(ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް)

ފުޅިބައްތި ދިއްލާގެން ދިވެހިން ދިރިއުޅުނު ޒަމާނުގެ ވާހަކައެކެވެ. ހަޤީޤީ ހާދިޘާއެކެވެ. ބައެއް މީހުން މި ވާހަކަ ޤަބޫލުކުރެއެވެ. އެނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ ހަސަން ބެއްޔާއަށް ދިމާވި ކަމެއް ނޫނެވެ. އެއީ އޭނާ ހަދަހަދައިގެން ދައްކާ ފުލޯކު ވާހަކައެކެވެ. އެހެނަސް މިއީ އެމީހަކު ކިޔައިދިން ގޮތަށް، ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ބޭނުންކޮށްފައިވާނީ އަސްލު ނަން ނޫން އެހެން ނަން ނަމެވެ.

ހއ. ދިއްދޫއަކީ ބޮޑު ރަށެކެވެ. ނަމަވެސް މީހުން އާބާދުވާން ފެށި ދުވަސްވަރުކަމުން ދިއްދޫގެ އާބާދީއަކީ ގުނައިލެވޭނެހާ ކުޑަ އާބާދީއެކެވެ. ލޯބިން ގުޅޭ ދެ ހިތެއްގެ ވެރިންނަށް ކުއްޖަކު ލިބުމުގެ ކުރިން ގެ އަޅައި ހަދައެވެ. އެއްބަޔަކު ގެ އަޅަނީ އެހެން ގެތަކާއި އެއް އިންވެގެންނެވެ. އެނެއް ބަޔަކު ގެ އަޅަނީ އެ ގެތަކާއި މާ ދުރުގައެވެ. ވަލުތެރެ ކައިރީގައެވެ. ނޫނީ އެއީ ވަލުތެރެއެވެ. އެކި ކަހަލަ މައްސަލަތަކުގައެވެ. ބައްޕަ ނުރުހޭތީއެވެ. މަންމަ ޤަބޫލުނުވާތީއެވެ. ދިރިއުޅުން ފުރިހަމައަށް ޤާއިމްކުރުމުގެ ނިޔަތުގައެވެ. ހަރުދަނާކުރުމުގެ ބޭނުމުގައެވެ. އެހެން މީހުންގެ އުނދަގޫ ނުފޯރުވޭނޭ ހިސާބުގައެވެ. އެގޮތުން ދެތިން ގެ ހުންނަނީ ވަލުތެރެ ކައިރީގައެވެ.

ރަށުގެ ކޮންމެ ދިމާއަކަށް ބަލައިލި ކަމުގައި ވީނަމަވެސް ފެންނާނީ އެއްބައިވަންތަކަމެވެ. އެކަކު އަނެއް ކަކަށް އަޅައިލާ މަންޒަރެވެ. އެމީހަކަށް ވީވަރަކުން އެހެން މީހުންނަށް އެހީތެރިވެދޭ ތަނެވެ. އެއްވެސް އަގަކަށެއް ނޫނެވެ. އެމީހަކަށް ލިބޭނެ ހެޔޮކަމެއްގެ ގޮތުގައެވެ. އާއެކެވެ! މީހަކު ވެދޭ އެހީތެރިކަމެއް ހެޔޮ ފޮތުގައި ނުލިޔެވި ނުދާނެއެވެ. އެކަމުން އެމީހަކަށް މަންފާކުރާނެ ދުވަހެއް އަންނާނެއެވެ.

ހަސަން ބެއްޔާއަކީ ރަށުގައި ހުރި މިސްކިތުގައި އިމާމުވެ ނަމާދުކުރާ މުދިމެވެ. އަބަދުބެ އުޅޭނީ ހެޔޮ އަމަލު ގިނަކުރުމުގައެވެ. އަޚްލާޤް ކިތަންމެހާވެސް ރަނގަޅުވާނެއެވެ. ނިކަން މީހުންނަށް ހެޔޮވާނެއެވެ. ކަމަކު ބުނެފިނަމަ އެކަމެއް ނުކޮށްދީ ނުދާނެއެވެ. އެންމެ އާދާއިގެ ކަންކަމުން ގޮސް އެންމެ ބޮޑެތި ކަންކަމެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ކުދި ބޮޑު އެންމެން ހަސަން ބެއްޔާއަށް ވަރަށް ކަމޭހިތާނެއެވެ. ވަރަށް އަދަބު އިޚްތިރާމްކުރާނެއެވެ.

