގަޑިއިރަކަށް 15 އެމެރިކާ ޑޮލަރެވެ. މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި ޖެފް ކޮންމެ ސިކުންތަކު 4000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާއިރު މުވައްޒަފުންނަށް ދެނީ މާކުޑަ މުސާރައެކެވެ.

ބުދަ ދުވަހު ޖެފްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އެރީ އޭނާގެ އީ-ކޮމާސް ކުންފުނި އެމެޒަންގެ ހިއްސާއަކަށް ޖެހޭ އަދަދު 3438 އެމެރިކާ ޑޮލަރަށް އެރުމުންނެވެ. ކޮވިޑް-19 އާއި އެކު ގިނަ ބަޔަކު އޮންލައިންކޮށް ވިޔަފާރި ކުރަން ފެށުމުން އެމެޒަންގެ ވިޔަފާރި ވަނީ ވަރަށް ރަނގަޅު ވެފައެވެ. "ފޯބްސް" އިން ބުނާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ޖެފްއަށް ވަނީ 85 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހަކީ ޖެފްއެވެ.

"ފޯބްސް" އިން ބުނާ ގޮތުގައި ދެވަނަ އަށް އެންމެ މުއްސަނދި މީހަކީ އަދިވެސް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްއެވެ. އޭނާގެ މިލްކިއްޔާތުގައި 124 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ބުދަ ދުވަހު ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ވެސް ވަނީ 100 ބިލިއަން އެމެރިކާ ޑޮލަރު ފަހަނައަޅައި މައްޗަށް ޖެހިލާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ އެތައް ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރު ކުރަން ވެސް އެމެރިކާގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑު

    އެމެޒޮން އިން ރާއްޖެއަށް ޝިޕް ކުރެވޭތޯ މަސައްކަތް ކޮއްބަލަ . އެއިރުން ކޮލިޓީ މުދާ އަގު ހެޔޮކޮށް ލިބޭނެ.

    10