ރޯދަ މަހަކީ ކޮންމެ އަހަރެއްގައިވެސް މުސްލިމުންނަށް އަންނަ އެންމެ މާތް އެއް މައްސަރެވެ. މި މައްސަރަކީ މުސްލިމުން ރޯދައަށް ތިބެންޖެހޭ މައްސަރަކަށް ވާއިރު، ރޯދައަށް ތިބޭ ތިބުމުގައި ސިއްޙަތާއި މެދު ފަރުވާތެރިވުމަކީ މުޙިންމު ކަމެކެވެ.

ރޯދައަށް ތިބެންޖެހޭ މި މާތް މައްސަރުގައި، ބައެއް ކާނާތަކަކީ ބޭނުން ކުރުން މާ ރަނގަޅު ކާނާތަކަކަށް ނުވެއެވެ. އެގޮތުން ދުވާލު ރޯދައަށް ހުރުމަށްފަހު، ރޭގަނޑު ނުވަތަ ހާރުކާ ގަޑީގައި ކެވޭ ބައެއް ކަހަލަ ކާނާގެ ސަބަބުން ސިއްޙީ ޙާލަތްތަކާއި ދިމާވާއިރު، ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުމުން، ނުވަތަ އެބައިތައް ލިއްބައިދޭ ކާނާ މަދުވުމުންވެސް ސިއްޙަތަށް ނުރަނގަޅު އަސަރު ކުރެއެވެ.

ތިރީގައި މި ބަލައިލަނީ ރޯދަ މަހު ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް އެދޭނަމަ ބޭނުން ކުރުން މުޙިންމު ބައެއް ކާނާތަކަށެވެ.

އެވޮކާޑޯ

އެވޮކާޑޯއަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ މޭވާއެކެވެ. އެގޮތުން އެވޮކާޑޯ ޖޫހަކީ، ޚާއްސަ ގޮތެއްގައި ހޫނު ދުވަސްވަރު ބުއުމަށް ރަނގަޅު ޖޫހަކަށް ވާއިރު، ރޯދަ މަހު ކޮންމެ ރެއަކު ހާރުކާ ވަގުތު އާދަކޮށް އެވޮކާޑޯ ޖޫސްތައްޓެއް ބޯނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ދުޅަހެޔޮކޮށްދޭނެއެވެ. އެވޮކާޑޯގައި ގިނަ ޢަދަދަކަށް ފައިބަރ އާއި ވިޓަމިން އެކުލެވެއެވެ.

ބްރޮކަލީ

ބްރޮކަލީއަކީ، ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ އިތުރުން، ބަލިތައް ޖެހުމުން ދުރުކޮށްދޭ ތަރުކާރީގެ ބާވަތެކެވެ. ބްރޮކަލީ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާނާ ކެއުމަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ކުރާ ކަމަކަށްވާއިރު، އޭގައި އެކުލެވޭ ވިޓަމިން ސީ އަކީ، ފްލޫ އާއި އިންފެކްޝަންތަކުން ރައްކާތެރިވުމަށް މުޙިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ހާރުކާ ވަގުތު، ބްރޮކަލީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވަ ސޫޕެއް ބޯލުމަކީ ރަނގަޅު ގޮތެކެވެ.

އެސްޕަރަގަސް

ފެހި އަދި މަޑު ދަނބުކުލައިގެ ހުންނަ އެސްޕަރަގަސް އަކީ ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީގެ މީރު ބާވަތެކެވެ. މި ތަރުކާރީގައި ވިޓަމިން ކޭ، ޕްރޮޓީން އަދި އަޔަން ގިނަ ޢަދަދަކަށް އެކުލެވިގެންވާއިރު، މީ ބައިތަކުގެ ސަބަބުން ރޯދަ އަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމަށް އެހީއަކަށްވެއެވެ. އެސްޕަރަގަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕެއް، ހާރުކާ ވަގުތުގައި ބޭނުންކޮށްލުން ރަނގަޅެވެ.

އާފަލު

އާފަލަކީ އޭގައި ހަށިގަނޑަށް ބޭނުންވާ ގިނަ ބައިތައް އެކުލެވޭ ގިނަ ބަޔަކަށް މީރު، ވަރަށް ޢާންމު ގޮތެއްގައި ލިބެން ހުންނަ މޭވާއެކެވެ. މަތީގައި ބަޔާން ކުރެވުނު ކާނާތަކުގެ އިތުރުން އާފަލަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ މޭވައެކެވެ. ޚާއްސަ ގޮތެއްގައި ރޯދަމަހު ހާރުކާ ވަގުތުގައި ނުވަތަ ރޯދަ ވީއްލުމަށްފަހު މި މޭވާ ކެއުމުން، ހަށިގަނޑަށް ބޭނުންވާ މިނަރަލްސް ގިނަ ޢަދަދަކަށް ލިއްބައިދެއެވެ. އާދަކޮށް މިގޮތަށް މި މޭވާ ބޭނުން ކުރާނަން، ދުވާލުގެ ވަގުތުތަކުގައި ރޯދައަށް ހުންނައިރު މާބޮޑަށް ވަރުބަލިވުމުން ދުރުކޮށްދެއެވެ.