މީހަކު ބަލިހާލުވެއްޖެނަމަ އެމީހަކު ރަނގަޅުވެ، ގަދަވާދެއް ހަސަން ބެއްޔާއަށް ކުރެވުނު ކަމެއް ކޮށްދެއެވެ. ފެން ކިޔަވާނެއެވެ. ހެޔޮ ދުޢާކޮށްދޭނެއެވެ. ބަލި ހާލުގައި އޮންނަ މީހާއަށް ޒިޔާރަތްކުރާނެއެވެ. ޒުވާން އުމުރު ގޮސް، ބޮލުގައި އޮތް ވަރުގަދަ އިސްތަށިގަނޑު ފައިބެ، ތަލަވަމުން ގޮސް މުސްކުޅި އުމުރަށް އެޅުނީ އެއްވެސް ނަމާދެއް ވައްޓައި ނުލައެވެ. ވަރުގަދަ ހަށިގަނޑު ނިކަމެތިވެ ތުރުތުރު އަޅަން ފެށުމުންވެސް ކުޑަކުދިންނަށް ޤްރުޢާން ކިޔަވައި ދިނުން ދޫކޮށެއް ނުލައެވެ.

"ހަސަން ބެއްޔާ! ހަސަން ބެއްޔާ!"

ހަސަން ބެއްޔާ ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު ގޮވައިލުމުންނެވެ. ނިކަން ބާރަށެވެ. ހަސަން ބެއްޔާ ލޯ އުނގުޅައިލާ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. މުޅި ތަންވަނީ ކަޅު އަނދިރިކަމުން ބައްދާފައެވެ. ގޭގައި އެލުވާފައި ހުރި ފުޅި ބައްތި ހުރީ ނިވިފައެވެ. ސާފު ތެޔޮ ހުސްވީއެވެ. ހަނދާންނެތިގެން ބައްތިއަށް ތެޔޮ ނާޅައި އޮށޯވެވުނީއެވެ.

"ބެއްޔާ! ބެއްޔާ! ހަސަން ބެއްޔާ!"

އެމީހަކު ގޮވުމުގެ އަޑު ކެނޑިގެން ނުދެއެވެ. ހަސަން ބެއްޔާ އަވަސް އަވަހަށް ބޮޑު އަށިމަތިން ތެދުވިއެވެ. މުންޑު އަތަށް ބޮނޑިކޮށްލަމުން ގޭގެ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ފަނުން ވިޔެފައި ހުރި ފަންގި ދޮރުފަތުގެ ދެ ފަރާތުގައި ވަރުގަދަޔަށް އައްސާފައި ހުރި ރޯނުފަށް މޮހައި ދޮރު އެއްފަރާތަށް ޖައްސައިލިއެވެ.

"ކާކު؟" ހަސަން ބެއްޔާ ބޭރަށް ނަޒަރު ހިންގައިލިއެވެ.

ހަސަން ބެއްޔާ ލޯ ކުޑަކޮށްލައި ބޭރުން މީހަކު ސިފަވޭތޯ ބަލައިލިއެވެ. ވާތްފަރާތުގައި މީހަކު ހުރިހެން ހީވުމުން އެ ދިމާއަށް ކަޅި ހިންގައިލިއެވެ.

"އަހާ! އާދަނުތަ؟" ހަސަން ބެއްޔާއަށް ތަންދޮރު ސިފަވާން ފެށުމުން ވާހަކަ ދެއްކިއެވެ. "ކޮއްކޮ ކަމަކުތަ؟"

"ބެއްޔާ! ހަސަން ބެއްޔާ! އަހަރެންގެ އަންހެނުންނަށް ނުވިހިގެން އުޅޭތީ މިއައީ." އާދަނުގެ މުޅި ހަށިގަނޑުން ދާ ތިކިތައް އޮހެރެމުން ދެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. "ބެއްޔާ! ހިނގައި އަޅުގަނޑުމެނަށް ކޮންމެވެސް ކަމެއް ކޮށްލަ ދެއްވަން."

"އާނ! ހުރޭ މިއަންނަނީ!" ހަސަން ބެއްޔާ އެތެރެއަށް ވަނެވެ. ލާންގެންގުޅޭ ހުދުކުލައިގެ ޓީޝާރޓް ބޮލަށް މަހައިލިއެވެ. ފެން ބަނޑިޔަލަށް ލޯވަށި ގަންބައިލާ ނެގި ފެން ތަށި އެއްނޭވައިން ދެބައި ކޮށްފަ އެއްބައި ބޮއެލިއެވެ. އެނެއް ބައިން އަނގަތެރެ ސާފުކުރަމުން ނުކުމެ، ޕޫސް ކިޔާފައި ދުރަށް ފެންތައް ބުރުވައިލިއެވެ.

"ތިޔާ ކިހާ ހިސާބެއްގައި ހުންނަ ގެއެއް؟ މިހާރު ކަމަނަ ދައިތަ އަތުވެއްޖެތަ؟" އާދަނާއެކު ހިނގަމުން ހަސަން ބެއްޔާ ދެތިން ސުވާލެއް އަމުނައިލިއެވެ.

"އެހާ ދުރެއް ނުވާނެ. މިތާ ކައިރީގައި ހުންނަ ގެއެއް އެއީ. އެންމެވެސް އެބަތިބި." އާދަނު ކުރިއަށް ހިނގަމުން ދިޔަ މަގުގެ ކުރިއަށް އަތުން އިޝާރާތްކޮށްލިއެވެ.
-----------
"ކޮބައި؟ އަދިވެސް ނުދެވޭތަ؟" ހިނގަން ފެށިތާ އިރުތަކެއް ވުމުން ހަސަން ބެއްޔާ އާދަނާ ދިމާއަށް ބަލައިލިއެވެ.
"ނޫނޭ! ހަމަ އިރުކޮޅަކުން ދެވޭނެ." އާދަނު ވާހަކަދެއްކީ ކުރިއަށް ބަލަހައްޓައިގެން ހުރެއެވެ.
-----------
"އަދިވެސް ނުދެވެއެއްނުން؟" ހަސަން ބެއްޔާ އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ހުރެ ދާން ބޭނުންވާ ތަނަށް ނުދެވި ވަރުބަލިވާން ފެށިއެވެ.
"ނޫނޭ! އިރުކޮޅަކުން ދެވޭނެ. މިހާރު ވަރަށް ކައިރިވެއްޖެ." އާދަނު ހުއްޓުމެއް ނެތި ހިނގަމުން ދިޔައީ ކުރިއަށެވެ.
-----------
"އާދަނާ! ބެއްޔާ މިހާރު ވަރަށް ވަރުބަލި ވެއްޖެ." ހަސަން ބެއްޔާ ހަރު ހިނގުމެއްގައި ހުރެ ހިނގުން މަޑު ޖައްސައިލިއެވެ.

"މި މަގުން އެޅީމަ ގެ ފެންނާނެ."

ތެދެކެވެ. ކުރިއަށް އަޅަން އޮތް މަގުން އެޅުމާއެކު ބޮޑު ފަން ގެއެއް ފެނުނެވެ. މުޅި ގެ ވަނީ ފުޅި ބައްތިތަކުން އަލިކޮށް ޖަރީކޮށްފައެވެ. ގޭގަ ހުރިނަމަ ހުރި ދޮރެއް ވަނީ ހުޅުވާފައެވެ. އެންމެ ކުޑަ ދޮރުން ގޮސް އެންމެ ބޮޑު ދޮރާ ހަމައަށެވެ. އެ ދޮރުތަކުން ފުޅި ބައްތީގެ އަލިތައް ނުކުމެ މުޅި ގެ ވަށައިގެން ދިއްލިފައި ހުއްޓެވެ.

އާދަނުގެ ފަހަތުން ގޮސް ހަސަން ބެއްޔާ ގޭތެރެއަށް ވަނެވެ. ހަސަން ބެއްޔާ ފެނުމާއެކު، ގޭގެ ބޮޑު އަށިމަތީގައި ދުފަން ތިބި އެންމެންގެ މޫނު މައްޗަށް ވެރިވީ ހިނިތުންވުމެވެ. ހިތްތަކަށް ގެނުވީ އުފާވެރިކަމެވެ. ފަހަރަކު މީހަކާއި އަރާ ހަމަވާއިރަށް އެމީހަކު ހަސަން ބެއްޔާއަށް ގޮވައިލަނީ ނިކަން މަޑުމައިތިރިކަމާއެކުގައެވެ. ހަސަން ބެއްޔާވެސް އެއިން ކޮންމެ މީހަކަށް އެ މީހެއްގެ ނަމުން މުޚާތަބުކުރަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.

"އަވަހަށް ފެން ތައްޓެއް ގެނެސްދީ!" ހަސަން ބެއްޔާ ގޭތެރޭގައި ހުރި ލަކުނޑި ގޮނޑިއެއްގައި އިށީނެވެ.

"އިރުތަކެއް ނުވެ ދެން މިކޮއި ވިހަދާނެ." ވިހަން ވައްދާފައި އޮތް ތަނުގައި ދަމާފައި ހުރި ހުދު ކުލައިގެ ފޮތިގަނޑު ދުރުކޮށް ނުކުތް މުސްކުޅި އަންހެނަކު އެންމެނަށް ޚަބަރު ދިނެވެ.
ކުއްލިއަކަށް ދިއްލާފައި ހުރިނަމަ ހުރި ފުޅި ބައްތިތަކެއް ނިވިގެން ދިޔައެވެ. މުޅި ތަނަށް ކަޅު އަނދިރިކަން ވެރިވެގަތެވެ. ހީވީ ލޮލުގެ ފެނުން ދިޔައީހެންނެވެ. ހަސަން ބެއްޔާގެ ގައިން ހީބިހި ނަގައިގަތެވެ. އެޔާއެކު އޭނާ އިންތަނުން ވެއްޓުނެވެ. އޭނާ ވެއްޓުމުގެ ތެރޭގައި ހަށިގަނޑުގެ އެތަން މިތަނުގައި ކަށި ޒާތުގެ އެއްޗެއް އެޅެމުން ދިޔައެވެ. އޭނާ ވެއްޓުނީ ފަންތަކެއްގެ މަތީގައި ފުރޮޅެމުން ފުރޮޅެމުންނެވެ.

ހަސަން ބެއްޔާ ގޮސް ގުޅަވީ ވެލިގަނޑު މައްޗަށެވެ. ވީދަތުންނާއި ގަންފައި ހުރި ބިރެއްގެ ސަބަބުން ވެލިގަނޑު މައްޗަށް ވެއްޓުމާއެކު ޖެހި ލަތްކެއްހެން ހަސަން ބެއްޔާ ތެދުވިއެވެ. އަވަސް އަވަހަށް ވަށައި ބަލައިލިއެވެ. އޭނާ ހުރީ ވަލުތެރޭގައެވެ. ކަށިކެޔޮ ވަލެއްގައެވެ. އެތަނަށް ވަދެވުނު ގޮތެއް ނުކުންނާނެ މަގެއް ފެންނާކަށް ނެތެވެ. އެހެނަސް ޖެހިލުން ވެފައި ހުރިލެއް ބޮޑުކަމުން ކަށިކެޔޮ ގަސްތަކުގެ ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް، ދެމެމުން ކޭތެމުން ހޭޅި ފަށަށް ނުކުތްއިރު މީހާގެ ގައިން ވަނީ ލޭ ކޮށާލާފައެވެ. ގައިގެ އެތަން މިތަނަށް ވަނީ ކުދިކުދި ކަށިތައް ހެރިފައެވެ.

ގޮނޑުދޮށަށް ނުކުމެވުމާއެކު މިހާރު ފަތިހުގެ ބަންގި ގޮވައި ނިމޭނެކަން ހަސަން ބެއްޔާއަށް ޔަޤީންވިއެވެ. ހިންދިރުވާލައި އޭނާ ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. ނިކަން ބިރުން ހުރެއެވެ. އޭރުވެސް ހަކަހަކަ ޖަހައި ބަޔަކު މީހުން ހޭފައްގަނޑު އޭނާއަށް އިވިއިވި ހުއްޓެވެ. ކިތަންމެ ރަނގަޅު މީހަކަށްވެސް ދެރަ ގޮތެއް ދިމާވެދާނެއެވެ. އެއީ އެމީހަކަށް ކުރިމަތިވާ އިމްތިޙާނަކަށް މެނުވީ ނުވާނެއެވެ.

ހަސަން ބެއްޔާގެ ހާލަކީތޯއެވެ؟ އޭގެ ފަހުން ހަސަން ބެއްޔާވީ އިތުރަށް ރަނގަޅެވެ. ހެޔޮ އަމަލުކުރުންވީ ގިނައެވެ. ހިނދުކޮޅަކަށް ގެއިން ބޭރަށް ނުކުތަސް ގެއިން ބޭރަށް ދިއުމުގެ ކުރިން ކިޔައި ދުޢާ ކިޔައެވެ. ގެއަށް ވަންނަމުން ދުޢާކުރެއެވެ. އެ ހާދިޘާގެ ފަހުން ހަސަން ބެއްޔާއަށް އެއްވެސް އެކަހަލަ ގޯނާއެއް މީހަކު ނުކުރެއެވެ. އެއްވެސް ކަމަކަށް ދަތިވެގެންނެއްވެސް ނޫޅެއެވެ.

-ނިމުނީ-